ކްރިމިނަލް ކޯޓާއި ސިވިލްކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ކްރިމިނަލް ކޯޓާއި ސިވިލްކޯޓުގެ ޤާޟީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.ކުރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ހޯދުމަށް އިއުލާނުކޮށްފައިވަނީ ކޮންމެ ކޯޓަކަށްވެސް ދެ ގާޒީންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭ.އެސް.ސީއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ، ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ބަޔާންކޮށްފައެވެ. ޝަރުތުތަކުގެ ތެރޭގައި ގާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުމާއި، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. މީގެ އިތުރުން، ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަން އެނގޭނޭ އިލެކްޝަންސް ކޮމިޝަންގެ ލިޔުމެއްވެސް ހުށަހަޅަން ޖެހޭނެ ކަމަށް ޖޭއެސްސީއިން ވަނީ ހާމަކޮށްފައެވެ. ޖޭއެސްސީއިން ބުނީ މިމަގާމްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ދިހަ ވަނަ ދުވަހުގެ ކުރިން ފޯމް ހުށަހަޅަންޖެހޭނެކަމަށެވެ. ސިވިލްކޯޓްގެ ގާޒީގެ މުސާރައެއްގެ ގޮތުގައި ސާޅީސް ހަހާސް ރުފިޔާ ލިބޭނެކަމަށް އިއުލާނުގައި ބުނެފައިވާއިރު، ކުރިމިނަލް ކޯޓްގެ ގާޒީގެ މުސާރައެއްގެ ގޮތުގައި ސާޅީސް އަށް ހާސް ރުފިޔާ ލިބޭނެކަމަށް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ