ސައުވީސް ގަޑި އިރު ކަރަންޓް ޔަޤީނެއް ނޫން - ފެނަކަ އެމްޑީ

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 24 ގަޑި އިރު ކަރަންޓް ޔަޤީން ނުވާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަޢީދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.
ސަޢީދު މިހެން ވިދާޅުވީ، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި 5000 ލެޑް ބޮތްކާއި ހަވާލުވުމަށް މިއަދު އެންވަޔަރމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ނިމިދިޔަ ސަރުކާރުން ވިދާޅުވި 24 ގަޑިއިރު ކަރަންޓް ޔަޤީން ވާހަކަ. ނަމަވެސް 24 ގަޑިއިރު ކަރަންޓް ޔަޤީނެއް ނޫން. ކަރަންޓް ޔަޤީން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފަ ވަނީ." ސަޢީދު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ސަޢީދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުން ބޭނުންކުރާ މިންވަރަށް ކަރަންޓް އުފައްދާނެ ވަޞީލަތްތައް ނެތުމަކީ ރަނގަޅު ގޮތުގައި މި ޚިދުމަތް ދިނުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށާއި، އެހެންކަމުން ވީހާވެސް ގިނައިން ސޯލާ އެނާރޖީ ބޭނުންކުރަން ޖެހިފައިވާ ކަމަށެވެ.
"ސޯލާ ބޭނުންކުރާ މިންވަރު އެބަޖެހޭ އިތުރުކުރަން. މި ފަދަ ލެޑް ލައިޓްތައް ބޭނުންކުރުން އިތުރުކޮށްގެން ކަރަންޓް ޚަރަދު ކުޑަ ކުރެވޭނީ. ކޮންމެ ގޭބީސީ އަކަށްވެސް ދެ ލައިޓް ދޫކުރުމަށް ހަމަޖެހިފައި އެ ވަނީ." ސަޢީދު ވިދާޅުވިއެވެ.
24 ގަޑިއިރު ކަރަންޓް އޮންނާނެ ކަމުގެ ޔަގީންކަން ނެތް ކަމަށް އެންމެ ގިނަ ރަށްރަށަށް ކަރަންޓް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ފާއިތުވި ފަސް އަހަރު ތެރޭގައި ބައެއް ރަށްރަށުން ކަރަންޓް ނުކެނޑޭ މިންވަރަށް މިދިޔަ ދެމަސް ދުވަސް ތެރޭގައި ވެސް ކަރަންޓް ކެނޑިފައި ވެއެވެ.
ފާއިތުވި ހަފްތާއެއް ތެރޭގައި ވެސް ތިން ރަށަކުން ގިނަ އިރުތަކަކަށް ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ