ހދ. ހަނިމާދޫގައި ހިންގަމުންދާ ގެސްޓް ހައުސްއަކުން ވަގަށް ނަގާފައިވާ ފައިސާތަކެއް ހޯދައި ތުހުމަތުކުރެވޭ ބިދޭސީ ފިރިހެނެއް ހދ. ކުޅުދުއްފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 21 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.
މިހިނގާ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ވަގުތެއްގައި ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައަކާއި ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ވަގަށް ނަގާފައިވާ ފައިސާއާއެކު ހދ. ހަނިމާދޫން ފުރައިގެން ކުޅުދުއްފުއްޓަށް ގޮސްފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފައިސާތައް ފެނިފައިވަނީ ހދ. ކުޅުދުއްފުށީގެ ކުރީގެ އަމީރު އަމީން ކައިރިން އެނާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ލައިގެން ހުރި ސޯޓުގެ ޖީބު ތެރެއިންނެވެ. އެގޮތުން އޭނާ ލައިގެންހުރި ސޯޓުގެ ޖީބުން 3400 އަށްވުރެ ގިނަ ޑޮލަރާއި 1200 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މި މައްސަލަ ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގު ކުރަމުންނެވެ.
ވަގަށް ނަގާފައިވާ ފައިސާތަކެއް ހޯދާ، ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ