ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކޮށްގެން ތާއަބަދަށް ގެންގުޅެން ދިމާކުރާނަމަ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި މިސަރުކާރާއި ދެކޮޅަށް ތެދުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު ހުސައިން ޒާމިރު ވިދާޅުވެއްޖެ އެވެ.
ޒާމިރު މިހެން ވިދާޅުވީ ގާސިމް އިބްރާހީމަށް ހެޔޮއެދޭ ފަރާތްތަކުން އިންތިޒާމުކޮށްގެން މ. ކުނޫޒުގައި ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ޒާމިރު ވިދާޅުވި މިސަރުކާރުން ގާސިމް އިބްރާހީމް ހައްޔަރުކޮށްގެން ބަހައްޓަން ތާއަބަދަށް ފުރުސަތު ނުދޭނެ ކަމަށެެވެ. ރައްޔިތުންގެ އުދާސްތައް މިިވަގުތަށް ކެތްތެރިކަމާއެކު ހިފަހައްޓާފައިވީ ނަމަވެސް ގާނޫނީ އިމުގެ ތެރެއިން މިސަރުކާރު ބަދަލުކުރުމަށް ރައްޔިޔުން ނިކުންނާނެ ކަމަށާ އެހާލަތަށް ގައުމުގެ ކަންކަން ދިއުމުގެ ކުރިން ގާސިމް ދޫކޮށްލަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރެއްވީ އެއްވެސް ރައްޔިތެއް ތަފާތު ކުރުމެއް ނެތި ކަމަށްވެސް ޒާމިރު ވިދާޅުވި އެވެ. ގާސިމަކީ އޯގާތެރި ހިތަކާއެކު އިންސާނިއްޔަތަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ އަދި މިއަދުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަން ފާހަގަކުރައްވަމުން ޒާމިރު ވިދާޅުވީ ގާސިމް އިބްރާހީމް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ރައްޔިތު މީހާގެ ސިޔާސީ ފިކުރަށް އެމީހާ ނިސްބަތްވާ އާއިލާއަށް އެއްވެސް އިރެއްގައި ނުބައްލަވާ ކަމަށެވެ.
ޒާމިރު ވިދާޅުވީ ރާއްޖޭގެ ކިޔަވާ ކުދިން ގާސިމް އިބްރާހީމް ދެކެ ލޯބިވަނީ ތައުލީމު ކުރިއަރުވާ، އިލްމީ ޒުވާނުންތަކެއް ބިނާކުރުމަށް އެމަނިކުފާނު އަމިއްލަފުޅަށް ކުރައްވާފައިވާ ހަރަދާއި ސުކޫލުތަކަށް ފޯރުކޮށްދެއްވާފައިވާ އެހީތަކާ ގުޅިގެން ކަމަށެވެ.
ޒާމިރު ވިދާޅުވީ ރާއްޖޭގެ މަސައްކަތްތެރިން ގާަސިމް ދެކެ ލޯބިވަނީ މަސައްކަތްތެރިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދީ މަސައްކަތްތެރިންގެ ކުރިއެރުމަށް އެމަނިކުފާނު ހޯއްދަވައިދެއްވާ ފުރުސަތުތަކުގެ ސަބަބުން ކަމަށެވެ. ގާސިމްގެ ރިސޯޓު ތަކުގައި ވެސް އެންމެ އިސް މަގާމުތަކުގައި ތިއްބެވީ ދިވެހިން ކަމަށާއި ގާސިމް ދެކެ ދިވެހި މަސައްކަތްތެރިން ލޯބިވަނީ އެފަދަ މުހިއްމު ފުރުސަތުތައް ހޯއްދަވައިދެއްވާތީ ކަމަށްވެސް ވިދާޅުވި އެވެ.
ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުން ގާސިމް ދެކެ ލޯބިވަނީ މިގައުމު އިސްލާހުކޮށް ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯއްދައިދެއްވުމަށް ގާސިމް ކުރެއްވި އަގުހުރި މަސައްކަތްތަކުން ކަމަށް ޒާމިރު ވިދާޅުވި އެވެ. އަދި ގާނޫނު އަސާސީ އިސްލާހުކޮށް ވުޖޫދަށް ގެނައުމަށް ގާސިމް ވެވަޑައިގެންނެވި ގުރުބާނީ އަކީ ވެސް ސިޔާސީ ބޭފުޅުން ގާސިމް ދެކެ ލޯބިވާ ސަބަބެއް ކަމަށްވެސް ވިދާޅުވި އެވެ.
ޒާމިރު ވިދާޅުވީ ގާސިމް އިބްރާހީމަކީ ރާއްޖޭގެ ފުރަތަމަ އަމިއްލަ މީޑިއާ އުފައްދަވާ މިނިވަން ނޫސްވެރިކަމެއް ކުރަން އެންމެ ބޮޑު ހިދުމަތެއް ކުރައްވާ އެއް ބޭފުޅާ ކަމަށެވެ. ރާއްޖޭގެ ނޫސްވެރިންގެ ލޯބި ގާސިމަށް ލިބިފައިވަނީ މިނިވަން ނޫސްވެރިކަމަށް ގާސިމް ކުރެއްވި އަގުހުރި ހިދުމަތްތަކުގެ ސަބަބުން ކަމަށްވެސް ވިދާޅުވި އެވެ.
ޒާމިރު ވިދާޅުވީ ގާސިމްގެ ދެކެ ރައްޔިތުން ލޯބިވާ ވަރު ހއ. އިން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކުގައި ގާސިމް ދޫކޮށްލުމަށް ގޮވާލާ ގޮވުން ތަކުން އިނގޭ ކަމަށެވެ. ގާސިމް މިނިވަންކުރުމަށް ގޮވާލާ ތައްޔާރުކުރަމުންދާ ޕެޓިޝަންގައި ވެސް ދިވެހި އެތައްހާސް ރައްޔިތަކު ސޮއިކުރައްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ޒާމިރު ވިދާޅުވީ ގާސިމް އިބްރާހީމް އިންނަވާ ކުޑަ ގޮޅި ސިފަވުމަށް ހިތަށް ވެރިވަނީ ރޯމަން ރަސްކަލުން ރައްޔިތުންނާ މެދު ވެފައިވާ އަނިޔާވެރިކަން މަތިން ކަމަށެވެ. މިގަރުނުގައި މިގައުމުންވެސް މިއަދު ފެންނަނީ އަނިޔާވެރިކަން އިސްކޮށްގެން ކަންކަން ކުރަމުންދާ މަންޒަރު ކަމަށްވެސް ވިދާޅުވި އެެވެ.
ރާއްޖޭގެ ހާލަތު މިއަދު މިވަނީ ވަރަށް ބޮޑަށް ގޯސްވެ ކަންކަން ހައްދުފަހަނައަޅާފައި ކަމަށްވެސް ޒާމިރު ވިދާޅުވި އެވެ. ޖަލުގައި ހުންނެވި ގާސިމް އިބްރާހީމަކީ މިއަދު ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު އަދި ދިވެހިން އެންމެ ލޯބިވާަ ލީޑަރު ކަން ފާހަގަކުރައްވާ ޒާމިރު ވިދާޅުވީ މިސަރުކާރުން ގާސިމް އިބްރާހީމަށް އަނިޔާވެރިވަނީ ރައީސް އަބްދުﷲ ޔާމީނަށް އޮތް ތާއީދަށް ވުރެ ގާސިމްގެ ތާއީދު އިތުރުވެ ރައްޔިތުން ގާސިމް ދެކެވާ ލޯބިވާ ފެންނާތީ ކަމަށެވެ. ގާސިމްގެ އަމިއްލަފުޅު ހަރަދުން ދިވެހި ރައްޔިތުންނަށްޓަކައި ކުރައްވާފައިވާ ބޮޑެތި ހޭދަތަކާއި ވެވަޑައިގެންނެވި ގުރުބާނީއަކީ ރައްޔިތުން ގާސިމް ދެކެ ލޯބިވާ ސަބަބުތައް ކަމަށްވެސް ޒާމިރު ވަނީ ވިދާޅުވެފަ އެވެ.
ގާސިމް ދޫކޮށްލައި، ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިފި: ޒާމިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ