ވާރޭ ނުވެހި ގިނަ ދުވަސްތަކެއްވުމުން ބައެއް ރަށްރަށުން ބޯ ފެން ހުސްވެ، ބައެއް މީހުން ފެނަށް ޖެހިއްޖެ އެވެ.
ބޯ ފެން ނުލިބިގެން ދަތިތަކެއް ކުރިމަތިވެފައިވާ ގދ. ތިނަދޫން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އެ ރަށަށް ވާރޭ ނުވެހާތާ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން މުޅި ރަށުން ވެސް ވާރޭ ފެން ގާތްގަނޑަކަށް ހުސްވެފައިވާ ކަމަށެވެ. ވާރޭފެން ނުލިބުމުގެ ސަބަބުން ގިނަ މީހުން ބުއިމަށް މިހާރު ބޭނުން ކުރަނީ އަގުބޮޑުކޮށް މިނަރަލް ވޯޓާ ގަނެގެން ކަމަށް ވެސް އޭނާ ބުންޏެވެ.
"މި ރަށުން އެންމެ ކުޑަ ފެންފުޅިއެއް ވެސް ވިއްކަނީ 5ރ. އަށް. މުޅި ރަށު އެންމެން ކަހަލަގޮތަކަށް ބޮޑު އަގުގައި ފެން ގަނެގެން ބޭނުން ކުރަނީ،" އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނިގޮތުގައި ސުނާމީއާ ގުޅިގެން އެ ރަށަށް ގެންދިޔަ ފެން ޕްލާންޓް ބޭނުން ނުކޮށް ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ޕްލާންޓްގެ ބައެއް ސާމާނު ހަލާކުވެ، ބައެއް ސާމާނު މިހާރު ވަނީ ވަގަށް ގެންގޮސްފަ އެވެ.
ނެޝެނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ ބޯ ފެނުގެ ދަތިކަން ބޮޑުވެ، ފެން ފޯރުކޮށް ދިނުމަށް 12 ރަށަކުން އެދިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ދ. އަތޮޅުގެ އިތުރުން ތ. އަތޮޅު ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޯ ފެނަށް އެދުނު ރަށްތަކުގެ ތެރެއިން އަށް ރަށަކަށް ފެން ފޯރުކޮށްދީފިން. އިތުރު ރަށްތަކަށް ވެސް ފެން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ.
ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ ރަށްތަކަށް ފެން ފޯރުކޮށްދެނީ އެމްޑަބްލިއުއެސްސީން ދޫކުރާ ފެން ގަނެގެންނެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އިތުރަށް ބުނިގޮތުގައި ކޮންމެ އަހަރެއްގެ ވެސް އިރުވައި މުސޫމާ ދިމާކޮށް ބައެއް ރަށްތަކުން ވާރޭފެން ހުސްވެ އެވެ. މިދިޔަ އަހަރުގެ މިދުވަސް ވަރު ވެސް ފެނަށް ޖެހުނު ބައެއް ރަށްތަކަށް ފެނާ ބެހޭ މިނިސްޓްރީން ވަނީ ފެން ފޯރުކޮށްދީފަ އެވެ.
ބައެއް ރަށްތަކުގައި ބޯ ފެން ހުސްވެ، ރައްޔިތުން ފެނަށް ޖެހިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ