އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އަކީ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރައްވާފައިވާ ބޭފުޅެއް ނޫން ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އޭނާގެ ނަން ބަލައިގަތުމަކީ ސައްހަ ބަލައިގަތުމެއް ކަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން މިދިއަ ބުރާސްފަތި ދުވަހުގެ ރޭ ނިޔާ ކަނޑައަޅައިފި އެވެ.
އަންނި އަކީ ރައީސްކަމުގެ މަގާމަށް އިންތިޚާބުކުރެވޭ މީހެއްގައި ހުންނަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ޝަރުތު ހަމަނުވާ ބޭފުޅެއް ކަމަށް ބުނެ އަންނިގެ ކެންޑިޑެންސީ ބާތިލުކޮށްދިނުމަށް ދައުވާ ކުރީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ލީގުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ މެމްބަރު ސ. ހިތަދޫ ލާމިގޭ މޫސާ އަންވަރެވެ. އޭނާ މި މައްސަލަ ހުށަހަޅާފައިވަނީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ކ)އާ ހަވާލާދީ އެވެ.
ދެ އަޑުއެހުން ބޭއްވެވުމަށް ފަހު އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަބްދުﷲ ސައީދު ނިޔާ އިއްވަވަމުން ވިދާޅުވީ މި މައްސަލައިގައި ހަސްމުންގެ ބަޔާންތަކަށާއި ދެކެވުނު ވާހަކަތަކަށް ޝަރީއަތުން ބެއްލެވި އިރު ދެ ނުގުތާއެއް ފާހަގަކުރެއްވޭ ކަމަށެވެ. އެ ގޮތުން އަންނިގެ މައްޗަށް ވައްކަމުގެ ކުށެއް ސާބިތު ވެގެން ދަށު ކޯޓުން ހުކުމްކޮށްފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެހެންނަމަވެސް އެއީ ހައްދު ކަނޑައެޅިފައިވާ ހުކުމެއް ނޫން ކަން ފާހަގަކުރެއްވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހައްދު ގާއިމު ކުރެވެނީ ދެ މިންގަނޑަކަށް ބަލައިގެން ކަމަށެވެ. އެ ގޮތުން ތައުޒީރީ ހުކުމާއި ހައްދުގެ ހުކުމް އޮންނަ ކަމަށް ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަންނިގެ މައްޗަށް ވައްކަމުގެ މައްސަލައެއްގައި ޖިނާއީ ކޯޓުން ހުކުމެއް އިއްވާފައި ވިޔަސް، އެ މައްސަލައިގައި ވައްކަން ކުރި ކަމަށް އަންނި އިއުތިރާފްވެފައި ނުވުމުގެ އިތުރުން، ހ. ވެލާނާގެ ތެރެއިން އަންނި ގެންދެވި ކަމަށް ބުނާ ތަކެތި އެތަނުން ނެރެގެން ގެންދެވީ ސަރުކާރުގެ ކަމާ ބެހޭ މުވައްޒަފުންގެ ކުރިމަތީގައި ކަން ވެސް ޝަރީއަތަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ވައްކަމުގެ ހައްދު ގާއިމުކުރެވެނީ، އެ މީހަކު ވައްކަން ކުރި ކަމަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސަރީހަ އިބާރާތުން އިއުތިރާފްވުމުން ނުވަތަ އަދުލުވެރި ދެ ހެކިންގެ ހެކިބަހުން ކަމަށް ވެސް ވިދާޅުވި އެވެ.
މި ނުކުތާތަކަށް ރިޔާއަތް ކުރާއިރު، ވައްކަމުގެ އެ މައްސަލައިގައި އަންނިގެ މައްޗަށް އިއްވާފައިވަނީ ތައުޒީރީ ހުކުމެއް ކަމަށް ވާތީ އާއި އެއީ ހައްދު ކަނޑައެޅިފައިވާ ހުކުމެއް ކަމަށް ނުވާތީ، ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އަންނިގެ ނަން އިލެކްޝަންސް ކޮމިޝަނުން ބަލައިގަތް ބަލައިގަތުމަކީ ސައްހަ ނިންމުމެއް ކަމަށް އުއްތަމަ ފަނޑިޔާރު ހުކުމްކުރެއްވި އެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ކ) ގައި ބުނެފައި ވަނީ އިސްލާމް ދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭނެ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ގެކޮޅު ހ. ވެލާނާގޭ ގައި ހުރި އެއްޗެހިތަކެއް ވަގަށް ނެންގެވިކަމުގެ ތުހުމަތުގައި މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާކޮށް، 8 ނޮވެމްބަރު 2001 ގައި ޖިނާއީ ކޯޓުން އަންނިގެ މައްޗަށް ވަނީ ދެ އަހަރާއި ހަ މަސްދުވަހަށް އަރުވާލުމަށް ހުކުމްކޮށްފަ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ މި މައްސަލަ ނިމިގެން މޫސާ އަންވަރާއި އިލެކްޝަންސްގެ ވަކީލުންނާއި އަންނިގެ ވަކީލުން ބޭރަށް ނުކުތް އިރު އެ ސަރަހައްދަށް އެއްވެ ތިބި އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މޫސާ އަންވަރާ ދިމާއަށް ހޯބޯ ލަވަމުން ދުއްވައިގަތެވެ. ފުލުހުންގެ ސަފުތަކުގެ އެހީގައި އެންމެން ހުއްޓުވަން މަސައްކަތް ކުރަމުން ދިޔައިރު ފުރޭނިގެން ވަން ބައެއް މީހުން މޫސާ އަންވަރަށް ހުތުރު ބަހުން އެއްޗެހި ގޮވައި އަދި ބައެއް މީހުން މަލާމަތްކޮށް ވެސް ހެދި އެވެ. ނަމަވެސް އެއްވެސް ކަހަލަ މާރާމާރީއެއް ހިންގާފައެއް ނުވެ އެވެ. އެއްވި މީހުން އެ ސަރަހައްދު ދޫކޮށް ދިޔައީ ފުލުހުން މޫސާ އަންވަރު ސުޕްރީމް ކޯޓު ތެރެއަށް ވެއްދުމުންނެވެ.
ރިޔާސީ އިންތިހާބު 2008: ހައްދު ކަނޑައެޅިފައިވާ ކުށެއް އަންނިގެ މައްޗަށް ސާބިތުވެފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ