މެމްބަރު އަލީ ވަހީދުގެ ކާރުގެ ބިއްލޫރި ތަޅާލައިފި

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދުގެ ކާރުގެ ބިއްލޫރި މިރޭ ބަޔަކު ތަޅާލައިފި އެވެ. އަލީ ވަހީދު "ހަވީރަ"ށް ވިދާޅުވި ގޮތުގައި އޭނާގެ ކާރުގެ ވިންޑްސްކްރީން ތަޅާލީ ގޭ ކައިރީގައި ޕާކްކޮށްފައި އޮއްވައި މިރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ. އަދި ކާރުގެ ބިއްލޫރި ތަޅާލީ މަރުގެ އިންޒާރުގެ މެސެޖުތަކަކަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ."މިރޭ 7:30 ހާއިރު ބޭރަށް ދާން ވެގެން ނުކުތް އިރު އޮތީ ކާރުގެ ވިންޑްސްކްރީން ތަޅާލާފައި. ތަފާތު އެތައް އިންޒާރުތަކަކަށް ފަހު މިކަން މި ހިނގީ،" އަލީ ވަހީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އިއްޔެ ބޭއްވުމަށް ގޮވާލައި އެމްޑީޕީން އިސްނަގައިގެން ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ގަރާރު ފާސްކުރި ފަހުން "ތްރެޓް ލެވެލް" ދިޔައީ މަތިވަމުން ކަމަށެވެ. އަދި އެކަން އަލީ ވަހީދުގެ ސެކިއުރިޓީ ބަލަހައްޓާ އެމްއެންޑީއެފުން ވެސް ފާހަގަކުރި ކަމަށް އޭނާ ވިދާޅުވި އެވެ. "މިދިޔަ ދެ ދުވަހު ތްރެޓް ލެވެލް ހައި ވަމުން ދިޔަ ކަމަށް އެމްއެންޑީއެފުން ވެސް ބުނި. އެހެންވެ ތަންކޮޅެއް ބޮޑަށް ބަލައިގެން އުޅެން އެމްއެންޑީއެފުން އޮތީ އެދިފައި،" އަލީ ވަހީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކާރުގެ ވިންޑްސްކްރީން ތަޅާލި ނަމަވެސް ފުލުހުންނަށް ރިޕޯޓް ކުރުމުގެ ވިސްނުމެެއް ނެތެވެ. ސަބަބަކީ މިދިޔަ ފަސް އަހަރު ތެރޭގައި އެފަދަ އެތައް ކަމެއް ދިމާވެގެން ފުލުހުންނަށް ރިޕޯޓް ކުރުމުން ވެސް މައްސަލަ ބަލާފައި ނެތުމެވެ. "އެހެންވެ މިރޭ ވެސް އަޅުގަނޑު އެންގީ މަޖިލީހުގެ އަމީން އާންމަށާއި އެމްއެންޑީއެފް ސެކިއުރިޓީ އަށް،" އަލީ ވަހީދު ވިދާޅުވި އެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ސުޕްރީމް ކޯޓުގެ އަމުރާ އެކު ފަސްކުރި ފަހުން މާލެތެރެ ހަލަބޮލިވެ ވެހިކަލްތަކުގައި ވަނީ ރޯކޮށްފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ބޭބެ މުހަންމަދު ޝާހިދުގެ ކާރު ވެސް ހިމެނެ އެވެ. އަދި މިދިޔަ ދެ ރޭ ވެސް ކާނިވާ ސަރަހައްދުގައި ވަނީ ވެހިކަލްތަކެއްގައި ރޯކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ