ޕްރެޒިޑެންޓްސް ކަޕް: ޗެމްޕިއަން ވީބީ ބަލިކޮށް، ނިއު ފައިނަލަށް

ހުސްވި އަހަރުގެ ޕްރެޒިޑެސްޓްސް ކަޕުގެ ތަށި އުފުލައިލި ވީބީ ސްޕޯޓްސް ކުލަބް ބަލިކޮށް، ސެމީގެ ފުރަތަމަ މެޗުން ވީބީ އަތުން މޮޅުވި ވިކްޓަރީއާ ދެކޮޅަށް ފައިނަލް ކުޅުމުގެ ފަހު ޖާގަ ވާދަވެރި ނިއުރޭޑިއަންޓުން ހޯދައިފި އެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މިމުބާރާތުގެ ތިން ވަނަ ސެމީ ފައިނަލް މެޗުގައި ވީބީއާ ވާދަކޮށް ނިއު އިން މެޗް ކާމިޔާބު ކުރީ ތިން ލަނޑު ދެލަޑުން ނެވެ.
ވީބީ އާއި ނިއު ވަނީ މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ތިން ވަނަ ސެމީ ފައިނަލްގައި ބައްދަލުކޮށްފަ އެވެ. އެ މެޗު 5- 0 އިން ކާމިޔާބުކުރީ ވީބީ އެވެ. އެހެންނަމަވެސް ފޯރި ގަދަވެގެން ދިޔަ ރޭގެ މެޗުގެ ފުރަތަމަ ލަނޑުޖަހާ މެޗުގެ ލީޑް ނެގީ ނިއު އިންނެވެ.
މެޗްގެ ފުރަތަމަ ހާފުގެ 24 ވަނަ މިނެތުގައި ނިއުއަށް ލީޑް ނަގައި ދިނީ ސަސްޕެންޝަނުގެ ސަބަބުން ދެވަނަ ސެމީ ފައިނަލްގައި މާޒިޔާ އަތުން ނިއު މޮޅުވި މެޗުގައި ކުޅިބަލަން ހުންނަން ޖެހުނު އިތުބާރު ފޯވާޑް އަދި ކެޕްޓަން އަހުމަދު ތޯރިގް (ޓޮމް) އެވެ.
ޓޮމްގެ ލަނޑާއެކު ހިތްހަމަ ޖެހިގެން ތިބި ނިއުގެ ކުޅުންތެރިން މެޗުގެ ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑު ލީޑަކާއެކު އެވެ.
އެހެން ނަމަވެސް އިތުބާރު ހުރި ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ) ނުލައި ވީބީ އިން ކުޅެމުންދިޔަ މިމެޗުގައި ވީބީން ނިއުކޮޅަށް ލަނޑު ޖަހާ ނަތީޖާ ހަމަ ހަމަ ކުރީ މެޗުގެ ދެ ވަނަ ހާފުގައެވެ.
ފާންސާސް ނުވަ ވަނަ މިނެތުގައި ވީބީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަބޫ ޑެސްމޮންޑް މަންސާރޭ އެވެ.
މެޗުގެ ނަތީޖާ ހަމަހަމަ ވުމުން، ދެޓީމުގެ ކުޅުން އިތުރަށް ފޯރިގަދަވި ނަމަވެސް، ވީބީން ވަނީ މެޗުގެ 64 ވަނަ މިނެޓުގައި ލީޑު ފުރަތަމަ ފަހަރަށް ނަގާ، މެޗު ބަލަން ދަނޑަށް ވަދެތިބި ނިއުގެ ސަޕޯޓަރުގެ އަޑު ހުއްޓުވާލައިފައެވެ. ވީބީއަށް ލީޑް ނަގައިދިން ލަނޑު އެޓީމަށް ހުޅުވާލައި ދިނީ ބިދޭސީ ކުޅުންތެރިޔާ ސެންގިޒް ހުސެއިން އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލައިގެންނެވެ.
ސެންގިޒް ހުސައިން ވީބީއަށް ކާމިޔާބު ކޮށްދިން ލަނޑާއެކު، 2-1 ލަނޑުން މެޗުގެ ބާކީ ބައި ފުރިހަމަ ކުރުމަށް ވީބިން ކުރި ބުރަ މަސައްކަތުގެ ހިތި ނަތީޖާއަކަށްވީ މެޗުގެ 67 ވަނަ މިނެޓުގައި ޓޮމް ނަގައިދިން ހުރަހަކުން އަހުމަދު ނިޔާޒް ގޯލެއް ޖަހައިދީ އަލުން ނިއުން ނަތީޖާ ހަމަހަހަމަ ކުރި ހިސާބުންނެވެ. އަދި އެނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް ނިއު މޮޅުކޮށްދިނީ، މިއަހަރުގެ ޕްރެޒިޑެންޓް ކަޕްގެ ފައިނަލުގައި ކުޅުމުގެ ފުރުޞަތު އެޓީމަށް ހޯދައި ދިނީ ޓޮމް އެވެ.
މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރުދުވަހުގެ ރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ