އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ސްކޫލް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ފަށައިފި

ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ފުލުހުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް ގުޅިގެން  އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ސްކޫލް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމެއް ފަށައިފިއެވެ.
ޖޫން 23 ން 28 އަށް ކުރިއަށްގެންދާ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމުގައި އެއްގަމު ދަތުރު ފަތުރުގެ ޤާނުނާއި ޤަވާއިދުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ސެލްފް ޑިފެންސް ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި ދަރިވަރުންނަށް މަގުމަތީގައި ކުރިޔަށް ގެންދެވޭ ޕްރެކްޓިކަލް ކްލާސްތަކެއް ވެސް ކުރިޔަށް ގެންދާގޮތައްވަނީ ހަޖެހިފައެވެ.
މީގެއިތުރުން ޓްރެފިކް މޮނިޓަރުންގެ ގޮތުގައި މަގުމަތީގައި ޙަރަކާތްތެރިވާ ދަރިވަރުން އާންމުންނާ މުޢާމަލާތު ކުރުމުގައި ވާހަކަ ދެއްކުމުގެ ރީތި އަދަބުތައް ބޭނުންކުރުމާއި ގުޅޭގޮތުންނާއި ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭ ކޮމިއުނިކޭޝަން ސްކިލްސްގެ ކްލާސްތައް މިޕްރޮގްރާމްގައި ހިމެނިފައިވެއެވެ.
އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 36 ދަރިވަރުން މިޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ.
ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލު މަދަރުސާ ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ސްކޫލް މަދަރުސާގެ ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމާއި  ޓްރެފިކް މައްސަލަތައް ޙައްލުކުރުމުގެ ރޫހު އަށަގެންފައިވާ ދަރިވަރުންތަކެއް އުފެއްދުމަށް ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ