ނަޝީދަށް ދުވަހަކުވެސް ދިވެހި ރައްޔިތުން މައާފެއް ނުކުރާނެ - މިނިސްޓަރު ސައީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު މި ގައުމާ ދޭތެރޭ ކަންތައް ކުރިގޮތުން އެމަނިކުފާނަށް ދުވަހަކުވެސް މިގައުމުގެ ރައްޔިތުން މައާފް ނުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ސީއެމްއީސީން ހުޅުމާލޭގައި އާއި، ރާއްޖޭގެ ދެކުނު އަތޮޅުތަކުގައި ގާއިމް ކުރި 1500 ހައުސިންގ ޔުނިޓް މަޝްރޫއުގެ މަސައްކަތް ނިންމައި ސަރުކާރާއި ހަވާލު ކުރުމަށް މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ނުދެވުމަކީ މި ސަރުކާރުން ކަމެއް ނުކުރާނެ ސަބަބެއް ނޫން ކަމަށާއި، ރައީސް ނަޝީދު މި ގައުމާ ދޭތެރޭ ކަންތައް ކުރިގޮތުން އެމަނިކުފާނަށް ދުވަހަކުވެސް މިގައުމުގެ ރައްޔިތުން މައާފް ނުކުރާނެ ކަމަށެވެ. އަދި ގާސިމް އިބްރާހިމްއަށް އެންމެ ރަނގަޅީ ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރެއްވުން ކަމަށް ސައީދު ވިދާޅުވިއެވެ.
"ދެން އިދިކޮޅު ލީޑަރަކު ހުރިނަމަ އަޅުގަނޑު ދަންނަވާނީ ރައީސް ޔާމީންއާ ފަސް އަހަރު ދެއްވާށޭ. ދިވެހި ރާއްޖޭގެ އެއްވެސް ޒަމާނެއްގައި ހޯދަން ބޭނުންވި ތަރައްގީގެ އުއްމީދުވެސް ކުރެއްވި ވަރަކަށް އެއްވެސް ޒަމާނެއްގެ އެއްވެސް އުއްމީދެއް ކުރައްވާފައި އޮތިއްޔާ އެ ތަރައްގީއެއް ކަށަވަރުކޮށްދެއްވާނީ ރައީސް ޔާމީން". ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ދިވެހި ރައްޔިތުން ހެކިވާނެ ގޮތުގައި، މިއަދު ދިވެހި ރާއްޖެ މި ދެކޭ ތަރައްގީގެ މޭސްތިރިއަކީ ރައީސް ޔާމީން ކަމަށެވެ. އަދި މިކަމާއި ދެބަސްވާނެ އެއްވެސް ރައްޔިތަކު ނުހުންނާނެކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، މިހާރު ހުޅުމާލޭގައި ހެދިފައިވާ ދެވަނަ ފިޔަވައްސަކީ ކުރިން ދިރުމެއް އަދި ޕްރޮޖެކްޓެއް ހިނގަމުން ދިޔަ ތަނެއް ނޫން ކަމަށާއި، ނަމަވެސް މިއަދު ހުޅުމާލޭގެ އެ ސަރަހައްދަށް ބަލާލިކަމުގައި ވިޔަސް ފެންނަމުން ދާނީ މައްޗަށް އަރަމުންދާ އިމާރާތްތަކާއި، މަސައްކަތް ކުރާ އާލާތްތަކާއި، މަސައްކަތް ކުރަން ބޭނުންވާ ކޮންޓްރެކްޓަރުންނާއި ކުންފުނިތައް ކަމަށެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް ޔާމީން ސަރުކާރާއި ހަވާލުވުމަށްފަހު ހަމައެކަނި ހިނގަމުން ދަނީ ސޯޝަލް ހައުސިންގގެ މަސައްކަތް އެކަނި ނޫން ކަމަށެވެ.
"ވަރަށް ގިނަ އަދަދެއްގެ ހައުސިންގ ޕްރޮގްރާމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަދޭ. ހާއްސަކޮށް ޔޫތް ސިޓީގައި އެބަދޭ ޕްރައިވެޓް ސެކްޓަރ އެންގޭޖްކޮށްގެން. އޭގެ ތެރޭގައިވެސް 280 އާ ދެމެދުގެ ފްލެޓެއް މިހާރު ވަނީ ނިމި ހަވާލުކޮށްފައި. އަދި 1800 ފްލެޓެއްގެ މަސައްކަތް ޕްރައިވެޓް ސެކްޓަރުން މިހާރުވެސް ކުރަމުން އެބަގެންދޭ". މިނިސްޓަރު ސައީދު ވިދާޅިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ