މައުމޫންގެ ޝަރުތު ހަމަވާ ކަމަށް އިލެކްޝަންސުން ނިންމި ނިންމުން ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

52: 16
ކުރިއަށް އޮތް ރިއާސީ އިންތިހާބުގައި ޑީއާރުޕީގެ ރިއާސީ ކެންޑިޑޭޓް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަށް ވާދަނުކުރެއްވޭނެ ކަމަށް ބުނެ އެސްއެލްޕީން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ކުރި ދައުވާގައި، އިލެކްޝަނުން މައުމޫނުގެ ޝަރުތު ހަމަވާ ކަމަށް ނިންމި ނިންމުން ސައްހަ ކަމަށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ދެ ދައުރަށް ވުރެ ގިނައިން މައުމޫން ކުރައްވާފައި ވާތީ، އެއީ މިހާރު އަމަލްކުރަމުންދާ ގާނޫނު އަސާސީ ބުނާ ގޮތުން، މިފަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަނުކުރެއްވުން ކަމަށް އެސްއެލްޕީން ދައުވާކުރެ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކުރައްވާފައިވާ ގޮތުގައި މިހާރުގެ ގާނޫނު އަސާސީގައި ދެ ދައުރަށް ވުރެ ގިނަ ދައުރުގައި އެކަކަށް ވާދަނުކުރެއްވޭނެ ކަމަށް ކަނޑައަޅާފައި ވަނީ ކުރީގެ ގާނޫނު އަސާސީގެ ދަށުން ދެ ދައުރު ވެރިކަން ކުރެއްވި ބޭފުޅަކަށް ކުރިމަތިނުލެއްވޭނެ ގޮތަށް ބަލާފައެއް ނޫނެވެ.
ހުކުމް ކުރެއްވުމުގެ ކުރިން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ޝަރީއަތުން އެ މައްސަލައިގައި ފާހަގަކުރި ނުކުތާތައް އިއްވެވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ޖެހިގެން އުޅެނީ ގާނޫނު އަސާސީގެ 107 ވަނަ މާއްދާގެ ހ. މާނަ ކުރުމުގައި އުޅޭ މައްސަލައެކެވެ. އެހެންކަމުން ޝަރީއަތުގައި ދެ ފަރާތުން ދެއްކި ވާހަކަތަކަށް ބަލައި، އެ މައްސަލަ ދިރާސާ ކުރެއްވުމުގައި ދުސްތޫރު ތަފްސީލު ކުރައްވާ އުސޫލަށް ރިއާޔަތް ކުރެއްވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ގާނޫނީ އިލްމުވެރިން ބުރަވާ ގޮތަށް ރިއާޔަތްކުރައްވާ، އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގާނޫނު އަސާސީގެ ހުރިހާ ނައްސުތައް އިސްލާހު ކުރުމަކީ އާ ގާނޫނު އަސާސީއެއް އެކުލަވައިލުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީގެ 107 ވަނަ މާއްދާ ފާސްކުރި އިރު އެ މަޖިލީހުގެ މަގްސަދަކީ ކުރިން ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅަކަށް ކުރިއަށް އޮތް ރިއާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތް ހެދުން ނޫން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ހާއްސަ މަޖިލިހުގައި ކުރި ބަހުސްތަކަށް ބައްލަވާ އިރު، ކުރިން ދެ ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް އަލުން ވާދަނުކުރެއްވޭނެ ކަމަށް ހުށަހެޅި އިސްލާހު ފާސް ވެފައި ވެސް ނުވާ ކަމަށެވެ.
ފަނޑިޔާރުންނަށް ފާހަގަކުރެއްވުނު ނުކުތާތަކަށް ބައްލަވާ، ސުޕްރީމް ކޯޓުން އެސްއެލްޕީގެ ދައުވާ ނިންމެވީ، މައުމޫންގެ ޝަރުތު ހަމަވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ގާނޫނު އަސާސީގެ 107 ވަނަ މާއްދާއާ އެއްގޮތްވާ ކަމަށް ސާބިތުވާތީ އެއީ ސައްހަ ނިންމުމެއް ކަމަށެވެ.
ސުޕްރިމް ކޯޓުގައި ބޭއްވި ޝަރީއަތް ފަށާފައި ވަނީ ޝެޑިއުލް ކޮށްފައިވާ ގަޑިއަށް ވުރެ 30 މިނެޓު ފަހުންނެވެ. މެންދުރު 00: 02 ގައި ޝެޑިއުލް ކޮށްފައި އޮތް ޝަރީއަތް އަޑުއެހުމަށް ބައެއް މީހުން 30: 11 ގައި ސުޕްރީމް ކޯޓު ދޮށުގައި ކިއު ޖެހެން ފެށި އެވެ. ސުޕްރީމް ކޯޓުގައި މީގެ ކުރިން ބޭއްވި އެހެން ޝަރީއަތްތަކަށް ވަންނަން ޖެހެނީ ނަން ނޯޓު ކޮށްގެންނެވެ. ނަމަވެސް މިއަދުގެ ޝަރީއަތަށް ވެއްދީ ނަން ނޯޓު ނުކޮށް ކިއޫ ތަރުތީބުންނެވެ.
މައުމޫނަކީ ސުންނީ މުސްލިމެއް ނޫން ކަމަށް ބުނެ އަދާލަތު ޕާޓީން ކުރާ ދައުވާގެ ޝަރީއަތް ބުރާސްފަތިދުވަހުގެ ހަވީރު 00: 4 ޖަހާ އިރު ނިންމަން އޮތަސް ސުޕްރީމް ކޯޓުން ފަހުން ބުނެފައި ވަނީ އެ ޝަރީއަތުގެ މަޖިލިސް ބުރާސްފަތި ދުވަހުގެ ރޭ 00: 9 ޖަހާ އިރަށް ފަސްކުރި ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ 00: 10 ޖަހާ އިރު ބާއްވަން ހަމަޖައްސާފައި އޮތް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު )އަންނި( ގެ ޝަރުތުހަމަނުވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ކުރާ ދައުވާގެ ޝަރީއަތް ހަމަ އެގަޑީގައި އޮންނާނެ ކަމަށް ވެސް ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ.
21: 15
މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ބާއްވާ ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް މައުމޫން ކުރިމަތިލެއްވުމުން އިލެކްޝަންސް ކޮމިޝަނުން، ކެންޑިޑޭޓެއްގެ ގޮތުގައި އެ މަނިކުފާނުގެ ނަންފުޅު ބަލައިގަތް ބަލައިގަތުމަކީ ސައްހަ ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމް ކޮށްފި އެވެ.
ގާނޫނު އަސާސީގެ 107 ވަނަ މާއްދާއާ ހަވަލާދީ، ރައީސް މައުމޫނަށް އިތުރު ދައުރަކަށް ރައީސް ކަމަށް ކުރިމަތިނުލެއްވޭނެ ކަމަށް ބުނެ، ސޯޝަލް ލިބަރަލް ޕާޓީން އިލެކްޝަން ކޮމިޝަންސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިންމައި ހުކުމް އިއްވަމުން، އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަބްދުﷲ ސައީދު ވިދާޅުވީ މި ގޮތަށް ނިންމީ ދުސްތޫރީ ގޮތުންނާއި ގާނޫނީ ގޮތުން ބަލަންޖެހޭ ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ.
ރައީސް މައުމޫނަށް އިތުރު ރިއާސީ ދައުރަށް ކުރިމަތިލެއްވޭނެ ކަމަށް ހުކުމް ކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ގާނޫނީ ގޮތުންނާއި ދުސްތޫރީ ގޮތުން މި މައްސަލައިގައި ކުރި ދިރާސާތަކަށް ފަހު، މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީއަކީ އާ ގާނޫނު އަސާސީއެއް ކަމަށް ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން 1932 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ގާނޫނު އަސާސީތައް އެކި މަރުހަލާގައި އުވާލާފައިވާ ކަމަށާއި އެ ގޮތުން 1998 ވަނަ އަހަރުގެ ޖެނުއަރީ 1ން ފެށިގެން އަމަލުކުރަމުން އައި ގާނޫނު އަސާސީ ވެސް އުވިފައިވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ލިބަރަލް ޕާޓީގެ ރިއާސީ ކެންޑިޑޭޓް އިބްރާހީމް އިސްމާއީލް ޝަރީއަތުގެ މަޖިލީހަށް ވެދެވަޑައިގެން އިންނެވުމަށް ފަހު، ޝަރީއަތުގެ މަޖިލީސް ފެށުމުގެ ކުރިން އޭނާ މަޖިލީހުން ނުކުމެވަޑައިގެންނެވި އެވެ. މިއަދު މެންދުރު ފަހު ދޭއް ޖަހާއިރު ފެށުމަށް ހަމަޖެހިފައި އޮތް ޝަރީއަތުގެ މަޖިލިސް ފެށުނީ އޭގެ ބައިގަޑިއިރު ފަހުން 30: 2ގަ އެވެ.
50: 14
މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ބާއްވާ ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް މައުމޫން ކުރިމަތިލެއްވުމުން އިލެކްޝަންސް ކޮމިޝަނުން، ކެންޑިޑޭޓެއްގެ ގޮތުގައި އެ މަނިކުފާނުގެ ނަންފުޅު ބަލައިގަތް ބަލައިގަތުމަކީ ސައްހަ ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމް ކޮށްފި އެވެ.
(އިތުރު ތަފްސީލް އަންނަނީ...)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ