ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އީރާނުގެ އިންސާނީ ހައްގުތަކުގެ ކަންކަން ބެލުމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ކަނޑައަޅާފައި ހުންނަވާ ސްޕެޝަލް ރެޕަޓުއާ ޑރ. އަހުމަދު ޝަހީދަކީ ޓެރަރިޒަމަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށް އީރާނުން ތުހުމަތުކޮށްފި އެވެ.
އީރާނުގެ ހިއުމަން ރައިޓްސް ކައުންސިލްގެ ސެކްރެޓަރީ މުޙައްމަދު ޖަވާދު ލަރިޖާނީ ހޯމަ ދުވަހު ވިދާޅުވެފައި ވަނީ އީރާނުގެ ޝިރާޒްގައި ހުންނަ ހުސައިނިއްޔާ (ދީނީ މަރުކަޒެއް) އަށް ހަމަލާދީ މީހުން މެރި ކަމުގެ ތުހުމަތު ކުރެވޭ މީހުންނަކީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް ކަމަށް ޝަހީދު ވިދާޅުވާ ކަމަށެވެ. އެހެންކަމުން އޭނާއަކީ ޓެރަރިޒަމަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށް ލަރިޖާނީ ވިދާޅުވެފައި ވެއެވެ.
ޑރ. ޝަހީދަށް ފާޑުވިދާޅުވަމުން ލަރިޖާނީ އަދި ވިދާޅުވި ކަމަށް އީރާނުގެ ފަރުސް ނޫހުން ބުނީ އީރާނުން އޭނާއާ މެދު ނުރުހެނީ ހަ ސަބަބަކާ ހެދި ކަމަށެވެ. އެގޮތުން ފުރަތަމަ ސަބަބަކީ އީރާނަށް ހާއްސަކޮށް ސްޕެޝަލް ރެޕަޓުއާއެއް ހުންނަން ޖެހޭ ސަބަބު ޔޫއެން އިން އިން އޮޅުން ފިލުވައި ނުދިނުން ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. އަނެއް ސަބަބަކީ ސީޔާސީ ގޮތުން ވަކިފަރާތަކަށް ބުރަވެވަޑައިގެން ހުންނަވައި މަސައްކަތް ކުރެއްވުން ކަމަށާއި އަނެއް ސަބަބަކީ މައުލޫމާތު ހޯއްދަވާ ގޮތް ކަމަށް ވެސް ލަރިޖާނީ ވިދާޅުވެފައި ވެއެވެ. އީރާނާ ދެކޮޅަށް ހެކީގެ ގޮތުގައި ޝަހީދު އަމިއްލަފުޅަށް ލިޔެކިއުން ހައްދަވާ ކަމަށް ވެސް ލަރިޖާނީ ތުހުމަތު ކުރައްވާފައި ވެއެވެ.
އެތައް ފަހަރެއްގެ މަތިން ޑރ. ޝަހީދު އިސްލާމްދީނަށް ފުރައްސާރަކުރައްވާފައިވާ ކަމަށް ވެސް ލަރިޖާނީ ވަނީ ތުހުމަތު ކުރައްވާފަ އެވެ.
އީރާނުން ޑރ. ޝަހީދަށް މިހާބޮޑަށް ފާޑުކިޔާފައި މިވަނީ އުމުރުން 26 އަހަރުގެ އީރާނު އަންހެނެއް ކަމަށްވާ ރައިހާނާ ޖައްބާރީ ރޭޕްކުރަން އުޅުނު އީރާނުގެ އިންޓެލިޖެންސް އޮފިސަރަކު މަރައިލުމުގެ ކުށުގައި ރައިހާނާ އަށް މަރުގެ އަދަބު ދިނުމުން ޑރ. ޝަހީދު ވަރަށް ބޮޑަށް އީރާނަށް ފާޑު ވިދާޅުމުންނެވެ. ހޯމަ ދުވަހު އެމެރިކާގެ ނިއުޔޯކްޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޝަހީދު ވިދާޅުވެފައި ވަނީ ރައިހާނާ އަށް މަރުގެ އަދަބު ދިނުމުން ޝޮކެއް ލިބިވަޑައިގެންނެވި ކަމަށެވެ.
އިރާނުން ރައިހާނާ އަށް މަރުގެ އަދަބު ދިނީ މުޅި ދުނިޔޭގެ ގިނަ ގައުމުތަކަކުން އެކަމާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށެވެ. އަދި އޭނާ މެރުމަށް ކޮށްފައިވާ ހުކުމާ މެދު އަލުން ވިސްނުމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވެސް ކޯޓުގައި އެދިވަޑައިގެންފައި ވަނިކޮށެވެ.
އީރާނުން ޑރ. ޝަހީދަށް އަމާޒުކުރި ފާޑުކިއުންތަކާ ބެހޭ ގޮތުން އޭނާގެ ފަރާތުން ކޮމެންޓެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
ޑރ. ޝަހީދު ޓެރަރިޒަމަށް ތާއީދުކުރައްވާ ކަމަށް އީރާނުން ތުހުމަތުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ