ޕީޕީއެމްގެ މައްސަލަ ކޯޓުން ބާތިލު ކުރުމުން އަނެއްކާ ހުށަހަޅައިފި

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕީޕީއެމް ހިސޯރުކޮށްފައިވާ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލުމުން އަނެއްކާ ވެސް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
މައްސަލަ ކޯޓުން ބޭރުކޮށްލީ މިދިޔަ ހޯމަ ދުވަހު އެވެ. އެއީ މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލު ޝަރީއަތަށް ހާޒިރު ނުވުމުންނެވެ. މި މައްސަލަ އަލުން ކޯޓަށް ވެއްދީ އިއްޔެ އެވެ. މިފަހަރު މައްސަލަ ހުށަހެޅީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ. މި މައްސަލަ ކޯޓުން ބަލައިގަނެ މިއަދު 02:00 އަށް ޝަރީއަތް ތާވަލުކޮށްފައިވާ ކަމަށް ޝިޔާމް މީޑިއާގައި ވިދާޅުވެފައިވެ އެވެ. އެ ދެ މެންބަރުން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ ގުނަންތައް ރައީސް މައުމޫނު ހުއްޓުވާފައިވާތީ އެކަމަށް ނިމުމެއް ގެނެސްދީ ޕީޕީއެމް އިސްލާހު ކުރަން ކަމަށް ވިދާޅުވެ ރައީސް މައުމޫން އިއުލާންކުރައްވާފައިވާ އިސްލާހީ އެޖެންޑާ ބާތިލްކޮށްދިނުމަށް އެދޭ ކަމަށެވެ. އިއްޔެ އަނެއްކާ މި މައްސަލަ ކޯޓަށް ވައްދާފައިވާއިރު މިވަގުތު ރައީސް މައުމޫން ހުންނެވީ ރާއްޖެއިން ބޭރުގައި އެވެ. އަދި އެމަނިކުފާނުވަނީ ޕާޓީގެ ކައުންސިލް ބައްދަލުވުން ނުބާއްވަން އަންގަވާފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ