ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދާދި ފަހުން ޖޭޕީއާއި ގުޅިވަޑައިގެންނެވި އުމަރު ނަސީރަކީ އިދިކޮޅު ކެންޑިޑޭޓަށް ވެވަޑައިގެންފާނެ ކަމަށް ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
ޗެނަލް 13 ގެ ނިއުސްޓޯކުގައި ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ހަލީލު ވިދާޅުވީ އުމަރު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ކުރައްވަމުން ގެންދަވާ ޒިންމާދާރު އިދިކޮޅު ފަރާތެއް އުފެއްދުމުގެ މަސައްކަތް ކަމަށާއި އެކަމާ އުފާ ކުރައްވާ އެ މަސައްކަތަށް މަރުހަބާ ދަންނަވާ ކަމަށެވެ. ހަލީލު ވިދާޅުވީ އިދިކޮޅު ލީޑަރުންނަށް ބަލާއިރު އިންތިހާބުގައި ވާދަ ކުރެވޭނެ އެއްވެސް ބޭފުޅަކު ނެތް ކަމަށާއި އުމަރަކީ އިދިކޮޅު ކެންޑިޑޭޓަކަށް ވެވަޑައިގެންފާނެ ކަމަށެވެ.
"އިދިކޮޅުގަ މިހާރު މިތިބަ ލީޑަރުންނަށް ބަލާއިރު މިފެނިގެންދަނީ އުމަރު ނަސީރަކީ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގެންފާނެ ލީޑަރެއްގެ ގޮތުގައި. އެއީ އަޅުގަނޑުމެންނަށް އެބަ އެނގޭ ރައީސް ނަޝީދަކީ ވާދަ ކުރެއްވޭނެ ހާލަތެއްގައި ހުންނެވި ބޭފުޅެއް ނޫން. ޖުމްހޫރީ ޕާޓީގެ ލީޑަރަކީ އެހާލަތުގައި ހުންނެވި ބޭފުޅެއް ނޫން. އަދިވެސް އެބޭފުޅުން ވިދާލުވާ ބައެއް ބޭފުޅުންނަކީ އެހާލަތުގައި ތިއްބެވީ ބޭފުޅުންނެއް ނޫން. އެކި އެކި ސަބަބުތައް މެދުވެރިވެގެން ވާދަ ނުކުރެއްވޭ ހިސާބުގައި ތިއްބެވުމާއެކު އުމަރު ވަޑައިގެންނެވި ހިސާބުން މިބޭފުޅުންނަށް އެބަ އެނގޭ އުމަރު ރިޔާސީ ކެންޑިޑޭތަކަށް ވެވަޑައިގެންފާނެކަން،" ހަލީލު ވިދާޅުވިއެވެ.
ހަލީލު ވިދާޅުވީ އުމަރު ޖޭޕީއާއި ގުޅުމުން އިދިކޮޅު މައި ޕާޓީ އެމްޑީޕީން ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ދަނީ އުމަރަކީ އެމީހުން ބުނިހާ ގޮތެއް ހައްދަވާނެ ބޭފުޅަކަށް ނުވާތީ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ހަލީލު ވިދާޅުވީ އުމަރު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންނެވީ އިދިކޮޅު ފަރާތްތައް ވަރަށް ބޮޑަށް ވައިވެފައި ތިބި ދަނޑިވަޅެއްގައި ކަމަށެވެ. އަދި ޒިންމާދާރު އިދިކޮޅު ފަރާތެއް އޮތުމަކީ ރާއްޖެއަށް ވެސް މުހިއްމު ކަމެއް ކަމަށް ހަލީލު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ހަލީލު ވިޮދާޅުވީ އިދިކޮޅު ފަރާތްތަކުގައި މިހާރު ޒިންމާދާރު ކަމެއް ނެތް ކަމަށާއި މުޅިންހެން ކުރަމުން ގެންދަނީ ރައްޔިތުންނަށް ގެއްލުމާ ހަލާކު ހުރި ކަންކަން ކަމަށެވެ. އެގޮތުން ދާދި ފަހުން ފ.އަތޮޅުގައި ބޭއްވި ޖަލްސާއަށް މޫސުން ގޯސްކޮށް އޮއްވާ މަގޫދޫއަށް ބަޔަކު ފަތާފައި ގެންދިޔަ ކަމަށް ހަލީލު ވިދާޅުވިއެވެ. އެ ފެތުމުގެ ތެރޭގައި ބައިވެރިވި މީހަކު ނިޔާވެފައިވާ އިރު ފެބްރުއަރީ އަށެއްގައި ވެސް އަމަލު ކުރީ އެފަދައިން ކަމަށް ހަލީލު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓަކީ އުމަރު ކަމަށް ވެދާނެ: ހަލީލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ