ރައީސް މައުމޫނު ޖަލަށް ލައިގެން ނޫނީ މިސަރުކާރު ހިންގޭ ކަމަކަށް ނުވި ކަމަށާއި އެއީ ހިތާމަ ކުރައްވާ ކަމެއް ކަމުގައި އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛު ޙަސަން ލަޠީފު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި، ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ، ރައީސް މައުމޫނުގެ އުމުރުފުޅުން 80 އަހަރުން މަތިވެފައި ވާއިރު އެމަނިކުފާނު ޖަލުގޮޅީގައި އިންނަވާތާ 70 ދުވަސް ވެއްޖެ ކަމަށާއި އެކަމާއި މެދު ނުހަނު ހިތާމަ ކުރައްވާ ކަމަށެވެ. ހަސަން ލަތީފު ވިދާޅުވީ، މިޤައުމަށް އަގު ނުކުރެވޭފަދަ އެތައް ޚިދުމަތެއް ކޮށްދެއްވި ރައީސުލްޖުމުހޫރިއްޔާ އަކު ހިފައި ހައްޔަރުކޮށް ޖަލަށް ލައިގެން، ހިންގާ ދައުލަތެއްގެ ރައްޔިތަކަށް ވީތީ ލަދުގަންނަ ކަމަށެވެ.
ހަސަން ލަތީފު އިތުރަށް ވިދާޅުވީ، އެއުމުރުގެ ބޭފުޅަކު ޖަލަށް ލައިގެން މިސަރުކާރު ހިންގަފާނެ ކަމަކަށް ހީވެސް ނުކުރައްވާ ކަމަށެވެ. އަދި ރައީސް މައުމޫނު ޖަލަށް ލައްވައިގެން އެމަނިކުފާނަށް ރައީސް ޔާމީނު އަނިޔާތައް ދެއްވަމުން ގެންދަވާއިރު، އެކަމުގައި ބައިވެރިގެން ތިއްބެވި ބޭފުޅުން ލަދު ނުގަނޭތޯވެސް ހަސަން ލަތީފު ސުވާލު ކުރެއްވިއެވެ.
"އެބޭފުޅުން ހަމަ އެއްވެސް އެއްޗެއް ހިތަކަށް ނާރާ ބާއޭ! އުމުރުން ދުވަސްވީ ބޭފުޅެއް ރައީސް މައުމޫން، ޖަލަށް ލައިގެން ނޫންގޮތަކަށް އެބޭފުޅުންނަށް މިސަރުކާރު ހިންގޭ ކަމަކަށް ނުވި. މިއީ އަޅުގަނޑުމެން ހިތާމަ ކުރާ ކަމެއް." ހަސަން ލަޠީފު ވިދާޅުވިއެވެ.
ރައީސް މައުމޫނު ޖަލުގައި ބަންދުކޮށްފައި ވާއިރު އެމަނިކުފާނު ބަންދުގައި ހޭދަކުރައްވާތާ އިއްޔެއަށް 70 ދުވަސް ވަނީ ވެފައެވެ. ރައީސް ޔާމީނުގެ ސަރުކާރުން، އުމުރު ފުޅުން 85 އަހަރުފުޅުގައި ރައީސް މައުމޫނު ޖަލުގައި ބަންދުކޮށް އަދި އެމަނިކުފާނުގެ ދޮށީ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި، ދަނބިދަރިކަލުން މުހައްމަދު ނަދީމުވެސް ވަނީ ޖަލުގައި ބަންދުކޮށްފައެެވެ.
ރައީސް މައުމޫނު ރައީސް ޔާމީނަށް ހޯއްދަވައި ދެއްވި ވެރިކަން ދިފާއު ކުރެއްވުމަށް، ރައީސް މައުމޫނު ސިޔާސީ މައިދާނަށް ނެރެދެއްވި ބޭފުޅުން ރައީސް މައުމޫނަށް އަނިޔާދިނުމުގައި ބައިވެރިވަމުންދާތީ އެބޭބޭފުޅުންނަށް އިދިކޮޅު ފަރާތްތަކުން ދަނީ މަލާމާތް ރައްދުކުރަމުންނެވެ. އޭގެ ތެރޭގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރާއި، ލަންކާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދޫދު) އާއި މިބޭބޭފުޅުންގެ އިތުރުން ރައީސް ޔާމީނުގެ ފެކްޝަނުގައި ތިއްބެވި ޕީޕީއެމްގެ މަޖިލީސް މެމްބަރުންވެސް ހިމެނެއެވެ.
ރައީސް މައުމޫނު ޖަލަށް ލައިގެން ނޫނީ މި ސަރުކާރު ހިންގޭ ކަމަކަށް ނުވި: ހަސަން ލަތީފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ