ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ ތަނެއްގައި ހަތިޔާރު ބަހައްޓައި، އޭނާ ފްރޭމްކޮށް ޓެރަރިޒަމްގެ ދައުވާކުރަން އުޅޭ ކަމަށް ބުނާތީ އެކަން އެގޮތަށް ނުވާނެކަން ކަށަވަރުކޮށްދިނުމަށް އެ ޕާޓީން މިއަދު އެދެފި އެވެ.
ގާސިމްގެ މަސްލަހަތު އޮންނަ ތަނެއްގައި ދެ ބަޑި ބާއްވައި އޭނާ ފްރޭމްކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އޭނާގެ ވަކީލުން މިިދިޔަ ހޯމަ ދުވަހު ވަނީ ބުނެފަ އެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޖޭޕީން ނެރުނު ބަޔާނުގައި ބުނީ، ފުލުހުންގެ ބަންދުގައި ގާސިމް ހުންނަ ކޮންމެ ވަގުތަކު ވެސް ބަޔަކު އެފަދަ ކަމެއް ހިންގަފާނެ ކަމުގެ ނުތަނަވަސްކަން އެބަ އޮތް ކަމަށެވެ.
ގާސިމްގެ ވަކީލުން ވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ފުލުހުންނާއި ޑިފެންސް މިނިސްޓްރީ އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ވެސް އެދިފަ އެވެ.
ޖޭޕީން ނެރުނު ބަޔާނުގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމްގެ ވަކީލުން ހުށަހެޅި މައްސަލާގައި އެއްވެސް ފަރާތަކުން މިހާތަނަށް ފިޔަވަޅެއް އެޅިކަމުގެ މައުލޫމާތު ނުލިބޭ ކަމަށާއި މި ފަދަ ތުހުމަތެއްގައި ކަންބޮޑުވަނީ މާޒީގައި ހިނގާފައި ހުރި ކަންތައްތަކުގެ ސަބަބުން ކަމަށެވެ.
"ނަމަވެސް މިހާތަނަށް އެކަމާގުޅޭގޮތުން އެއްވެސް ފަރާތަކުން ފިޔަވަޅެއް އަޅާފައި ނުވުމުން އެކަމަށް ކަންބޮޑުވާންޖެހެނީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތްތަކުގެ ސަބަބުން އެފަދަ ހާލަތެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި، ކުރިއާލާ އެކަންކަމަށް ސަމާލުވެ ހައްލެއް ހޯދަން ބޭނުންވާތީ އެވެ،" ޖޭޕީން ނެރުނު ބަޔާނުގައި ބުންޏެވެ.
ގާސިމް ފްރޭމްކުރަން އުޅޭ ކަމަށް ތުހުމަތުކޮށްފައި ވާއިރު ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފިސްތޯލައެއް ފެނި އޭނާގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ނަމަވެސް އެއީ ނާޒިމް ގެންގުޅުނު ފިސްތޯލައެއް ނޫން ކަމަށް އޭނާ ވިދާޅުވާއިރު އެ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް ނާޒިމަށް ހުކުމް އައި މައްސަލަ އަލުން ބަލައިފައެއް ނުވެ އެވެ.
ޖޭޕީން ބުނީ ގާސިމް މިނިވަންކުރުމަށް ގޮވާލަމުންދާ ގޮވާލުންތަކަށް ސަރުކާރުން އަޅާނުލުމަކީ އޮތް ކަންބޮޑުވުމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުގެެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމްގެ މައްޗަށް އުފުލި ތިން ދައުވާގެ ޝަރީއަތް މިހާރު ވަނީ ފަށައިފަ އެވެ.
ގާސިމް ފްރޭމްނުކުރާނެކަމުގެ ޔަގީންކަން ދިނުމަށް ޖޭޕީން އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ