ސަރުކާރުގެ ސިޔާސަތުތަކާ ރައްޔިތުން ދެކޮޅު: ރިޔާޒު

ސަރުކާރުގެ ސިޔާސަތުތަކާ ރައްޔިތުން ދެކޮޅުކަން ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ސާފުކޮށް ބުނެފި ކަމަށާއި ރައީސް އަބްދުﷲ ޔާމީން ގާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގަންނަވަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ އަބްދުﷲ ރިޔާޒު ވިދާޅުވީ ސިޔާސީ ލީޑަރުން ހައްޔަރު ކުރުމަކީ ރައްޔިތުން އެދޭގޮތް ނޫންކަން ރައްޔިތުން ވަނީ އިންތިޚާބުގެ ނަތީޖާއިން ދައްކާދީފައި ކަމަށެވެ. އަދި ކާޑާއި ކަރަންޓްގެ އަގު ބޮޑުކުރުން އެއީ ރަގަޅު ބަދަލެއް ކަމަށް ރައްޔިތުން ގަބޫލު ނުކުރާކަން ކައުންސިލް އިންތިހާބުގެ ނަތީޖާއިން އެނގިއްޖެ ކަމަށް ރިޔާޒު ފާހަގަކުރެއްވިއެވެ.
" ސަރުކާރުގެ ސިޔާސަތުތައް ގަބޫލު ނުކުރޭ، އެކަން އެ ދައްކައިދިނީ ވަރަށް ހަމަހިމޭންކަމާއެކު ތިބެގެން އެމީހުނަށް ލިބުނު ފުރުސަތުގަ. ދެންވެސް ދެން އޮތް އިންތިހާބެއްގައި ރައްޔިތުންގެ ތާއީދު ހޯއްދަވަން ރައީސް ޔާމީން ބޭނުންފުޅިއްޔާ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް އެމަނިކުފާނުގެ އަމަލުތައްވެސް ސިޔާސަތުތައް ބަދަލުކުރާން ޖެހޭ" ރިޔާޒު ވިދާޅުވިއެވެ.
އެއްވެސް ބޭފުޅަކާއިމެދު ޒާތީ ހިތްހަމަނުޖެހުމެއް ނެތް ކަމާއި އުމުރުގެ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހުންނަވާނީ ރައްޔިތުންގެ ހިދުމަތުގައި ކަމަށްވެސް އަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާމެދު ކޯޓު އަމުރެއްގެ ދަށުން އަމަލު ކުރެވެމުންދަނީ ޕާޓީގެ މަސައްކަތްތައް ހުއްޓުމަކަށް އަންނާނެ ގޮތަކަށް ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ދައުވާއަކީއެއްވެސް އަސާސެއް ނެތް ދައުވާއެއްކަން ފާހަގަކުރައްވާ އޭނާ ވަނީ ގައުމަށް ހަމަޖެހުން ގެނައުމަށް ރައީސް ޔާމީނަށް އިލްތިމާސް ކުރައްވާފައެވެ.
" އަޅުގަނޑުމެނަކީ ސިޔާސީ މީހުން، ސިޔާސީ މަސައްކަތް ކުރަން ޖެހޭނެ. ގާނޫނާ ހިލާފަށް ސަރުކާރުން ކަމެއް ކުރާ ކަމަށްވާނަމަ އެކަމެއްގެ ވާހަކަ ރައްޔިތުންނާ ހަމައަށް ގެންނަން ޖެހޭނެ. ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް ހަފްތާއަކު ހަތް ދުވަހު، 24 ގަޑިއިރު ކުރަން ޖެހޭ ބައެއް އަޅުގަނޑުމެނަކީ. އެކަމަށްޓަކައި އަޅުގަނޑުމެން އިންތިހާބު ކޮށްފައި މިތިބީ. އަޅުގަނޑުގެ ބަސް އެންމެ ފަހާ ހަމައަށް އެއީ މައްސަލައެއްގައި ހުކުމެއް އައިސްގެން ޖަލުގައި އޮންނަން ޖެހުނަސް ޖަލުގައި އޮވެގެންވެސް ﷲގެ ރަހްމަތްފުޅުން ރައްޔިތުންނަށް އިއްވާނަން،" ރިޔާޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ