"ކާނާގެ ފޭކް ޕްރޮޑަކްޓް ތަކުން ދިވެހިން ރައްކާތެރި ކުރާނެ ގޮތް ހޯދަންޖެހޭ"

އިންޑިއާގެ ހަވާދު ބްރޭންޑްތަކެއް ރާއްޖޭގައި ވަނީ މަނާކޮށްފަ އެވެ. އެމްއެފްޑީއޭން ބުނާ ގޮތުން އިންޑިއާގެ "އެވަރެސްޓް" އަދި "އެމްޑީއެޗް" ބްރޭންޑްގެ ހަވާދުގެ ބައެއް ބާވަތްތަކުގައި "އެތިލިން އޮކްސައިޑް" ހިމެނެ އެވެ.
ކާނާގެ ފޭކް އަދި ގޮތް ނޭނގޭ ޕްރޮޑަކްޓް ތަކުން ދިވެހި ރައްޔިތުން ރައްކާތެރި ކުރާނެ ގޮތްތައް ހޯދަން ޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ، 
ފުޑް ސެކިއުރިޓީއަށް ބާރު އަޅުއްވާ ވަރަށް ގިނައިން ވާހަކަފުޅު ދައްކަވާ އަމްރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފުޑް ސޭފްޓީ ގާނޫނު ފާސް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި ފުޑް ޓެސްޓިން ލެބެއް ހަދައި އެކަމަށް ބޭނުންވާ ބަޖެޓް ކަނޑައަޅަންޖެހޭ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެ ގާނޫނު ހެދުމަށް ފަހު، ގާނޫނު ތަންފީޒު ކުރޭތޯ ތަންފީޒީ އިދާރާއިން، ގަވައިދުން ބަލަންޖެހޭނެ ކަމަށެވެ."ކާނާގެ ރައްކާތެރިކަމާ ގުޅިފައޮތީ އަޅުގަޑުމެންގެ ސިއްހަތާ. އާސަންދައަށް ކުރާ ހޭދައާ. އަދި އެންމެ މުހިއްމު ކަމަކަށް ދަރިންގެ އަދި އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮކަމާ. މީ ފަރުވާ ކުޑަކުރެވޭނެ ކަންކަމެއް ނޫން." އަމްރު ވިދާޅުވި އެވެ. އަމްރު ވިދާޅުވީ ދިވެހިން ބޭނުން ކުރާ ކާނާގެ އަސާސީ ބާވަތްތަކަކީ ބޭރުން ގެނެސްގެން ބޭނުން ކުރާ ބާވަތްތައް ކަމަށް ވުމާއެކު ދުނިޔެއަށް ކިރިޔާ ދައްޗެއް ކަމެއް ދިމާވި ނަމަވެސް އޭގެ ދައްޗާއި ނުރައްކަލާއި ދެރަ، ރާއްޖެއަށް ކުރިމަތިވާނެ ކަމަށާއި އެހެން ކަމުން ފުޑް ސެކިއުރިޓީ ދިވެހިންނަށް ޔަގީން ވާންޖެހޭ ކަމަށެވެ.އަމްރު ވިދާޅުވީ ވަރަށް ގިނަ ފޭކް ޕްރޮޑަކްޓްތައް ރާއްޖެއަށް ޑަމްޕް ކުރާ ކަމަށާއި އެފަދަ ބާވައްތައް އޮއްސާލާ ގްރައުންޑަކަށް ރާއްޖެ ހަދާފައި އޮތުމުން ގައިންގަޔަށް ނާރާ ބަލީގެ 30 ޕަސެންޓް ރާއްޖޭގައި ފެތުރެނީ އެފަދަ ކަންކަމާ ގުޅިގެން ކަމަށެވެ. އަދި އެހެން ދިމާވާއިރު ޓެސްޓް ކުރެވޭނެ ގޮތް ނުހުންނަ ކަމަށެވެ."ކެންސަރު ބަލީގައި ވަރަށް ގިނަ ބަޔަކު ރާއްޖޭގައި ނިޔަވަމުން ދޭ އެކަމަކު އޭގެ ސަބަބުން ނުފެނޭ،" އަމްރު ވިދާޅުވި އެވެ.އަމްރު މި ވާހަކަ ދެއްކެވި އިރު އިންޑިއާގެ ހަވާދު ބްރޭންޑްތަކެއް ރާއްޖޭގައި އިއްޔެ ވަނީ މަނާ ކޮށްފަ އެވެ. ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އިންޑިއާގެ އުފެއްދުންތައް ކަމަށްވާ "އެވަރެސްޓް" އަދި "އެމްޑީއެޗް" ބްރޭންޑްގެ ހަވާދުގެ ބައެއް ބާވަތްތަކުގައި "އެތިލިން އޮކްސައިޑް" ހުރި ކަމަށް ބުނެ ސިންގަޕޯ ފުޑް އެޖެންސީ އަދި ހޮންކޮންގެ ސެންޓާ ފޯ ފުޑް ސޭފްޓީން ވަނީ އެ އުފެއްދުންތައް ބޭނުން ނުުކުރަން އިލްތިމާސްކޮށްފަ އެވެ. އަދި އަސަރުކޮށްފައިވާ އެ ބްރޭންޑްގެ ހުރިހާ ބާވަތެއް ބާޒާރުން ނަގަން އަންގާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ