ކުރީގެ މިނިސްޓަރު ނާޒިމްގެ ޝަރީއަތް މާދަމާ ހަވީރު ބާއްވަނީ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކުރާ، ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.ނާޒިމްގެ ވަކީލުންގެ ޓީމުން ބުނި ގޮތުގައި، އެ އަޑުއެހުން ތާވަލްކޮށްފައި ވަނީ މާދަމާ ހަވީރު 5:00 އަށެވެ.މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ ބުދަ ދުވަހު ބާއްވާފައި ވާއިރު، ނާޒިމް ވަނީ ދައުވާ އަށް އިންކާރުކުރައްވައިފަ އެވެ. އެ އަޑުއެހުމުގައި، ކޯޓުން ވަނީ، ވަކީލަކު އައްޔަން ކުރަން ނާޒިމަށް ތިން ދުވަހުގެ ފުރުސަތެއް ދީފަ އެވެ.ނާޒިމްގެ މައްޗަށް ދައުވާކުރާ ސަބަބެއް ކަމަށް ދައުލަތުގެ ވަކީލް އެ ދުވަހު ވިދާޅުވެފައި ވަނީ، ނާޒިމް ދިރިއުޅުއްވާ ކޮޓަރި މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ފާސްކުރި އިރު، ދަބަހެއްގެ ތެރެއިން ފިސްތޯލައަކާއި ތިން ވަޒަން ފެނުމާއި ދައުލަތުގެ އިސްވެރިންތަކަކަށް ހަމަލާދިނުމަށް ރަވާފައިވާ ކަމުގެ މައުލޫމާތުތަކެއް އެ ދަބަހުން ފެނުނު ޕެން ޑްރައިވެއްގައި ހުރުން ކަމަށެވެ.މީގެ އިތުރުން، ދައުލަތުން ބުނެފައި ވަނީ، އެ ޕެން ޑްރައިވުން ލިބުނު މައުލޫމާތުތަކަށް ބަލާ އިރު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ހަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ، "އިންޑިވިޖުއަލް ޓާސްކްތަކަކާ"އި "ޖޮއިންޓް ޓާސްކްތަކެއް" ނާޒިމާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެއީ ދައުލަތުގެ އިއްޒަތްތެރިންތަކަކަށް ހަމަލާދިނުންކަން އެނގޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ.ހަތިޔާރު ފެނުނު މައްސަލައިގެ އަޑުއެހުމެއް މާދަމާ އަށް ތާވަލްކޮށްފައި ވާއިރު، އެ ޝަރީއަތް މިހާރު ކުރިއަށް ގެންދާ ގޮތުން، އޭނާގެ ހައްގުތަކެއް ގެއްލެމުންދާ ކަމަށް ވިދާޅުވެ، އާއްމުކޮށް ހުޅުވާލައިގެން އެ މައްސަލައިގެ އަޑުއެހުންތައް ބޭއްވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ނާޒިމް މިއަދު ވަނީ އެދިވަޑައިގެންފަ އެވެ.ރައީސް އަބްދުﷲ ޔާމީނާއި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) މުހުތާޒް މުހުސިނަށް ވަކިވަކިން ފޮނުއްވި ސިޓީއެއްގައި، ނާޒިމް އެދިވަޑައިގެންފައި ވަނީ، އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ދަރުބާރުގެ ނުވަތަ ޖާގައިގެ ދަތިކަން ނެތް އެފަދަ ތަނެއްގައި ބާއްވައި ދިނުމަށެވެ. އެކަމަށް ބޭނުންވާ ހަރަދު ދައުލަތަށް ނުކުރެވޭ ކަމަށް ވާނަމަ، އެ ހަރަދު އަމިއްލަ އަށް ކުރެއްވުމަށް ވެސް އޭނާ ހުށަހަޅުއްވާފައިވެ އެވެ.ނާޒިމް މިހާރު ހުރީ، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭނާގެ މައްޗަށް ހަތިޔާރު ގެންގުޅުމުގެ ކުށް ސާބިތުވެއްޖެ ނަމަ، އަދަބަކީ 10-15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭ ބަންދުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ