ރިޔާސީ އިންތިހާބު 2008: އެމްޑީޕީގެ ވެރިކަމެއްގައި ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުމެއް ނުކުރާނަން: އަންނި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމެއްގައި ދީނަކީ ސިޔާސީ ހަތިޔާތެއްގެ ގޮތުގައި ބޭނުންނުކުރައްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެ އެވެ.
އަންނި ކެމްޕޭން އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުގައި ކެމްޕޭން ދަތުރުގައި ހދ. ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކޮށް އަންނި ވިދާޅުވީ އެ ޕާޓީގެ ސަރުކާރެއްގައި ދީނީ ކަންތައް ކުރިއަށް ގެންދަވާނީ ދީނީ އިލްމުވެރިންގެ އިޖުމާއުގެ މައްޗަށް ކަމަށެވެ.
އެ ނޫސް ބަޔާނުގައިވާ ގޮތުން އަންނި ވިދާޅުވީ "ދީނީ އިލްމުވެރިންނަކީ އޭނާ ވަރަށް އިހުތިރާމްކުރާ ބައެއް" ކަމަށެވެ.
"ދީނީ އިލްމު ވެރިންނަކީ އެ ބޭފުޅާ (ނަޝީދު) ވަރަށް އިހުތިރާމް ކުރައްވާ ބައެއް ކަމަށް ވިދާޅުވި އެވެ. އަދި އަދާލަތު ޕާޓީއާ ދޭތެރޭގައި ވެސް ދެކެވަޑައިގަންނަވަނީ އެގޮތަށް ކަމުގައި ހާމަކުރެއްވި އެވެ،" އެ ނޫސް ބަޔާނުގައި ވެ އެވެ.
އެހެން ނަމަވެސް އަދާލަތު ޕާޓީން ޖުމްހޫރީ ޕާޓީއާ ގުޅުމަކީ އެ ޕާޓީގެ ދީނީ ފޭރާން ކަޝްފްވެފައިވާ ކަމަށް ފެނިވަޑައިގަންނަވާތީވެ އެކަމާ ހިތާމަކުރައްވާ ކަމުގައި އަންނި ވިދާޅުވި ކަމަށް ވެސް ނޫސް ބަޔާނުގައި ވެ އެވެ.
ކުޅުދުއްފުށީގައި ވަރަށް ކުރިއްސުރެ ހުންނަ މިސްކިތެއް ތަޅާލުމަށް ފަހު، ސަރުކާރުން އެތަނުގައި މިސްކިތެއް ބިނާކުރާތާ އެތައް އަހަރެއްވެފައިވާ ކަމަށް އިޝާރާތް ކުރައްވައި، ތަރައްގީ އަކީ ގައުމުގެ އާސާރީ ތަރިކަތައް ނައްތާލުމެއް ނޫން ކަމަށް އަންނި ވިދާޅުވި ކަމަށް ވެސް އެ ނޫސް ބަޔާނުގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ