ދިވެހި ރާއްޖޭގެ ދާޚިލީ ހަމަޖެހުން ނަގާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ ބަންދުގެ މުއްދަތު 5 ދުވަހަށް އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.
ހައި ކޯޓުން މި ގޮތަށް ތާޢީދު ކޮށްފައިވަނީ ކްރިމިނަލް ކޯޓުން ހަމީދުގެ ބަންދުގެ މުއްދަތު 5 ދުވަހަށް އިތުރުކުރުމަށް ނެރުނު އަމުރު އިސްތިއުނާފުކުރުމަށް އޭނާގެ ފަރާތުން ހުށަހެޅި މައްސަލައާއި ގުޅިގެން ހައިކޯޓުން މިއަދު ކުރި ހުކުމުގައެވެ.
ކްރިމިނަލް ކޯޓުގެ އަމުރު ހަމީދުގެ ފަރާތުން އިސްތިއުނާފުކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ވަނީ، ކްރިމިނަލް ކޯޓްގެ އެ އަމުރަކީ ޝަރުއީ އަދި ގާނޫނީ ހަމައިން ބޭރުގައި ކޮށްފައިވާ އަމުރެއް ކަމަށް ކަނޑަ އަޅައިދެވޭނެ ޝަރުއީ ހަމައެއް ނެތް ކަމަށެވެ.
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޙަމީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސް ޑިޕާޓްމަންޓް ހިންގުމާއި ޙަވާލުވެ ހުރިއިރު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭނުމަށް އެއްކޮށްފައިވާ މުހިއްމު މަޢުލޫމާތާއި ޤައުމީ ސަލާމަތާއި ގުޅުންހުރި މުހިއްމު މަޢުލޫމާތު ތަކުގެ އިތުރުން ޙަޤީޤަތެއް ނެތް ދޮގު މަޢުލޫމާތުތަކެއް އެހެން ބަޔަކަށް މަންފާ ކުރަނިވި ގޮތަކަށް ފޯރުކޮށްދިން ކަމުގެ ތުހުމަތުގައާއި އޭގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާތެރިވެ ފުލުހުންނާއި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދިދާނެ ގޮތަކަށް ޢަމަލުކޮށްފައި ވާކަމަށް ބެލެވޭތީއެވެ.
ފުލުހެއްގެ ގޮތުގައި ހުރެ މިފަދަ ގޮތަކަށް ޢަމަލު ކުރުމަކީ ފުލުހުންގެ ޤާނޫނާއި ޚިލާފުކަމެއް ކަމަށް ފުލުހުން ބުނެފައިވާއިރު ޙަމީދުގެ ބަންދުގެ މުއްދަތު 5 ދުވަހަށް އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާޢީދު ކުރުމާއި ގުޅިގެން އެމައްސަލަ ކުރިއެކޭ އެއްގޮތަށް ތަހްޤީޤް ކުރިއަށް ގެންދަން ފަށައިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ހަމީދުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ