މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވެނީ ކޭޝްފްލޯ ދަތިވެގެން: އަދުލީ

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި ހުރީ ކުންފުނީގެ ކޭޝްފްލޯއަށް އައިސްގެން އުޅޭ ދަތިކަމެއްގެ ސަބަބުން ކަމަށް، މިފްކޯގެ ސީއީއޯ އަދުލީ އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަތުމަށް ފަހުގައި، ބައެއް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ ހުރި ކަމަށް ބުނެ ބައެއް މަސްވެރިން ގެންދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ ގޮތުން، ގެމަނަފުށީ މަސްވެރިންނަށް 1.5 މިލިއަން ރުފިޔާ ދައްކާފައި ނުވާ ކަމަށް ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާއިން ވަނީ އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖްގައި ޕޯސްޓް ކޮށްފައެވެ.
މިކަމާ ގުޅިގެން "ދަޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުލީ ވިދާޅުވީ މި ދުވަސްވަރު މަސްވެރިކަން ކުއްލިއަކަށް ރަނގަޅުވުމާ ގުޅިގެން އެ ކުންފުނީގެ ކޭޝްފްލޯ ދަށްވެފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ ކޭޝްފްލޯއަށް ދަތި ކަމެއް އައިސްގެން އުޅޭ އިތުރު ސަބަބަކީ އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާ ކުންފުންޏަށް ލިބިފައި ނުވާތީ ކަމަށް އަދުލީ ވިދާޅުވިއެވެ.
އަދުލީ ވިދާޅުވީ، އެ ފައިސާ މާދަމާއަށް ލިބޭނެ ކަމަށާއި، ފައިސާ ލިބުމާއެކު ވީހާވެސް އަވަހަށް މަސްވެރިންނަށް ނުދެއްކިފައި ހުރި ފައިސާ ދައްކަން ފަށްޓަވާނެ ކަމަށެވެ. އެ ގޮތުން، މި ހަފުތާގެ ތެރޭގައި އެ ކުންފުނިން މަސްވެރިންނަށް ނުދެއްކިފައި ހުރި ހުރިހާ ފައިސާއެއް ދެއްކުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މާދަމާއާ ހަމައަށް އެ ފައިސާ އަޅުގަނޑުމެންގެ ކުންފުންޏަށް ލިބޭނެ، އަޅުގަނޑުމެންގެ އުއްމީދަކީ ހަމަ މި ހަފުތާ ތެރޭގައި ނުދެއްކިފައި ހުރި ހުރިހާ ފައިސާއެއް ހަމަ ދައްކާ ނިންމުން،" އަދުލީ ވިދާޅުވިއެވެ.
މިފްކޯގެ ދަރަނި މީގެ ކުރިން ވެސް ބޮޑުވެފައި ވަނިކޮށް، 2016 ވަނަ އަހަރު އެ ކުންފުނި ވަނީ އެސްޓީއޯގެ ދަށަށް ބަދަލުކޮށްފައެވެ. އެއިރު އެ ކުންފުނީގެ ދަރަނި 300 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވި އިރު، މަސްވެރިންނަށް އެތައް މިލިއަން ރުފިޔާ ނުދެއްކިފައި އޮތެވެ.
އެހެން ނަމަވެސް އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް މިފްކޯ ބަދަލުކޮށް، އެ ކުންފުނީގެ ކޭޝްފްލޯ ރަނގަޅުކޮށް، އެއިރު މަސްވެރިންނަށް ނުދެއްކިފައި ހުރި ހުރިހާ ފައިސާއެއް ދައްކާ ހަލާސްކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އެ އަހަރުގެ ތެރޭގައި ވަނީ ވިދާޅުވެފައެވެ.
އޭގެ ފަހުން، މިފްކޯގެ އަހަރީ ޖަލްސާގައި ވެސް އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ