މާލޭގައި ދިރިއުޅޭ ހަ އަތޮޅެއްގެ ރައްޔިތުން ވޯޓުލުމަށް އިތުރު ހަތް ވޯޓުފޮށި ބަހައްޓަނީ
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މާލޭގައި ދިރިއުޅޭ ހަ އަތޮޅެއްގެ ރައްޔިތުން ވޯޓުލުމަށް އިތުރު ހަތް ވޯޓުފޮށި ބަހައްޓާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އެކޮމިޝަނުން ބުނީ އިތުރު ހަތް ވޯޓްފޮށި ބެހެއްޓުމަށް ހަމަޖެއްސީ މި ހަ އަތޮޅުގެ ރައްޔިތުން ވޯޓުލުމަށް ބެހެއްޓުމަށް ޢިއުލާންކުރި ވޯޓުފޮށިތަކަށް ރަޖިސްޓްރީކޮށްފައިވާ މީހުންގެ އަދަދު އެއްހާސް ދުއިސައްތަ މީހުންނަށްވުރެ އިތުރުވެފައިވާތީ، ވޯޓުލާ ފަރާތްތަކަށް ފަސޭހަކަމާއެކު ވޯޓުލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ. ވޯޓުފޮށި އިތުރަށް ބެހެއްޓުމަށް ހަމަޖައްސާފައިވަނީ ހއ. އަތޮޅާއި ށ. އަތޮޅާއި ބ. އަތޮޅުގެ އިތުރުން ޅ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގައެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި މާލޭގެ ރަށްވެހިންނަށް ވޯޓުލުމަށް ސާޅީސް އަށް ވޯޓުފޮށި އަދި އަތޮޅުތަކުގެ މީހުންނަށް ފަންސާހަށްވުރެ ގިނަ ވޯޓުފޮށި ބަހައްޓަން ނިންމާފައިވެއެވެ. އަތޮޅުތަކުގައި ދުއިސައްތަ އަށްޑިހަ ހަތަރު ވޯޓު ފޮށި ބަހައްޓާއިރު ފަސް ޖަލެއްގައި ފަސް ވޯޓު ފޮށި އަދި ސިނާއީ ފަސް ރަށެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ ސްރީލަންކާގެ ކޮލަމްބޯއާއި އިންޑިއާގެ ޓްރިވެންޑްރަމާއި ނިއުދިއްލީއާއި މެލޭޝިއާގެ ކުއަލަ ލަމްޕޫރާއި ސިންގަޕޫރާއި އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ހަތަރު ސަތޭކަ ފަންސާހަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ