ޕޮލިހަށް ހާޒިރުކުރީ ވެރިކަންކުރާ ޕާޓީތަކުގެ ވާދަވެރިކަމެއްގެ ސަބަބުން: އުމަރު

ޕޮލިހަށް މިއަދު ހާޒިރުކުރީ ވެރިކަންކުރާ ޕާޓީތަކުގެ މެދުގައި އޮތް ވާދަވެރިކަމެއްގެ ސަބަބުން ކަމަށް ގަބޫލުކުރައްވާ ކަމަށް ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.ޕޮލިހަށް ބަޔާން ދެއްވުމަށް ފަހު ނުކުމެވަޑައިގެން މީޑިއާ އަށް ދެއްވި އިންޓަވިއުގައި އުމަރު ވިދާޅުވީ ޕޮލިހަށް ހާޒިރުކުރީ،  23 ޑިސެމްބަރު އިއްތިހާދުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ސަރަހައްދުގައި ކުރި މުޒާހަރާތަކުގެ ތެރެއިން މި އަހަރުގެ ޖެނުއަރީ  23 ވަނަ ދުވަހުގެ ރޭގެ މުޒާހަރާގައި އޭނާ ދެއްކެވި ވާހަކަތަކަކާ ގުޅިގެން ކަމަށެވެ."އަޅުގަނޑު ދެއްކި ވާހަކައިގައި ހަރުގަނޑުތަކެއް ބޭނުންކޮށްގެން ތަނަކަށް އަރާ ވާހަކަ އަޅުގަނޑު ދައްކާފައި އޮންނާނީ. އެ ކަމާ ބެހޭ ގޮތުން ކުރިން ވެސް ސުވާލުކުރެވުނު. އަދި ހަމަ އެ މައްސަލާގައި މި ފަހަރު ސުވާލުކުރެވުނު. ދެން އަޅުގަނޑު ދަންނަވާފައި އޮންނާނީ ހަރުގަނޑުތައް މިހާރު ހަލާކުވެއްޖެޔޭ ބޭނުންނުކޮށް ހުރެ،" އުމަރު ވިދާޅުވި އެވެ.އޭނާ ވިދާޅުވީ އޭނާގެ މައްޗަށް އެއްވެސް ކުށެއް ސާބިތު ނުކުރެވޭނެ ކަމަށާއި ހަރުގަނޑުތަކުގެ ވާހަކައިގައި އެ ބޭނުންކޮށްގެން އަރާނެ ތަނެއްގެ ވާހަކަ ދައްކާފައި ވެސް ނޯންނާނެ ކަމަށެވެ."އެ ބޭފުޅުންގެ ސްޓޭޓްމަންޓްގައި ވެސް އޮތީ އަޅުގަނޑު އެ ރޭ ދެއްކި ވާހަކައިގެ ސްކްރިޕްޓް. އެ ސްކްރިޕްޓަކުއެއް ނެތް ކޮން ތަނެއްގަ ޖައްސާ ހަރުގަނޑެއްގެ ވާހަކަ ކަމެއް. އަދި ހަރުގަނޑު ޖައްސާފަ ފުންމާލަންވީ ކޮން ތަނަކަށް ކަމެއް ވެސް. އެއެއް ވެސް ނޯންނާނެ އަޅުގަނޑުގެ ވާހަކައަކުއެއް. އެހެންވީމާ އަޅުގަނޑުގެ މައްޗަކަށް ސާބިތުކުރެވޭނެ ކުށެއް ނޯންނާނެ،" އުމަރު ވދިާޅުވި އެވެ.ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް މި މައްސަލާގައި އުމަރު ވަނީ ޕޮލިހަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް ރައީސް ނަޝީދާ ދެކޮޅަށް އުމަރު ކުރިން ހުށަހަޅާފައިވާ މައްސަލަތަކެއްގެ ''ކޭސް ނަމްބަރު" ފުލުހުން ބުނެ ނުދިނުމުން އެ ފަހަރު އުމަރު ވަނީ ޖަވާބުދާރީނުވެފަ އެވެ."އެ މައްސަލައަކީ ބޮވޭނެއޭ ބޯންޖެހޭނެއޭ ބުނި މައްސަލަ. އެ މައްސަލަ ކޮބައިތޯ އަޅުގަނޑު އަހާފައި އޮންނާނީ. އެ ބޭފުޅުން ވިދާޅުވި އެ މައްސަލަ ވެސް ކުރިއަށް ގެންދަވާނަމޭ،" އުމަރު މިއަދު ވިދާޅުވި އެވެ.އުމަރު ވިދާޅުވީ މިއަދު ހާޒިރުކުރުމުގެ ފަހަތުގައި ސިޔާސީ "ހިކުމަތެއް" ވެސް އެބަ އޮތް ކަމަށާއި މިހާރު އޮތް ސަރުކާރަކީ ގިނަ ޕާޓީތަކެއް ހިމެނޭ ސަރުކާރަކަށް ވުމުން ހާޒިރުކުރުމުގެ ފަހަތުގައި ވެސް ސިޔާސީ ވާދަވެރިކަމެއް ވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެ ކަމާ ބެހޭ އިތުރު ތަފްސީލެއް އުމަރު ނުދެއްވަ އެވެ."އިއްތިހާދުގެ ތެރޭގައި އެކިއެކި މިނިސްޓްރީތައް ބެހިފަ ހުރި އިރު އެހެނިހެން ކުދިކުދި ޕާޓީތަކަށް ވެސް އެކި މިނިސްޓްރީ ދެވިފަ. މިއަދު އަޅުގަނޑު ގެނެސް ސުވާލުކުރި ކުރުމުގައި އަޅުގަނޑު ދެކޭ ގޮތުގައި މީގައި ސިޔާސީ ހިކުމަތެއް ވެސް ފަހަތުގައި އޮންނާނެ. ބޮޑަށް އަޅުގަނޑަށް ލަފާކުރެވެނީ މިއީ ކޯލިޝަންގެ ތެރޭގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި އޮންނަ ވާދަވެރިކަން މިއީ އެއް ސަބަބު ކަމަށް،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ