ހުޅުމާލެ އެން ވަން ސްކޫލް އަންނަ އަހަރު ނިންމަނީ

ހުޅުމާލޭގައި އިމާރާތްކުރާ އެން ވަން ސްކޫލްގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ސަރުކާރާއި ހަވާލުކުރާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ބުނެފިއެވެ.
ހުޅުމާލޭ ނެއިބަރހޫޑް އެކެއްގައި އިމާރާތްކުރާ 1680 ކުދިންގެ ޖާގައިގެ މި ސްކޫލަކީ ހުޅުމާލޭގައި އިމާރާތްކުރާ އެންމެ ބޮޑު ސްކޫލެވެ. 26 ޖެނުއަރީ 2017 ގައި މި ސްކޫލްގެ މަސައްކަތް ކުރުމަށް އެޗް.ޑީ.ސީން ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އިމާރާތްކުރާ މިސްކޫލަކީ، ޕްރައިމެރީ އަދި ސެކަންޑްރީ ގްރޭޑްތަކަށް ޚާއްޞަކޮށްގެން 50 ކްލާސްރޫމް ހުންނަ ގޮތަށް އިމާރާތްކުރާ ސްކޫލެކެވެ.
މުވައްޒަފުންނަށާއި ދަރިވަރުންނަށް ޚާއްޞަ ކެންޓީނަކާއި މަލްޓި ޕަރޕަސް ހޯލެއްގެ އިތުރުން ކުޅިވަރާއި އިތުރު ހަރަކާތްތައް ހިންގުމަށް ޖާގަ ހިމަނައިގެން އިމާރާތްކުރާ އެން-ވަން ސްކޫލްގެ އޭ ބްލޮކް އަދި ސީ ބްލޮކް ޚާއްޞަކޮށްފައިވަނީ ކްލާސްރޫމްތަކަށެވެ. އަދި ބީ ބްލޮކް ޚާއްޞަކޮށްފައިވަނީ ލެބޯޓްރީ އަދި އެހެނިހެން ވަސީލަތްތައް ޤާއިމުކުރުމަށެވެ.
އެގޮތުން އެން-ވަން ސްކޫލްގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ނިންމާ، ސަރުކާރާއި ހަވާލުކުރުމަކީ އަމާޒެއްކަމަށް ކޮންޓްރެކްޓަރާއި ހަވާލާދީ އެޗް.ޑީ.ސީން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ