ޔުވެންޓަސް އާއި ނާޕޮލީއަށް އުނދަގޫ މޮޅެއް

އިޓާލިއަން ލީގުގެ ފުރަތަމަ މެޗުތަކުން ޗެމްޕިއަން ޔުވެންޓަސް އާއި ރަނަރަޕް ނާޕޮލީ މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ ޕާމާ އަތުން 1-0 އިންނެވެ. މި މެޗުގައި ނިއުމޯނިއާއަށް ފަރުވާ ކުރަމުން އަންނަ ޔުވެންޓަސްގެ ކޯޗު މައުރީިއޯ ސާރީ ފެނިފައެއް ނުވެއެވެ. ލީގުގައި ޔުވެންޓަސްއިން ދެން ކުޅޭ މެޗުގައިވެސް ސާރީ ނުފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރޭގެ މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ ޔުވެންޓަސްއިންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް 21 ވަނަ މިނެޓުގައި ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަދި ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ އެވެ.
އޭގެ ފަހުންވެސް ޔުވެންޓަސްއަށް ވަނީ ގޯލުޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑީއަށްވެސް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ.
މީގެ އިތުރުން އެންމެ ފަހުގެ ރަނަރަޕް ނާޕޮލީ ރޭ ވަނީ 4-3 އިން ފިއޮރެންޓީނާ އަތުން މޮޅުވެފައެވެ.
ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މި މެޗުގެ ނުވަވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެރިކް ޕުލްގާ ވަނީ ފިއޮރެންޓީނާއަށް ލީޑު ނަގާދީފައެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ނާޕޮލީން ވަނީ އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. ނާޕޮލީގެ ގޯލުތައް ޖަހައިދިނީ ޑްރިއެސް މާޓިންސް އާއި ލޮރެންޒޯ އިންސީނޭ އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ނިކޮލާ މިލެންކޮވީ ފިއޮރެންޓީނާއަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް، ހޯސޭ ކަލެޔޮން ވަނީ ނާޕޮލީއަށް އަލުން ލީޑު ނަގާދީފައެވެ. ފިއޮރެންޓީނާ އަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދިނީ 65 ވަނަ މިނެޓުގައި ކެވިން ޕްރިންސް ބޯޓެން އެވެ. މި މެޗުން ނާޕޮލީ މޮޅުކޮށްދިން ގޯލް 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިންސީނޭ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ