ތުލުސްދޫގައި ފަތުރުވެރިންތަކެއް ބަރަހަނާ ވެއްޖެ

ކ.އަތޮޅު ތުލުސްދޫގައި އަންހެން ފަތުރުވެރިންތަކެއް މަތިން އެއްވެސް އެއްޗެއް ނުލައި ބަރަހަނާކޮށް މިއަދު އަތިރިމަތީގައި އޮށޯއްވެގެން ތިބި މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އާއްމުވެއްޖެއެވެ.
މިއަދު މެންދުރުފަހުގެ ވަގުތެއްގައި ނަގާފައިވާ ވީޑިއޯއަކުން ފެންނަނީ ތިން އަންހެނުން މަތިން އެއްވެސް އެއްޗެއް ނުލައި، އުރަމަތި ފެންނަ ގޮތައް ގޮނޑިތަކެއްގައި އޮށޯއްވެގެން ތިބި މަންޒަރެވެ. ފަތުރުވެރިން ތިބި ސަރަހައްދަކީ ފަތުރުވެރިން މޫދަށް އެރެން ހާއްސަކޮށްފައިވާ ސަރަހައްދެއް ވެސް ނޫނެވެ. އެމީހުން ތިބީ އާއްމުން ދިރިއުޅޭ ސަރަހައްދާއި އެއްވެސް ނިވަލެއް ނެތް ގޮތައް ކޮންމެ މީހަކަށް ވެސް ފެންނަ ހިސާބުގައެވެ. އެވަގުތު އެސަރަހައްދުގައި ގިނަ އަދަދެއްގެ އާއްމުން ވެސް ތިއްބެވެ.
"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ތުލުސްދޫ ކައުންސިލްގެ ރައީސް އަހްމަދު އަނީސް ވިދާޅުވީ ފަތުރުވެރިންތަކެއް ބަރަހަނާ ވެގެން ތިބި ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ކައުންސިލް ނައިބު ރައީސް އެސަރަހައްދަށް ވަޑައިގެން އެ ފަތުރުވެރިން ޗުއްޓީ ހޭދަކުރަމުންދާ ގެސްޓްހައުސްގެ މެނޭޖަރު މެދުވެރިކޮށް ފަތުރުވެރިންނާއި ވާހަކަދެއްކި ކަމަށެވެ.
"މެނޭޖަރު މެދުވެރިކޮށް ވާހަކަދައްކައިގެން ވެސް ފުރަތަމަ އެމީހުން އެސަރަހައްދަކުން ނުދިޔަ. ތަންކޮޅެއް ބޯހަރުކޮށް އެމީހުން ވާހަކަދެއްކީ. އެންމެ ފަހުން ފުލުހުން ގެންނާނެ ކަމަށް ބުނުމުން އެމީހުން އެސަރަހައްދުން ފޮނުވާލެވުނީ." އަނީސް ވިދާޅުވިއެވެ.
އަނީސް ވިދާޅުވީ މީގެ ކުރިން ވެސް ފަތުރުވެރިން ނިވާކަން ކުޑަ ހެދުމުގައި އުޅޭކަމުގެ ޝަކުވާ ލިބޭ ކަމަށާއި ނަމަވެސް "މިއަދު މިވީ ތަންކޮޅެއް ބޮޑުވަރު" ކަމަށެވެ.
އޭނާ ވިދާޅުވީ ނިވާކަން ކުޑަ ހެދުން ލައިގެން އުޅުން ހުއްޓުވަން ގެސްޓް ހައުސްތައް މެދުވެރިކޮށް ފަތުރުވެރިންނަށް މައުލޫމާތު ދެމުންދާ ކަމަށާއި ނަމަވެސް ބައެއް ފަހަރު ގެސްޓްހައުސްތަކުން ބުނާ ބަސް ގަބޫލު ނުކުރާ ފަތުރުވެރިން ވެސް އުޅޭތީ ކޮންމެވެސް ވަރަކަށް މިފަދަ މައްސަލަތައް ފެންމަތިވާ ކަމަށެވެ.
އަދަބެއް ދިނުމުގެ ބަދަލުގައި މަސައްކަތް ކުރަނީ ވާހަކަދައްކައިގެން މިފަދަ މައްސަލަތައް ހައްލު ކުރަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނިވާކަން ކުޑަ ހެދުމުގައި މީހުން އުޅޭ ރަށްރަށުގައި ފަތުރުވެރިން އުޅޭ މައްސަލަ މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ. ނަމަވެސް އެއްކޮށް ބަރަހަނާ ވެގެން ފަތުރުވެރިންތަކެއް އާއްމުންނަށް ފެންނަ ހިސާބުގައި އުޅުނު މައްސަލައެއް މީގެ ކުރިން ފެންމަތިވިކަން އެނގިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ