ބިލެތްފަހީގައި އާ އިންޖީނުގެ އެއް އެޅުމަށް ބަޔަކު ހޯދަނީ

ށ. ބިލެތްފަހި އިންޖީނުގެ އެއްކޮށް އަނދާ ހުލިވުމާއި ގުޅިގެން އެރަށުގައި އަލުން އިންޖީނުގެ އެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކުންފުނިން ދޭ މައުލޫމާތާއި ކުރެހުމާއި ބީއޯކިޔުއާ އެއްްގޮތަށް ބިލެތްފަހީގައި ޕްރީފެބްރިކޭޓެޑް ޕަވަ ހައުސްއެއް އަމިއްލަ ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯދަންބޭނުންވާ ކަމަށެވެ.
އެ އިއުލާނުގައި ބުނީ މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ 11:30 އަށް އެ ކުންފުނީގެ ހެޑް އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު، އަންނަ މަހުގެ ފަސްވަނަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހަޅަން އެދޭ ކަމަށެވެ.
ބިލެތްފަހި އިންޖީނުގޭގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަލިފާނުގެ ހާދިސާއެއް ހިނގީ މުޅި ރަށަށް ކަރަންޓު ފޯރުކޮށްދޭން ބޭނުން ކުރަމުން ދިޔަ އިންޖީނު ލޯޑު ބޮޑުވުމުގެ ސަބަބުން އިންޖީނުގެ ޓާބޯގައި ރޯވުމާއި ގުޅިގެންނެވެ.
ބިލެތްފައްސަށް މިހާރު ކަރަންޓް ދެމުންދަނީ ވަގުތީ ހަޓެއްޖަހައިގެން ހިޔާކޮށްގެން އެތަނުގައި ޖަނަރޭޓަރު އިންސްޓޯލް ކޮށްގެންނެވެ.
އާބާދީގައި ގާތްގަނޑަކަށް 700 މީހުން ދިރިއުޅެމުން އަންނަ ބިލެއްފެހީގައި ހިނގި އެ ހާދިސާއާ ގުޅިގެން އެ ރަށް ކަނު އަނދިރީގައި ވަނިކޮށް ފެނަކައިން އެރަށަށް ވަގުތީ ކަރަންޓް ދީފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެރަށަށް ވަގުތީ ކަރަންޓް ދީފައިވަނީ ށ. ފޭދޫގައި ބޭނުން ކޮށްފައިވާ 120 ކިލޯ ވޯޓްގެ ޖަނަރޭޓަރު ގެންގޮސްގެން ނެވެ. މި ހާދިސާގައި ދެ މިލިއަން ނުވަތަ ތިން މިލިއަން ރުފިޔާގެ ގެއްލުމެއްވެފައިވާ ކަމަށް ބިލެތްފަހި ކައުންސިލުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ