ވަކިޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ލިބެންޖެހޭނެ ކަމަށް ވާހަކަދައްކަނީ އަމިއްލައެދުން ބޮޑުވީމާ: ގާސިމް އިބްރާހިމް

ވަކި ޕާޓީއަކަށް މަޖިލިހުގެ މެޖޯރިޓީ ލިބެންޖެހޭނެ ކަމަށް ވާހަކަ ދައްކާނީ ވަކި ވަރަކަށްވުރެ އަމިއްލައެދުން ބޮޑުވުމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ކުރީގެ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައި ގެންނެވުމަށް މިރޭ ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، 6 އޭޕްރިލްގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވަކި ޕާޓީއަކަށް މަޖިލިހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ގައުމެއް ނޯންނާނެ ކަމަށް އެއްވެސް ފަރާތެއް ވިދާޅުވުމަކީ އެބޭފުޅެއްގެ އަމިއްލައެދުން ހާމަވާ ކަމެއްގެ ގޮތުގައެވެ. އަދި އެފަދަ ގަދަބަސް ވިދާޅުވާ ބޭފުޅުންގެ އެފަދަ ބަސްތަކުން ޖުމްހޫރީ ޕާޓީ މާޔޫސް ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް އައި ސަރުކާރެއްގައި، އެ ކޯލިޝަންގައި ހިމެނޭ ޕާޓީއަކުން މަޖިލީހުގެ މެޖޯރިޓީ ކޮންމެހެން ދޭންޖެހޭނެ ކަމަށް ބުނެ އެއްބަސްވެފައިވާ ކަންތައްތަކާއި ޚިލާފަށް މަސައްކަތްތައް ކުރައްވާކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ، އަދުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ. އަދި ވަކިމިހަކު ދައްކަވާ ވާހަކަތަކަށް ކަންބޮޑުވެވަޑައިނުގަތުމަށް ވިދާޅުވިއެވެ.
"މިސަރުކާރަކީ ކޯލިޝަންގެ ސަރުކާރެކޭ އަދުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވާތީ، އެމަނިކުފާނަށް އަޅުގަނޑުމެން ސެލިޔުޓް ކުރަން. އަޅުގަނޑު ރައީސް ސޯލިހަށް ދަންނަވަން އޮތީ ރައީސޭ ސާބިތުކަމާއެކު ކެރިވަޑައިގެން ހުންނަވާށޭ، އަޅުގަނޑުމެން މިތިބީ މަނިކުފާނާއެކު އޭ. ކޯލިޝަން އޮތީ މަނިކުފާނާއި އެކީގައި. އެމްޑީޕީގެ ވަކި ފަރާތެއް ވަކިގޮތަކަށް ކުލަވަރު ދެއްކިއަސް، ފިކުރުފުޅު ނުކުރައްވާށޭ. އިންސާފުވެރިކަމާ އަދުލުވެރިކަމާއެކު މަނިކުފާނު މަސައްކަތްފުޅު ކުރައްވާ ކަމުގައި ވާނަމަ އަޅުގަނޑުމެން ތިބޭނީ މަނިކުފާނާ އެކުގައި، އަދި އެންމެހާ ދިވެހިރައްޔިތުން ތިބޭނީ މަނިކުފާނާއި އެކުގައި." ޤާސިމް ވިދާޅުވިއެވެ.
ފާއިތުވެދިޔަ ތިން ސަރުކާރުވެސް ވެރިކަމަށް އާދެވިފައިވަނީ ޖުމްހޫރީ ޕާޓީގެ އެހީތެރިކަމާ އެކުގައި ކަމަށް ވިދާޅުވެ ގާސިމް ވިދާޅުވީ، އެ ސަރުކާރުތަކަށް ރަނގަޅު ކަމެއް ހާސިލް ކުރެވިފައިވާނަމަ، އެކަމެއްގެ 50 އިންސައްތަ ހިއްސާއަކީ ޖުމްހޫރީ ޕާޓީގެ ހިއްސާ ކަމަށާއި، އެ ސަރުކާރުތަކުން ރަނގަޅު ނޫންކަމެއް ކޮށްފައިވާނަމަ އެކަމުގެ އެއްވެސް މިންވަރެއްގެ ހިއްސާ ޖުމްހޫރީ ޕާޓީގެ ނޯންނާނެ ކަމަށެވެ.
ސަބަބަކީ ޖުމްހޫރީ ޕާޓީއަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނެ، އަދި އެފަދަ ކަމަކަށް މަގުފަހިކުރާ ކަމަކަށް އެއްބާރުލުން ދީފައިވާނެ ޕާޓީއެއް ނޫންކަމުގައި ވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމްގެ ވާހަކަފުޅުގައި ވިދާޅުވީ، ގައުމުގެ އިންޖީނަކީ ޕްރައިވެޓް ސެކްޓާރ އާއި ވިޔަފާރިތައް ކަމަށާއި، ނަމަވެސް ސަރުކާރުތަކަށް ވިޔަފާރިވެރިންނާއި މުއްސަނދިންގެ ބޭނުންޖެހެނީ ވަކިކަހަލަ މަންފާތައް ހާސިލްކުރަން ކަމަށާއި، އެކަމެއް ނިމުމުން އެފަދަ މީހުންގެ ބޭނުން ކެނޑިގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ