މީގެ 25 އަހަރު ކުރިން ބޭރުގެ ކުލީ ސިފައިންގެ ބަޔަކު ރާއްޖެ އަށް ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލި ހާދިސާ އަށް ފަހު ހޯދި ނަސްރު ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ފޮނުވައިފި އެވެ.
ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން މައުމޫން މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ މާތްﷲގެ ވާގިފުޅާ އެކު 3 ނޮވެމްބަރު 1988 ވަނަ ދުވަހު ދިވެހި ރައްޔިތުނާއި ސިފައިން ހޯދި ތާރީޚީ ކާމިޔާބީ އަށް ޓަކައި ރާއްޖޭގެ ހިތްވަރުގަދަ ދިވެހި ސިފައިންނަށް ތަހުނިޔާއާއި މުބާރިކްބާދީ ވިދާޅުވާ ކަމަށެވެ.
ހަމައެފަދައިން އެދުވަހު ދިވެހި ޤައުމަށް ލިބުނު މަތިވެރި ނަޞްރުގައި މުހިންމު ޙިއްޞާއެއް އަދާކޮށްދެއްވި އިންޑިއާ ސަރުކާރަށާއި އިންޑީއާގެ ސިފައިންނަށް ވެސް ނުހަނު އިޚްލާސްތެރި ކަމާ އެކު ޝުކުރު ދަންނަވާ ކަމަށެވެ.
"ނަޞްރަކީ، މާތްﷲ ޙައްގު ގޮތުގައި އީމާންވެ އެކަލާނގެ ދެއްކެވި މަތިވެރި ހިދާޔަތުގައި ދެމިތިބެ ދީނާއި ޤައުމުގެ ދިފާއުގައި ހިތްވަރާއި ސާބިތުކަމާ އެކު މަސައްކަތް ކުރާ ތެދުވެރި މުއުމިނުންނަށް މާތްﷲ ވައުދުވެވޮޑިގެންފައިވާ އަގުމާތް ނިއުމަތެކެވެ،" މައުމޫންގެ ބަޔާނުގައިވެ އެވެ.
ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގައި މަޢުސޫމް ދިވެހި ރައްއޔިތުންތަކެއްގެ ލޭ އޮހޮރުވާލައި ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން ފުނޑުފުނޑުކޮށްލަން މަސައްކަތްކުރި ޓެރަރިސްޓުންގެ ތެރޭގައި ދިވެހި ޚާއިނުންގެ ބަޔަކު ވާކަން އަބަދުމެ ހަނދާން ބެހެއްޓަން ޖެހޭ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި އެބައިމީހުންގެ ނުބައި ރޭވުންތަކުން ދިވެހި ގައުމުސަލާމަތްކުރުމަށް ޓަކައި ހޭލާ ތިބުމަށް މައުމޫން އިލްމާސް ކުރެއްވި އެވެ.
"އަދިވެސް އަނެއް ފިލާވަޅަކީ، އަޅުގަނޑުމެން އަބަދުވެސް އެއް ދީނެއްގެ ބައެއްގެ ގޮތުގައި އެކަތިގަނޑަކަށް ވެގެން ތިބުމެވެ. އެއްވެސް ސަބަބަކާހުރެ ބައިބައިވެގެން ނުދިއުމެވެ."
މައުމޫން ވިދާޅުވީ އަޅުގަނޑުމެން އެންމެން އިސްލާމީ ހިދާޔަތުގައި ސާބިތުވެތިބެ، ޤައުމަށް ހިޔާނާތްތެރިވާ ދިވެހިންނާއި ރާއްޖޭގެ މައްޗަށް އަތްގަދަކުރަން އުޅޭ ބޭރުގެ ފަރާތްތަކުގެ ރޭވުންތަކަށް ސަމާލުވެ ތިބެ، އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ތިބެއްޖެ ނަމަ، މާތްﷲގެ ވާގިފުޅުން އަޅުގަނޑުމެންނަށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓޭނެ ކަމީ ޔަގީންވެ ކަށަވަރުވާ ކަމެއް ކަމަށެވެ.
ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ވަނީ ޝަހީދުކޮށްލައިފަ އެވެ.
ނަސްރު ދުވަހުގެ ތަހުނިޔާ މައުމޫން ފޮނުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ