ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލުތަކަކީ ސުޕްރީމް ކޯޓުގެ ބާރަށް އަރައިގަނެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭޕީގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އެންޓި ޑިފެކްޝަން ބިލަކީ ގާނޫނުއަސާސީއާ މަޖިލީހުގެ ގަވާއިދާ ޚިލާފު ބިލެއް ކަމަށެވެ. ސިޔާސީ ޕާޓީތަކަށް ނުވަތަ އިލެކްޝަންސް ކޮމިޝަނަށް ބާރު ލިބޭގޮތަށް މިފަދަ ބިލުތައް ފާސްކުރުމަކީ ގާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނަ ވިދާޅުވިއެވެ. އެންޓި ޑިފެކްޝަން ގާނޫނުގައިވާގޮތުން ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލެވޭ ކަމަށާއި މެމްބަރުންގެ ސައްހަކަމާމެދު ފަހުބަސް ބުނުމަކީ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެއް ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.
"މަޖިލީހުގެ މެމްބަރުންގެ ގޮނޑިއާމެދު ފަހުބަސް ބުނުމުގެ އިޚުތިސާސް އޮތީ ސުޕްރީމް ކޯޓަށް. މިހެން ހަދާ ގާނޫނަކުން ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރު ދަމައެއްނުގަނެވޭނެ. ސުޕްރީމް ކޯޓުގެ ބާރަށް ވެސް އެބައަރައިގަނޭ މިބިލުން. އަދި މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާ މައްދާގެ ބާރު ކަނޑުވާލާ ނުވަތަ އެމާއްދާ ނަފީކޮށްލުން އެންޓި ޑިފެކްޝަން ގާނޫނުން ކުރާ ކަމަކީ" އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނަކީ ރިޔާސީ ނިޒާމުތަކުން ފެންނަ ގާނޫނެއް ނޫން ކަމަށާއި ބަރުލަމާނީ ނިޒާމު އޮންނަ ތަންތަނުގައި އޮންނަ ގާނޫނެއް ކަމަށެވެ. ނަމަވެސް ދިވެހި ރައްޔިތުން އާނބަސް ބުނެފައިވަނީ ރިޔާސީ ނިޒާމަކަށް ވުމުން މިނިޒާމުގައި މިފަދަ ގާނޫނެއް ގެންނަންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ފަނޑިޔާރުން މަގާމުން ވަކިކުރެވޭ އުސޫލުތަކަށް ބަދަލުގެނައުމަށް ނިންމާފައިވަނީ ވެސް ކަނޑައެޅިގެން ގާނޫނުއަސާސީއާ ޚިލާފަށް ކަމަށާއި ފަނޑިޔާރުންގެ ގާނޫނަށް ގެނެވޭ އިސްލާހުގެ ސަބަބުން ގާނޫނުއަސާސީގެ 154 ވަނަ މާއްދާ އުވާލެވެނީ ކަމަށް ވެސް އަލީ ހުސައިން ވިދާޅުވިއެވެ. ގާނޫނަކަށް ގެނެވޭ އިސްލާހަކުން ގާނޫނުއަސާސީގެ މާއްދާއެއް އުވާލެވޭނެ ގޮތެއް ނޯންނާނެ ކަމަށް އޭނަ ވިދާޅުވިއެވެ.
"ދައުލަތުގެ އެއްވެސް މަގާމެއްގައި ހުރި މީހަކު ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވޭ. އެކަމަކު މިއަދު މިގެނައި އިސްލާހަކީ ފަނޑިޔާރުންނަށް ނުފޫޒުފޯރުވައި ބިރުދައްކައި ނުހައްގުން މަގާމުން ވަކިކުރުމަށް ގެނެވުނު އިސްލާހެއް" އަލީ ހުސައިން ވިދާޅުވިއެވެ.
އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބާތިލްކުރުމަށް އިދިކޮޅު ޕާޓީތަކުން މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މިކަންކަމަށް ރިއާޔަތް ކޮށްފައިވާނެ ކަމަށް ވެސް އަލީ ހުސައިން ވިދާޅުވިއެވެ.
ބިލުތައް ފާސްކުރީ ސުޕްރީމް ކޯޓުގެ ބާރަށް އަރައިގަނެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން: އަލީ ހުސައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ