އީސީގެ މެމްބަރު ކަމަށް ހަބީބު އައްޔަން ކުރަން ކޮމިޓީން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުސްވެފައިވާ މެމްބަރު ކަމުގެ މަޤާމަށް އެކޮމިޝަންގެ މިހާރުގެ ވެސް މެމްބަރު އިސްމާޢީލް ހަބީބު ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކުގެ ކޮމިޓީން މިއަދު ފާސް ކުރައްވައިފިއެވެ.
އެ މަޤާމަށް ހަބީބު ޢައްޔަން ކުރެއްވުމަށް އެކޮމިޓީން ފާސް ކުރެއްވިޔަސް ހަބީބަށް އެމަޤާމަށް ވަޑައިގަނެވޭނީ ރައްޔިތުން މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން މަޖިލީހުން ރުހުން ދެއްވުމުންނެވެ.
ހަބީބުގެ ދައުރު ހަމަވާތީ އެމަޤާމަށް ބޭފުޅަކު އަޔަން ކުރުމަށް ހުޅުވާލި ފުރުސަތުގައި 16 ބޭފުޅަކު ކުރިމަތި ލެއްވިއެވެ. މިނިވަން މުޢައްސަސާތަކާ ބެހޭ ކޮމިޓީން އެބޭފުޅުންގެ ނަންނަތައް ދިރާސާ ކުރެއްވުމަށްފަހު އެންމެ މަތިން މާކުސް ދެއްވައިފައިވަނީ ޙަބީބަށެވެ. އޭނާއަށް 90 އަށްވުރެ މަތީން މާކްސް ދެއްވާފައިވެއެވެ. ޙަބީބާ ވާދަ ކުރެއްވި އަޙުމަދު މޫސާއަށް ވަނީ 75.57 މާކްސް ލިބިވަޑައިގެންފައެވެ. އެއީ އީސީގެ މެމްބަރު ކަމަށް ވަޑައިގެންނެވުމަށް ކަނޑައަޅައިފައިވާ ޝަރުތު ހަމަވާ މިންވަރެކެވެ. މެމްބަރަކަށް ވަޑައިގަނެވޭނީ  75 އަށް ވުރެ މަތިން މާކްސް ލިބިގެންނެވެ. އެހެން ކަމުން ކޮމިޓީން މިހާރުވަނީ މިއަދު ބާއްވާ މަޖިލީހުގެ ތަޅުމަށް މި ދެބޭފުޅުންގެ ނަންވެސް ހުށަހަޅައިފައެވެ. އީސީގެ މެމްބަރުކަން ލިބިވަޑައިގަންނަވާނީ އެ ދެ ބޭފުޅުންގެ ތެރެއިން މަޖިލީހުން ރުހުން ދެއްވާ ބޭފުޅަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ