އީގަލްސްގެ ކީޕަރު ފައިސަލް އަނިޔާގެ ސަބަބުން ކުޅުމާ ދުރަށް

މިދިޔަ އަހަރުގެ ދިވެހި ލީގު ތާވަލްގެ ތިންވަނައިގައި އޮވެ ނިންމާލި ކްލަބް އީގަލްސްގެ އެ ކާމިޔާބީއަށް ބޮޑު ހިއްސާއެއް ކޮށްދިން އެ ޓީމްގެ ކީޕަރު މުހައްމަދު ފައިސަލްއަށް އަނިޔާވެ، ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ. ކްލަބް އީގަލްސްއިން މައުލޫމާތު ދޭ ގޮތުގައި ފައިސަލްއަށް އަނިޔާވެފައި ވަނީ އެ ޓީމުގެ ތަމްރީނުތަކުގެ ތެރެއިންނެވެ. އަދި އޭނާއަށް ލިބިފައި ވަނީ ލިގަމެންޓް އިންޖަރީއެއް ކަމަށާއި، އެ އަނިޔާގެ ސަބަބުން ގާތްގަނޑަކަށް 12 ވަރަކަށް ހަފްތާއަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަން އެ ކްލަބުން ވަނީ ހާމަކޮށްފަ އެވެ. ފައިސަލްގެ އަނިޔާއާ ބެހޭ ގޮތުން މައުލޫމަތު ދެމުން އެ ކްލަބްގެ ޖެނެރަލް ސެކްރެޓެރީ މުފާވިޒް ހާޝިމް (މުފާ) ވަނީ ލީގުގެ ފުރަތަމަ މެޗުތަކުގައި ފައިސަލްއަށް ނުކުޅެވޭނެކަން ޔަގީން ކޮށްދީފަ އެވެ. އަދި އޭނާ ކުޅުމަށް ފިޓު ވާނެ ވަކި ތާރީޚެއް ބުނަން އިނގޭނީ ގާތްގަނޑަކަށް ތިން ހަފްތާ ފަހުން ކަމަށް މުފާ ވަނީ ވިދާޅުވެފަ އެވެ. އީގަލްސްއިން ވަނީ މިދިޔަ އަހަރުގެ ލީގު ތާވަލްގެ ތިން ވަނައިގައި އޮވެ ނިންމާލުމުގެ އިތުރުން، މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް އީގަލްސް ގެންގޮސްދިނުމަށް އެހީތެރިވެދީފަ އެވެ. ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި ފަހު ވަގުތާ ޖެހެންދެން ވެސް ނިއުރޭޑިއެންޓަށް ލަނޑެއް ކާމިޔާބު ކުރިޔަ ނުދީ ހިފައްޓާލުމަށް ފަހު، އީގަލްސް އެ މެޗުން ބަލިވީ އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފް ކުޅުމަށް ފަހު 1-0 ގެ ނަތީޖާއަކުންނެވެ. އީގަލްސްއާ ގުޅުމުގެ ކުރިން ފައިސަލަކީ އޯލް ޔޫތު ލިންކޭޖާއި ވެލެންސިޔާ އަދި ވިކްޓްރީ އަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. މިފަހަރު ލިބުނު އިންޖަރީގެ އިތުރުން، މީގެ ކުރިން 2012 ވަނަ އަހަރު ވިކްޓްރީއަށް ކުޅުނު އިރުވެސް ފައިސަލް ވަނީ އަނިޔާގެ ސަބަބުން ފަސް މަސް ދުވަސް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހިފައެވެ. ކްލަބްތަކުގެ އިތުރުން ފައިސަލް އަކީ 2009 ވަނަ އަހަރުން ފަށައިން އެކި އަހަރުތަކުގައި ޜާއްޖޭގެ ގައުމީ ޓީމުގެ ދެވަނަ ގޯލްކީޕަރުގެ މަގާމްވެސް އަދާކޮށްފައިވާ ކުޅުންތެރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ