ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކަށިގަނޑު ނުފުމޭނެކަމަށް 100 ފަހަރު ލިޔުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގަށް (ޓޮމް) އަށް ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފިއެވެ.
މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެންބަރުން ވަނީ މަޖިލީސް ތެރޭގައި އިހުތިޖާޖުކޮށްފައެވެ. އެ މެންބަރުންތައް މަޖިލީސް ތެރޭގައި އިހުތިޖާޖުކޮށްފައި ވަނީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހާއިލަމް އާ ގުޅޭ ގޮތުން އެމްޑީޕީ ބައެއް މެންބަރުން ވާހަކަދައްކަމުން ދާތީއެވެ.
އެގޮތުން އިދިކޮޅު މެންބަރު ތޯރިގު މަޖިލީސް ތެރޭގައި ކަށިގަނޑު ފެށުމުން، ނަޝީދު ވަނީ އެގޮތަށް ކަންތައް ނުކުރަން އޭނާއަށް އަންގާފައެވެ.
"އަޅުގަނޑު މަހިބަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު 100 ފަހަރު ދެން ތިމަންނަ މަޖްލީހުގެ ތަޅުމުގައި ކަށިގަނޑު ނުފުމޭނަން، އެގޮތަށް މި ދެންނެވި ޖުމްލަ 100 ފަހަރު ލިޔުމަށް މަހިބަދޫ ދާއިރާގެ މެމްބަރަށް ދަންނަވަން" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ތޯރިގަށް އެގޮތަށް އެންގެވުމުން މަޖިލީހުގެ ތެރޭގައި އޭނާ އިތުރަށް ކަށިގަނޑު ފުމެފައެއް ނުވެއެވެ.
ގާޒީ ހައިލަމްއާ ގުޅޭ މައްސަލަ މަޖިލީސް ތެރޭގައި ފެންމަތިވެގެން މި އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ވައިބަ ގްރޫޕެއްގައި ހައިލަމް ފޮނުވި ފޮޓޯގެ ސްކްރީން ޝޮޓަކާއި ގުޅިގެންނެވެ.
އަދި ގާޒީ ހައިލަމްގެ އެ މެސެޖާއި ގުޅިގެން ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ވަނީ ހައިލަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައެވެ.
މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ގާޒީ ހައިލަމް ސަސްޕެންޑް ކުރުމަށް ގޮވާލާފައެވެ.
މަޖިލީހުގައި ކަށިގަނޑު ނުފުމޭނެކަމަށް 100 ފަހަރު ލިޔުމަށް މެމްބަރު ތޯރިގަށް ނަޝީދު އަންގަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ