ޖޭޕީއިން ކުރިއަށް އޮތް ތަނުގައި އިންތިހާބުތަކަށް ޕްރައިމަރީ ބާއްވާނެ: ގާސިމް

ޖުމްހޫރީ ޕާޓީއިން ކުރިއަށް އޮތް ތަނުގައި ވާދަވެރި އިންތިހާބުތަކަށް ޕްރައިމަރީ ބާއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. މިރޭ ޖުމްހޫރީ ޕާޓީއަށް މިރުފަތު އިސްމާއިލް ޝަފީގު ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ގާސިމް ވިދާޅުވީ، އެއް މަގާމަކަށް އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިލާ ނަމަ ޕްރައިމަރީ ބާއްވަން އެ ޕާޓީއިން އެންމެ ފަހުން ބޭއްވި ކައުންސިލު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. "އެމްޕީ ކަމަށް ނުވަތަ ކައުންސިލަށް ކުރިމަތިލުމުގައި ވާދަވެރި މާހައުލެއްގައި އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅަކު ގުޅިވަޑައިގަންނަވަން ބޭނުންފުޅުވާނަމަ ކުރިއާ ހިލާފަށް އަޅުގަނޑުމެން ބޭނުން ޕްރައިމަރީއެއް ބާއްވައިގެން ކޮންމެ ކަމެއްވެސް ކުރިއަށް ގެންދާ ގޮތަށް ނިންމަން،" ގާސިމް ވިދާޅުވިއެވެ. މީގެ ކުރިން، ޖުމްހޫރީ ޕާޓީއިން އިންތިހާބުތަކަށް ޕްރައިމަރީ ބާއްވާފައި ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވެސް އެ ޕާޓީއިން ޓިކެޓު ދިނީ ޕްރައިމަރީ ނުބާއްވައެވެ. އެ އިންތިހާބުގައި ޖުމްހޫރީީ ޕާޓީއަށް ކާމިޔާބު ކުރެވުނީ ފަސް ގޮނޑިއެވެ. ގާސިމް މިރޭ އިތުރަށް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ މެމްބަރުން ގިނަ ކުރުމުގެ މަސައްކަތް ކުރަން ޕާޓީގެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް އެ ޕާޓީގެ ފަރާތުން ޒިޔާރަތްކޮށް އެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު އެދެން ދިވެހިރާއްޖޭގެ ރައްޔިތުން ވިސްނުންތެރިކަމާ އެކު އަޅުގަނޑުމެންގެ ޕާޓީއާ ގުޅިވަޑައިގަތުމަށް،" ގާސިމް ވިދާޅުވިއެވެ. މިރޭ މިރުފަތު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައިވާއިރު ޖުމްހޫރީ ޕާޓީއަށް އަލަށް ސޮއި ކުރި 200 މީހުންގެ ފޯމުތައް ވަނީ ގާސިމްއާ ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ