ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގައި ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވޯޓު ނުލެވޭ ގޮތަށް އޮތް އޮތުން ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ޖޭއެސްސީއަށް ވަކީލުން އިންތިޚާބު ކުރުމުގައި އަމަލުކުރާނެ އާ އުސޫލު ބަންޑާރަ ނައިބުގެ އޮފީހުން މިމަހު އާންމު ކުރިއިރު އެ އުސޫލުގައި އޮތް ގޮތުން ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފަނޑިޔާރުންނާއި މަޖިލިސް މެމްބަރުންނަށް އެ އިންތިޚާބުގައި ވޯޓެއް ނުލެވޭނެ އެވެ.
އެގޮތަށް އެ އުސޫލުގައި އޮއްވާ ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން އެ ނޫން ވަޒީފާއެއް އަދާކުރަމުން ދިއުމަކީ އެ މީހުންގެ ކިބައިން ވަކީލުކަމުގެ ހަސިއްޔަތުން ގެއްލިގެންދާ ސަބަބެއް ނޫން ކަމަށެވެ. އަދި އެ އިންތިޚާބުގައި ފަނޑިޔާރުންނަށް ވޯޓު ނުލެވޭނެ ކަމަށް 2009 ގައި މަދަނީ ކޯޓުން ކޮށްފައިވާ ހުކުމުގެ އެ ބައި ހައި ކޯޓުން ބާތިލްކޮށްފައިވާކަން ވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
އެހެންވެ ހައި ކޯޓުގެ އެ ނިންމުމާ ޚިލާފަށް ބަންޑާރަ ނައިބުގެ އޮފީހުން އާންމުކުރި އެ އުސޫލުގެ އެ ބައި ބާތިލްކުރާ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ. އަދި އެ އިންތިޚާބުގައި ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުމަށް ވެސް އެ އަމުރުގައި އަންގާފައިވެ އެވެ.
"ކޮންމެ މަގާމެއްގައި ހުރިކަމުގައި ވިޔަސް އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ގެއްލިގެން ނުދާނެ ގޮތެއްގެ މަތިން އެ އިންތިޚާބުގެ ކަންކަން އިންތިޒާމްކޮށް އެ އިންތިޚާބު ބާއްވަންޖެހޭ ތާރީޚުގައި އެ އިންތިޚާބު ބާއްވާ ނިންމުމަށް ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ ށ. އަށް ރިއާޔަތްކޮށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަންގައި އަމުރު ކުރަމެވެ." އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ސޮއިކުރައްވައި ނެރުއްވި އަމުރުގައިވެ އެވެ.
ފަނޑިޔާރުންނާއި މަޖިލިސް މެމްބަރުންނަށް ވޯޓު ނުލެވޭ ގޮތަށް އޮތް އޮތުން ކޯޓުން ބާތިލް ކުރީ އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އާންމުކޮށްފައި ވަނިކޮށެވެ. އެ ލިސްޓް މިދިޔަ ހަފުތާގައި އާންމުކުރީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފަނޑިޔާރުންނާއި މަޖިލިސް މެމްބަރުންގެ ނަން ނުހިމަނަ އެވެ.
ޖޭއެސްސީއަށް ވަކީލަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު އަންނަ މަހު 13 ވަނަ ދުވަހު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. އެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހަމަވާނެ އެވެ.
ޖޭއެސްސީގައި ވަކީލުންގެ ތެރެއިން މިހާރު ހުންނަވަނީ އަހުމަދު ރަޝީދެވެ. އޭނާގެ ދައުރު އަންނަ އޮގަސްޓް މަހު ހަމަވާނެ އެވެ.
ޖޭއެސްސީ އިންތިހާބުގައި ފަނޑިޔާރުންނާއި މެންބަރުންނަށް ވޯޓް ލެވޭނެ: ސުޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ