ނައިފަރު ކައުންސިލްގެ ހުއްދަ ނެތި އެރަށުގައި ދަރުސް ދިނުން މަނާ ކުރުމާއި ގުޅިގެން ކައުންސިލްގެ އިދާރާ އަށް ރައްޔިތުންގެ ބަޔަކު އެއްވެއްޖެ

އލިޔުނީ : ޝިޔާޒްޅ. ނައިފަރު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގައާއި އެހެނިހެން ތަންތަނުގައި އެ އިދާރާގެ ހުއްދަ ނެތި އެކިއެކި ކްލާސްތައް ނަގާދިނުމާއި، ދަރުސްދިނުމާއި، ތަޤްރީރުކުރުން ފަދަ ކަންކަން ކުރުމަކީ މަނާކަމެއް ކަމުގައި މިދިޔަ ބުރާސްފަތި ދުވަހު ކަނޑައަޅައި އިޢުލާންކުރުމާއި ގުޅިގެން އިއްޔެ އެ ރަށުގެ ކައުންސިލްގެ އިދާރާ އަށް ރަށުގެ ރައްޔިތުންގެ ބަޔަކު އެއްވެއްޖެއެވެ.އެ މައްސަލާގައި ކައުންސިލްގެ އިދާރާއަށް ދިޔަ އެރަށުގެ ބޭފުޅަކު ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެ އިދާރާ އަށް މީހުން ދިޔައީ އެމައްސަލަ އާއި ބެހޭގޮތުން ކައުންސިލަރުންނާއި ވާހަކަ ދައްކައި އެޤަރާރު ބާޠިލް ކޮށްދެއްވުމަށް ދެންނެވުމަށް ކަމަށެވެ. ގާތްގަނޑަކަށް 80 އަށް ވުރެ ގިނަ މީހުން ކައުންސިލް އިދާރާ ދޮށަށް އެއްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއެއްވުމުގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގައެވެ.“ނައިފަރު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގައްޔާއި، އެހެނިހެން ތަންތަނުގައި، މި އިދާރާގެ ހުއްދަ ނެތި އެކި އެކި ކްލާސްތައް ނަގާދިނުމާއި، ދަރުސް ދިނުމާއި، ތަޤްރީރުކުރުން ފަދަ ކަންކަން ކުރުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާ، ކައުންސިލް އުފެދުމުގެ ކުރިން އެފަދަ އެއްވެސް ހުއްދައެއް އެއްވެސް މުޥައްސަސާއަކުން އެއްވެސް ފަރާތަކަށް ދީފައިވާނަމަ އެ ހުއްދަ އަކީ ބާޠިލް ހުއްދަ އެއް ކަމުގައި ކަނޑައަޅާ މިކަމަށް އެދޭ ފަރާތްތަކުން ކައުންސިލް އިދާރާ އަށް ހުށަހަޅައިގެން ހުއްދަ ހޯދުމަށް” ޢާއްމުކޮށް އަންގާ ކަމުގައި އެ އިޢުލާނުގައި ބުނެފައިވެއެވެ. އެ އިޢުލާނުގެ ކޮޕީ އެއް ދިއިސްލާމަށް ވެސް ވަނީ ލިބިފައެވެ.ނައިފަރުން ވާހަކަދެއްކެވި ފަރާތުން އިތުރަށް ވިދާޅުވީ ބުރާސްފަތި ދުވަހު އެ އިޢުލާން ނެރުމާއި ގުޅިގެން އެ ރަށުގެ މިސްކިތްތަކުގައި ޢާއްމުކޮށް ދަރުސް ދެއްވާ އަދި ކްލާސްތައް ކުރިއަށް ގެންދަވާ ޝައިޚް މުޙައްމަދު އިބްރާހީމް އާއި ޝައިޚް މުޙައްމަދު މޫސާ އެބޭފުޅުންގެ ދަރުސްތަކާއި ކްލާސްތައް ހުއްޓާލާފައިވާ ކަމަށެވެ. އަދި މިއަދުގެ ވަޤުތެއްގައި އެ ދެޝައިޚުންނާއި ރަށު ކައުންސިލުން ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި ކައުންސިލްގެ ފަރާތުން އެ އިޢުލާނުގައި ބުނެފައިވާ ވާހަކަތަކުގެ ތަފްޞީލް ރައްޔިތުންނަށް އެނގޭ ގޮތަށް އަލުން އިޢުލާނެއް ނެރޭނެ ކަމަށް ކައުންސިލުން ބުނެފައިވާ ކަމަށެވެ.މިކަމާއި ގުޅިގެން ނައިފަރުގެ ބައެއް ރައްޔިތުން ބުނާ ގޮތުގައި ދީނީ ތަޤްރީރު ކުރުމާއި ވަޢުޒު ވިދާޅުވުމުގެ ހުއްދައަކީ ދީނުގެ ޢިލްމު އުނގެނިގެން ތިއްބަވާ ބޭފުޅުންނަށް އިސްލާމިކް މިނިސްޓްރީން ދެއްވާ ހުއްދައަކަށްވާ އިރު އެފަދަ ހުއްދައެއް ބާޠިލްކޮށް އުވާލުމުގެ އިޚްތިޔާރާއި ބާރު ރަށު ކައުންސިލަކަށް ލިބިގެން ނުވެއެވެ. އަދި ބުނެފައި ވަނީ އެ ރަށުގައި ދަރުސްތަކާއި ކްލާސްތައް ކުރިއަށް ގެންދަވާ ޝައިޚުންނަށް އިސްލާމިކް މިނިސްޓްރީން ދެއްވާފައިވާ ހުއްދަ އަށް ޢަމަލު ނުކުރެވޭނެ ކަމަށް ދޭހަވާ އިބާރާތަކުން ޤަރާރު ފާސްކޮށް އިޢުލާން ނެރުމަކީ ސަރުކާރުގެ މިނިސްޓްރީތަކަށް އިޙްތިރާމް ކުރުމެއް ނެތި އެފަދަ މަސައްކަތަކީ ސީދާ ކައުންސިލުން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ދެއްކުން ކަމަށެވެ. އަދި މިހެންވުމަކީ ކައުންސިލްގެ މަޤާމާއި ކައުންސިލްގެ މަސައްކަތްތައް އޮޅި ހަމަމަގުން ކަސިޔާރުވުން ކަމަށް ދެކޭ ކަމަށެވެ.އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދުﷲ ޖަމީލް އާއި ޙަވާލާދީ “ސަން” އޮންލައިން ގައި ބުނެފައި ވަނީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އެމިނިސްޓްރީން ދީފައިވާ ފަރާތްތަކަށް ރަށްރަށުގެ މިސްކިތްތަކުގަ އާއި އެނޫން ވެސް އެފަދަ ތަންތަނުގައި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އާއްމުކޮށް ދީފައިވާނެ ކަމަށެވެ. ނަމަވެސް ކައުންސިލުން ބާތިލް ކޮށްފައި ވަނީ ދީނީ ދަރުސް ދިނުމުގެ ހުއްދަ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެފަރާތުން އެދިވަޑައިގެންނަވަނީ ދަރުސްތައް ދިނުމުގެ ކުރިން އެފަރާތުގެ ހުއްދަ ހޯދުން ކަމަށް ވެސް އަޙްމަދު ﷲ އާއި ޙަވާލާދީ “ސަން” އިން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ