ފަރުވާއަށްފަހު ރައީސް މައުމޫން ދޫނިދޫއަށް ގެންގޮސްފި

ކުރީގެ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ސީރިއަސްވެފައިވަނިކޮށް، އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލަށް ގެނެސް މިއަދު ފަރުވާ ދީފިއެވެ.
ރައީސް މައުމޫންގެ އަރިސް ބޭފުޅަކު ވިދާޅުވީ އެމަނިކުފާނު އޭޑީކޭއަށް ގެނެސް އީއެންޑީ ޑޮކްޓަރަކަށް ދައްކާފައިވާކަމަށެވެ. އަދި އެމްއާރުއައި އެއް ހެދުމަށްފަހު އެމަނިކުފާނު ދޫނިދޫއަށް އަނބުރާ ގެންގޮސްފައިވާކަމަށެވެ.
އާއިލާގެ ބޭފުޅަކު ވިދާޅުވީ ރައީސް މައުމޫންގެ ފަރުވާއާއި ގުޅޭގޮތުން މާބޮޑު މައުލޫމާތެއް ފުލުހުން އާއިލާއާއި ހިއްސާކޮށްފައިނުވާކަމަށެވެ. ރައީސް މައުމޫން އޭޑީކޭއަށް ގެނައުމާއި ގުޅިގެން އަނބިކަނބަލުން ނަސްރީނާ އިބްރާހިމާއި، ދަރިކަނބަލުން ޔުމްނާ މައުމޫން ވަނީ އޭޑީކޭއަށް ވަޑައިގެންފައެވެ.
ނަމަވެސް ފުލުހުން ރައީސް މައުމޫނާއި އާއިލާ ބައްދަލްކުރުމުގެ ފުރުސަތު ދީފައެއް ނުވެއެވެ. އަދި މައުމޫން އޭޑީކޭގައި ހުންނެވި ވަގުތު އާންމުންނަށް އެމަނިކުފާނު ހުންނެވި ހިސާބަށް ނުވަދެވޭނެހެން ފުލުހުން ވަނީ ބަންދުވެސްކޮށްފައެވެ.
މައުމޫންގެ ގާނޫނީ ވަކީލުން ވިދާޅުވީ ރައީސް މައުމޫން މާލެ ގެނެސް ޑޮކްޓަރަށް ދެއްކިނަމަވެސް އެކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައިނުވާކަމަށެވެ.
އަދި މައުމޫން މާލެ ގެނެސްފައިވަނީ އެމަނިކުފާނާއި ބައްދަލްކުރުމަށް ގާނޫނީ ޓީމުގެ ބޭފުޅުން ދޫނިދޫގައި ތިއްބަވަނިކޮށްކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.
ވަކީލުން ވިދާޅުވީ ރައީސް މައުމޫން ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނައި މައުލޫމާތު އެވަގުތު ދޫނިދޫގައި ތިބި ގާނޫނީ ވަކީލުންނަށްވެސް ފުލުހުން ހިއްސާކޮށްފައިނުވާކަމަށާ އެކަން އެނގުނީ މީޑިއާއިންކަމަށެވެ. އެހެންކަމުން ވަކީލުން އެނބުރި މާލެވަޑައިގަތީކަމަށް ވިދާޅުވިއެވެ.
ރައީސް މައުމޫން ޖަލުގައި ހުންނަވާތާ ގިނަ ދުވަސްތަކެއް ފާއިތުވެގެންގޮސްފައިވާއިރު، މައުމޫންގެ ސިއްހީ ހާލުކޮޅު މީގެ ހަފްތާއެއްހާ ދުވަސްކުރިން ފެށިގެން ވަނީ ގޯސްވެފައެވެ.
ރައީސް މައުމޫނަކީ "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާރޓިގޯ (އަނބުރާ ގޮތްވުމުގެ) ބަލި ތަހަންމަލުކުރައްވަމުން ގެންދަވާ ބޭފުޅެއްކަމަށާ އެކަމުގެ ސަަބަބުން ވަރަށް ގިނަ އުދަނގޫތައް އެމަނިކުފާނަށް ކުރިމަތިވެވަޑައިގަންނަވަމުން ގެންދަވާކަމަށް އަނބިކަނބަލުން ވަނީ ވިދާޅުވެފައެވެ.
އެކަމާއި ގުޅިގެން ކޮންމެ ރެއަކު ދޫނިދޫ ޖަލަށް ވަޑައިގެން ނަސްރީނާ ގެންދަވަނީ ރައީސް މައުމޫން އަރިހުގައި ވަގުތުކޮޅެއް ހޭދަކުރައްވަމުންނެވެ.
ރައީސް މައުމޫންގެ މައްޗަށް މިސަރުކާރުން ގިނަ ތުހުމަތުތަކެއް ކުރަމުންގެންދާއިރު، އެމަނިކުފާނުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާ، އެ ދައުވާ ނިމެންދެން ޖަލުގައި ބަންދުކުރުމަށް ކޯޓުން އަމުރެއްކޮށްފައެވެ.
މައުމޫންގެ ސިއްހީ ހާލުކޮޅު ސީރިއަސްވުމާއި ގުޅިގެން އާއިލާއިން ވަނީ މައުމޫން ގެއަށް ބަދަލުކޮށްދެއްވުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގައި އާދޭސް ދަންނަވާފައެވެ. ނަމަވެސް އެކަމަށް މުއައްސަސާތަކުން މިހާތަނަށް އެއްވެސް އިޖާބައެއް ދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ