ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ބ.އަތޮޅު އޭދަފުށީ ދާއިރާއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓް އަހްމަދު އާރިފަށް ތާއިދު ނުކުރާ ފެނަކަ މުވައްޒަފުންނަށާއި، ސަރުކާރު އިދާރާތަކުގެ މުވައްޒަފުންނަށް އިންޒާރުދޭން ފަށައިފިއެވެ.
އޭދަފުއްޓާއި، ހިތާދޫ އަދި މާޅޮސް ހިމެނޭ އޭދަފުށީ ދާއިރާގެ ސަރުކާރު މުވައްޒަފުން ވަނީ އެމްޑީޕީ ކެންޑިޑޭޓަށް ތާއިދު ނުކުރާނަމަ އެމީހުން ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރު އާރިފްގެ ކެމްޕޭން ޓީމުން ދެމުން ގެންދާކަމަށް ބުނެފައެވެ.
މާޅޮހުގެ ފެނަކަ ބްރާންޗްގައި މަސައްކަތް ކުރާ މުވައްޒަފަކަށް އާރިފްގެ ކެމްޕޭން މެނޭޖަރު އާޔަތުﷲ ހުސައިން އިންޒާރުދޭ ފޯން ކޯލެއްގެ ރެކޯޑިން ވެސް "ވަގުތު" އަށް ވަނީ ލިބިފައެވެ.
އާރިފަށް ތާއިދު ނުކޮށްފިނަމަ ވަޒީފާ އިން ވަކިކުރާނެ ކަމަށް އާޔަތުﷲ ބުނުމުން މުވައްޒަފު އެފޯން ކޯލްގައި ބުނަނީ އާދައިގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރާ ވާހަކަ މީގެ ކުރިން އަޑުނާހާ ކަމަށެވެ. އެވާހަކައަށް ރައްދު ދެމުން އާޔަތުﷲ ބުނަނީ "ވެރިއެއް، ނުވަތަ އާދައިގެ މުވައްޒަފެއް ނޯންނާނެ." ކަމަށެވެ.
އެމުވައްޒަފަށް ވަޒީފާ މުހިއްމު ވެފައިވާ މިންވަރު ސާފުކޮށް އޭނާ އަށް އެނގޭ ކަމަށާއި އެހެންކަމުން "ސައިލެންޓް ވުމަށް" އަންގާ ކަމަށް އާޔަތުﷲ ފޯންކޯލްގައި ބުނެއެވެ. މުވައްޒަފު ވެސް ވަނީ ވަޒީފާ ހިމާޔަތް ކުރުމަށްޓަކައި އާރިފަށް ވޯޓް ދޭން އެއްބަސްވެފައި ކަން ފޯން ކޯލުން އެނގެއެވެ.
އެނގިފައިވާ ގޮތުގައި އާޔަތުﷲ އިންޒާރު ދީފައި ވަނީ އިނާޝް ނަމަކަށް ކިޔާ ފެނަކަ މުވައްޒަފަކަށެވެ.
އާރިފަށް ތާއިދު ނުކޮށްފިނަމަ ފެނަކައިގެ އިތުރު މުވައްޒަފުންނަށް ވެސް ވަނީ ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. މީގެ އިތުރުން އޭދަފުށީ ހޮސްޕިޓަލްގެ ބައެއް މުވައްޒަފުންނަށް ވެސް ވަޒީފާގެ ބިރުދައްކަމުން ގެންދާކަމުގެ މައުލޫމާތު "ވަގުތު" އަށް ވަނީ ލިބިފައެވެ.
އެމްޑީޕީގެ ޕްރައިމަރީ އަށް ފަހު ހޮވުނު ކެންޑިޑޭޓުންގެ ކެމްޕޭންގައި ބައިވެރި ނުވުމުން މީގެ ކުރިން ވެސް ފެނަކައިގެ ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައިވެއެވެ.
މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކަމުން ގެންދާއިރު ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ މުވައްޒަފުންނަށް ވަޒީފާގެ ބިރު ނުދައްކަވާނެ ކަމަށް އެތައް ފަހަރަކު ވައުދުވެފައެވެ.
އޭދަފުށީ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަށް ތާއިދު ނުކުރާ މުވައްޒަފުންނަށް އިންޒާރު ދޭންފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ