އިންތިޚާބާ ގުޅޭގޮތުން ކޯޓަކުން އިތުރަށް ގޮތެއް ނިންމާނެކަމަށް ނުދެކެން: މައުމޫން

‎ނިމިދިޔަ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އެއްވެސް ކޯޓަކުން އިތުރުގޮތެއް ނިންމަވަފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
‎ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމާ މިއަދު ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ކޯޓަކުން އިތުރު ގޮތެއް ނިންމަފާނެ ކަމަށް އެއްވެސް މީހަކު ގަބޫލުނުކުރާނެ ކަމަށެވެ.
‎"ގާސިމް އެ ވިދާޅުވިފަދައިން އެކަމާ ގުޅޭގޮތުން ދެން އެއްވެސް ކޯޓަކުން އިތުރުގޮތަކަށް ނިންމަވާފާނެ ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެއްވެސް މީހަކުވެސް ގަބޫލެއް ނުކުރާނެ،" ރައީސް މައުމޫން ވިދާޅުވިއެވެ.
‎އެމަނިކުފާނު ވިދާޅުވީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި ބަލިވުމުން ބަލިގަބޫލު ކުރެއްވި ކަމަށެވެ. އަދި އެ އިންތިޚާބުގައި ވޯޓު އޮޅުވާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ވިދާޅުވިޔަސް އެއީ ދޮގު ވާހަކައެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
‎"ބަލިވުމަކީ މިދެންނެވިހެން ލަދެއްވެސް ނޫން. ވާދަކޮށްގެން އެކަކު މޮޅުވާނީ. އަނެކަކު ބަލިވީ. ދެން އެބަލި ގަބޫލުކޮށްގެން ހިނިތުންވުމާއެކު ދިޔުމޭ އޮތް ގޮތަކީ. އެހެންވީމަ އަޅުގަނޑު ހިތަށްއެރީ އެހެންނޭ ހަދާނީ. އަޅުގަނޑު ނުބުނަން މީހަކު އޮޅުވާލީއޭ. އެހެންނަމަވެސް ބައެއް ފަރާތްތަކުން ޝައްކު ކުރައްވާކަހަލަ ކަންތައްތަކެއް ހިނގާފަ އޮތީމަ އެބޭފުޅުން އަޅުގަނޑުގެ ސަމާލުކަމަށް އެކަންތައްތައް ގެންނަވައި ވިދާޅުވީ ނިހެންވީމަ އެދޭށޭ އަލުން ގުނަން. އަޅުގަނޑު ދެންނެވިން ނޫނެކޭ. އަޅުގަނޑު ބޭނުމެއް ނޫނޭ އަލުން ގުނާކަށް،" ރައީސް މައުމޫން ވިދާޅުވިއެވެ.
‎ރައީސް މައުމޫން ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބާއްވާފައި ވަނީ ގާނޫނުގައިވާގޮތުގެމަތިން ދުނިޔެ ގަބޫލުކުރާ ދެފުށް ފެންނަ ގޮތަށް ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާއަށް އަސަރު ފޯރާނެފަދަ އެއްވެސް ޝަކުވާއެއް ވެސް ހުށަހެޅިފައިނުވާ ކަމަށާއި އެހެންކަމުން އިންތިޚާބުގެ ކަންތައް ދިޔައީ ގޯސްކޮށް ކަމަށް ބުނެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
‎"އެއްވެސް ގޯހެއް ނުހިނގާ. ހިނގިނަމަ އޮންނާނީ ވަގުތުން އަންގާފައި. އަނެއްކާ ދެން އެ އޮންނަ ހަފްތާއެއްގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ވަގުތީ ނަތީޖާ އިއުލާން ކުރައްވާފަ، އެއް ހަފްތާ ތެރޭގަ އެ ހުރިހާ ނަތީޖާތަކެއް އިތުރަށް ޗެކްކުރައްވާފަ. ބައްލަވާފަ. ދާއިމީ ނަތީޖާ އިއުލާން ކުރެއްވީ. އެ ހިސާބަށް ދިޔައިރުވެސް އެއްވެސް ފަރާތެއްގެ ޝަކުވާއެއް އައިސްފައި ނެތް. ނަތީޖާއަށް ބަދަލެއް އަންނަ ކަހަލަ އެއްވެސް ޝަކުވާއެއް އައިސްފައި ނެތް. އެއަށްފަހު ކިހިނެތްތޯ ކުއްލިއަކަށް ފެނިގެން މި އަންނަނީ އިންތިޚާބުގެ ކަންތައްތައް ގޯސް ވެގެންދިޔަތަން. އެއީ ގަބޫލުކުރާނެ ވާހަކައެއް ނޫން،" ރައީސް މައުމޫން ވިދާޅުވިއެވެ.
‎ދެން އުފެދިގެންދާނީ ކޯލިޝަން ސަރުކާރެއްކަން ފާހަގަކުރައްވައި ރައީސް މައުމޫން ވިދާޅުވީ ކޯލިޝަން ވަރުގަދަކޮށް ބަދަހިކޮށް ކުރިއަށްދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ކޯލިޝަން އިތުރަށް ބަދަހިވެ ހުރިހާ ކަމެއްގައި ވެސް މަޝްވަރާކުރެވި އެންމެނަށް އެއްބަސްވެވޭ ގޮތެއްގެމަތިން އިންސާފާއި ހަމަހަމަ ކަމާއެކު ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
‎"އެންމެނަށް އެއްބަސްވެވޭ ގޮތެއްގެމަތިން، ވަރަށް އިންސާފާ ހަމަހަމަކަމާ އަދުލުވެރިކަމާއެކު ކަންތައް ގެންދާނީ. އަޅުގަނޑުމެން އެދެނީ ރާއްޖެއަށް ހަމަހަމަ ކަމާއި އިންސާފު. އެންމެނަށްވެސް އެއްގޮތެއް. ވަކި މީހަކަށް ވަކިގޮތެއް ނޯންނާނެ. ވަކި ވިސްނުމެއްގައި ހުރީމަކާއެއް ވަކި ތަފާތު ކުރުމެއް ނޯންނާނެ. އެއްވެސް މީހަކަށް އަނިޔާއެއް ދިނުމެއް ނޯންނާނެ. އެއްވެސް މީހަކު ގޭގަހުއްޓާ ގެންގޮސް ޖަލަށްލުމެއް ވެސް ނޯންނާނެ. އެންމެނަށްވެސް ހިނގާނީ އެއް އުސޫލެއް. ގާނޫނީ ހަމަތަކުގެމަތިން، ޝަރުއީ ހަމަތަކުގެމަތިން، ކުށްކުރާ މީހަކާމެދު ވެސް އަމަލުކުރެވޭނީ،" ރައީސް މައުމޫން ވިދާޅުވިއެވެ.
‎ކުރިއަށް އޮތް ފަސް އަހަރަކީ ހުރިހާގޮތަކުން ވެސް ރާއްޖެއަށް ހަމަޖެހުން ލިބޭ އަމާން ބާއްޖަވެރި ފަސް އަރަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ