ރިސޯޓްތަކުން 10 ޕަސެންޓުގެ ސާވިސްޗާޖް ނަގަން ތާއީދު، އެކަމަކު ތަޖުރިބާކާރުންގެ މަޝްވަރާ ހޯދަން ޖެހޭ: ގާސިމް

ރިސޯޓްތަކުން 10 ޕަސެންޓްގެ ސާވިސްޗާޖު ނަގަން ލާޒިމްކުރަން ގާނޫނުގައި ހިމަނާއިރު، އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ ވާހަކަ ދައްކައިގެން ބަލަންޖެހޭ ކަންކަން ވަރަށް ރަނގަޅަށް ބަލަންޖެހޭ ކަމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްިޔތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޓޫރިސްޓް ރިސޯޓްތަކުން ސާވިސް ޗާޖުގެ ގޮތުގައި ދިހަ ޕަސެންޓް ނަގައި، އޭގެ ތެރެއިން 99 ޕަސެންޓް ބަހަންޖެހޭގޮތަށް ގާނޫނަށް އިސްލާހު ގެންނަން ފެންނަކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މަޖިލީހުގެ މިއަދުގެ ތަޅުމަށް ހުށަހެޅި ގަރާރަށް ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، މަޖިލީހުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ ޓޫރިޒަމް ދާއިރާގެ މަސައްކަތުގެ ތަޖުރިބާ ނެތް ބޭފުޅުން ކަމަށެވެ.
ގާސިމް ވިދާޅުވީ، މުސާރައާއެކު މުވައްޒަފުންނަށް ސާވިސްޗާޖް ދޭން ޖެހޭވާހަކަ މެންބަރުން ދައްކަވާއިރު، ރިސޯޓްތަކުުގެ ބައެއް ހިދުމަތްތަކަށް ފައިސާ ހޯދަން ދެމަސް ތިންމަސް ނަގާއިރު އެފައިސާއިން ސާވިސްޗާޖު ދިނުމާބެހޭގޮތުން ވެސް ވިސްނަންޖެހޭ ކަމަށެވެ. އެފަދަ ހާލަތްތަކުގައި ބޭންކްރަޕްޓް ވެފައިވާކަންވެސް ގާސިމް ފާހަގަ ކުރެއްވިއެވެ.
ޓޫރިޒަމް ދާއިރާގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ އަދި ވިލާގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވީ، ޓްރާންސްޕޯޓާއި، ވޯޓާ ސްޕޯޓްސް އާއި ރިސޯޓުތަކުގައި ހުންނަ ބައެއް ޝޮޕްތައް ފަދަ ރިސޯޓުތަކުގެ ބައެއް ހިދުމަތްތަކަކީ އައުޓްސޯސް ކޮށްގެން ހިންގާ ތަންތަންކަމުން ސާވިސްޗާޖު ނަގާއިރު ބަލަންޖެހޭ ގިނަ ބެލުންތަކެއް ހުންނާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ، ކުރިއާ ހިލާފަށް ޓޫރިޒަމް ދާއިރާއަށް ބޭންކުތަކުން ފައިސާ ދިނުމުގައި ވެސް މިހާރު ދަތިތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަކުގެ ދާއިރާއަށް އެންމެބޮޑު އެހީތެރިކަމެއް ދެއްވީ އިންޑިއާ ބޭންކުންކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ އެ ބޭންކުން ވެސް މިހާރު ފައިނޭންސް ކުރުމުގައި ބޭންކުގެ ސައިޒު ކުޑަކުރުމުގެ ވާހަކަތަކެއް އިވިވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ