ސިނާންގެ ބަންދުގެ މުއްދަތު މަޖިލިސް ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސިނާންގެ ބަންދުގެ މުއްދަތު މަޖިލިސް މިއަދަށް ތާވަލްކުރުމަށްފަހު ކެންސަލްކޮށްފިއެވެ.
ސިނާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ނިންމީ މިއަދު ހެނދުނު 11:00 ޖެހިއިރުއެވެ.
ނަމަވެސް މިހާރު ވަނީ ބަންދުގެ މުއްދަތު މަޖިލިސް ކެންސަލްކުރި ކަން ސިނާންގެ ވަކީލުންނަށް އަންގާފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި މެންބަރު ސިނާން ހިމެނެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު ސިނާން ރާއްޖެ ވަޑައިގަތީ މިދިޔަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެދުވަހު އެއާޕޯޓުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ފަހުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލަން އަމުރުކޮށްފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސިނާން އާއި އިލްހާމްގެ އިތުރުން ވެސް ފުލުހުން ވަނީ މަޖިލީހުގެ ބައެއް މެމްބަރުން ހައްޔަރުކޮށްފައެވެ. މީގެއިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ