ޤައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ސްޓެމްގެ ތަޢުލީމު ފުޅާކުރަންޖެހޭ: ރައީސްގެ އަނބިކަނބަލުން ސާޖިދާ

ޤައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ސައިންސާއި ޓެކްނޮލޮޖީއާއި އިންޖިނިއަރިންނާއި މެތަމެޓިކްސް "ސްޓެމް"ގެ ޢިލްމުތައް ފުޅާކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މިއަދު ބޭއްވި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޤާނޫނީ ދާއިރާއާއި ނަރސިންގެ ދާއިރާއިން ތަޢުލީމު ހާސިލްކުރި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ސްޓެމްގެ ދާއިރާތަކުން ތަމްރީނު ލިބިފައިވާ ބަޔަކު ޤައުމުގައި ތިބުމަކީ ޤައުމުގައި އުފެއްދުންތެރިކަމާއި، އައު ކަންކަން އީޖާދުކުރުމުގެ ބިންގާ ކަމަށެވެ. އަދި މެޑިކަލް ދާއިރާގެ ކުރިއެރުންތަކާއި ފަންނިއްޔާތުގެ ކުރިއެރުންތަކަކީ ސްޓެމްގެ ދާއިރާތަކުން ހޯދިފައިވާ ކުރިއެރުންތަކެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
"ސްޓެމްގެ ދާއިރާގައި މަސައްކަތްކުރާއިރު، ޖިންސީ ތަފާތުކުރުން ހުރޭ. އެހެންނަމަވެސް އެންމެން އެއްކޮށް މަސައްކަތްކުރުމުން ތަފާތު ކަންކަން ޙާސިލްކުރުމުގައި ޚިޔާލު ލިބި އަމާޒަށް ވާޞިލްވުމަށް ފަސޭހަވޭ." ރައީސްގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވިއެވެ.
ރައީސްގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވީ، ސްޓެމްގެ ދާއިރާގައި ކުރިއަރާފައިވާ މުޖުތަމަޢެއް އުފެއްދުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. އެކަމަނާ ވަނީ ޤައުމީ ޔުނިވަރސިޓީގެ ޤައުމު ބިނާކުރުމުގެ މަސައްކަތުގައި ސްޓެމްގެ ޢިލްމުތައް ފުޅާކުރުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ރައީސްގެ އަނބިކަނބަލުން ވަނީ ޚިދުމަތްކުރާއިރު އެހެނިހެން ފަރުދުންނަށް ކާމިޔާބު ހޯދައިދިނުމަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ދަސްވެނިވި ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ބެޗްލަރ އޮފް ނަރސިން އަދި ޝަރިއްޔާ އެންޑް ލޯއިން ޑިގްރީއާއި މާސްޓަރސް ޑިގްރީ ޙާސިލްކުރި ދަސްވެނިންނަށް ސަނަދުތައް ތައުކީދު ކޮށްދެއްވީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީއެވެ.
ސަނަދުތައް ތައުކީދު ކޮށްދެއްވުމަށްފަހު ޑރ. ޝައުޤީ ވިދާޅުވީ، ޢިލްމުގެ މަގުގައި ކުރިއެރުމަށާއި އަބަދުވެސް ފަންނުތައް ދަސްކުރުމުގައި ތިބުމަށް ދަސްވެނިވި ދަރިވަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.
"އިސްލާމީ ދިވެހި މުޖުތަމަޢުގެ ފައިދާއަށްޓަކައި މަސައްކަތްކުރުމަށާއި ޔުނިވާސިޓީގެ ކަރާމާތް ހިމާޔަތްކުރުމަށް އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށާއި ޤައުމަށް އިޚުލާސްތެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތްކުރުމަށް އިލްތިމާސްކުރަން." ޑރ. ޝައުޤީ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ދަސްވެނިވި ދަރިވަރުންނަށް ސަނަދު ހަވާލުކުރުމުގެ އިތުރުން، ކޯސްތަކުން ވަނަތަކަށް އައި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ