ކުށް މަދުކުރުމަކީ އެންމެ އިސްކަންދޭ ކަމަކަށް ހެއްދެވުމަށް ރައީސް ވަހީދަށް ދަންނަވާނަން: މައުމޫން

ރާއްޖޭގައި ހިނގާ މާރާމާރީ އާއި މީހުން މެރުމުމުގެ އަމަލުތަކާއި އެފަދަ އެންމެހާ ކުށްތައް ހުޓުވުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާނެ ކަމެއްގެ ގޮތުގައި ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ހުށަހެޅުއްވުމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ނިންމައިފި އެވެ.
މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވި ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ޖަލްސާއެއްގައި ކަމަށް އެ ޕާޓީން ބުނެ އެވެ.
މިއަދު މެންދުރު ފަހު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް މައުމޫނު ވިދާޅުވީ މި އަހަރުގެ މިހާތަނަށް އައިރު ނުވަ މީހަކު މަރާލާފައިވުމަކީ އެއްގޮތަކަށް ވެސް "ތަހައްމަލު ކުރެވޭ ވަރުގެ ކަމެއްނޫން" ކަމަށާއި މާރާމާރީ އާއި މީހުން މެރުމުގެ އަމަލުތައް ހުއްޓުވުމަކީ މިސަރުކާރުން އެންމެ އިސްކަމެއްދޭ ކަމެއްގެ ގޮތުގައި ހައްދަވައި ދެއްވުމަށް ރައީސް ވަހީދަށް ހުށަހަޅުއްވާނެ ކަމަށެވެ.
"ދިވެހި ރައްޔިތަކު ރަހްމު ކުޑަ ގޮތަށް މަރާލި ނުވަ ހާދިސާ. މިއީ އަޅުގަނޑުމެނަށް ތަހައްމަލު ކުރެވޭނެ ވަރުގެ ކަމެއްނޫން. އެހެންވީމާ ޕީޕީއެމް ކައުންސިލުން މިއަދު މި ނިންމީ އަޅުގަނޑު، ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވައިގެން ރާއްޖޭގައި ކުށްކުރުމާ ބެހޭ ގޮތުން މަސައްކަތްކުރުމަކީ އެއީ ސަރުކާރުން އެންމެ އިސްކަމެއްދޭ ކަމެއް ކަމަށް ހަމަ ޖައްސަވައި ދެއްވުން،"
މައުމޫނު ވިދާޅުވީ މާރާމާރީ އާއި މީހުން މެރުން އާންމުވުމާ ގުޅިގެން އެކަން ހުއްޓުވުމަކީ އެންމެ އިސްކަމެއްދީގެން ކުރައްވާ ކަމެއްގެ ގޮތުގައި ކަނޑައަޅުއްވައި އެކަން ހުއްޓުވަށް މަސައްކަތް ކުރަން ޓާސްކްފޯހެއް އުފެއްދުމަށް ޕީޕީއެމް އިން މީގެ ކުރިން ވެސް ވަނީ ރައީސަށް ދަންނަވާފައި ކަމަށެވެ.
އަދި ވިދާޅުވީ އެފަދަ ޓާސްކްފޯހެއް އުފެއްދެވި ކަމަށާއި ނަމަވެސް ޕީޕީއެމް އިން ބޭނުން ވަނީ އެ މަސައްކަތް މިހާރަށް ވުރެ ވުރެ ބޮޑަށް ހަރުދަނާ ކުރުން ކަމަށާއި ޕީޕީއެމް ބޭނުން ވަނީ މާރާމާރީ އާއި މީހުން މެރުމަކީ މި ރާއްޖޭގައި އެއްގޮތަކަށް ވެސް ނޯންނަ ކަމެއްގެ ގޮތުގައި ހެދުން ކަމަށެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ މި މަސަކަތް މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ކުރަން. މިހާރަށް ވުރެ ބޮޑަށް ހަރުދަނާކޮށްގެން މިކަމަކީ އަޅުގަނޑުމެން އެއްގޮތަކަށް ވެސް ބަލައި ނުގަންނަ ކަމެއްގެ ގޮތުގައި ހަދައި ނުރައްކާތެރި މާރާމަރީ ހިންގާ މީހުން މެރުމަކީ އެއްގޮތަކަށް ވެސް ނުހިނގާ ކަމެއްގެ ގޮތުގައި ހެދުމަށް އަޅުގަނޑުމެން މަސައްކަތް ކުރުން،"
މައުމޫނު ވިދާޅުވީ މި ވަގުތު އެމެރިކާގައި ޗުއްޓީގައި ހުންނެވި ރައީސް ޑރ. ވަހީދަށް ފޯނުން ގުޅުއްވުމަށް ފަހު ކުށްކުރުން މަދުކުރުމަކީ އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާ ކަމެއްގެ ގޮތުގައި ހައްދަވައިގެން ގުޅުން ހުރި ފަރާތްތަކާ ބައްދަލު ކުރެއްވޭނެ ގޮތް ހައްދަވާ ދެއްވުމަށް ވެސް މިއަދު އެދިވަޑައިގަންނަވާނެ ކަމާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ