މަޖިލީހުގެ ހާޒިރީގެ ފުލަށް މިފަހަރުވެސް މީދޫ ދާއިރާގެ މެމްބަރު ސިޔާމް

މިހާރު ކުރިއަށްދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކަށް އެންމެ މަދުން ވަޑައިގެންނެވި މެމްބަރަކަށް، އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވެވަޑައިގެންފި އެވެ.
ފުރަތަމަ ދައުރުގެ ޖަލްސާތަކަށް މެންބަރުން ވަޑައިގެންނެވި ނިސްބަތް އާންމުކޮށް މަޖިލީހުން ނެރުނު ހާޒިރީ ރިޕޯޓު ދައްކާގޮތުން، މިދައުރުގައި ބޭއްވި 23 ޖަލްސާގެ ތެރެއިން ސިޔާމް ހާޒިރުވެވަޑައިގެންނެވީ އެންމެ 4 ޖަލްސާ އަށެވެ. އަދި 19 ދުވަހު ސިޔާމް ވަނީ މަޖިލީހުގެ ޖަލްސާއަށް ސަލާމް ވިދާޅުވެފައެވެ.
މަޖިލީހުގެ ޖަލްސާތަކަށް ދެން އެންމެ މަދުން ވަޑައިގެންފައިވަނީ، މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދައިރާގެ އެމްޑީޕީ މެންބަރު އަބްދުﷲ ޝާހިދު އެވެ. އެގޮތުން ޝާހިދުވަނީ، 17 ޖަލްސާއަށް ވަޑައިނުގެން ސަލާމުގައި ހުންނަވާފައެވެ. ތިން ވަނައަށް އެންމެ މަދުން ޖަލްސާތަކަށް ވަޑައިގެންނެވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އެވެ. އަސްލަމްވަނީ 8 ޖަލްސާއަށް ވަޑައިނުގެން ސަލާމުގައި ހުންނަވާފައެވެ.
ހާޒިރީ ރިޕޯޓު ދައްކާގޮތުން މި ދައުރުގައި ބޭއްވި ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވީ 38 މެމްބަރުންނެވެ.
އެ މެމްބަރުންނަކީ، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތު އަޙްމަދުމަނިކު، އުގޫފާރު ދާއިރާގެ މެންބަރު ޖަޢުފަރު ދާއޫދު، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން، ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް، ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު، މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، ވައިކަރަދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން ޢަރީފްއެވެ.
މީގެއިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފު މުހައްމަދު އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު، ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް، މާފަންނު ދެކުނުދާއިރާގެ މެންބަރު އަބުދުﷲ ރިފާޢު، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީހު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޢަލީ ޝާހް، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ވެސް ހުރިހާ ޖަލްސާއަށް ވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ.
އަދި ތިނަދޫ އުތުރުދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ އާއި ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާން، ދާންދޫ ދާއިރާގެ މެންބަރު އަޙުމަދު އަސްޢަދު، ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން، މާވަށު ދާއިރާގެ މެންބަރު އަޙްމަދު އަޒްހާން ފަހުމީ، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުﷲ އަބުދުއްރަޙީމް، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް، ވިލުފުށި ދާއިރާގެ މެންބަ ރިޔާޟް ރަޝީދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލް، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާ އަދި ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް ވެސް ހުރިހާ ޖަލްސާއަކަށް ހާޒިރުވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ