އެމްއެންއެސްއެލްގެ އިންޖީނު ހަލާކުވި ބޯޓުގެ މައްސަލަ ހައްލުވެއްޖެ

އެފްރިކާގެ އިކުއެޓޯރިއަލް ގިނީގެ ބާޓާގެ ބަނދަރުގައި އިންޖީނު ހަލާކުވުމުގެ ސަބަބުން ތާށިވެފައި އޮތް މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް )އެމްއެންއެސްއެލް(ގެ "އެމްވީ މޯލްޑިވް އެންޓަޕްރައިސް" އަށް ދިމާވި މައްސަލަ މުޅިން ހައްލުވެއްޖެ ކަމަށް އެ ބޯޓުގެ ކެޕްޓަން ބުނެފި އެވެ.
ބޯޓުގައި ހުރި ކެޕްޓަން ފޯނުން ވާހަކަ ދައްކަވަމުން ވިދާޅުވީ މި ވަގުތު އެއްވެސް މައްސަލައެއް ނެތް ކަމަށާއި ކުންފުނިން އެންގުމުން ފުރާނެ ކަމަށެވެ.
"މިހާރު ނަގަންޖެހޭ ހުއްދަތަކާއި އެ ނޫން ވެސް ބައެއް ލިޔެކިޔުމުގެ ކަންތައްތައް ފުރިހަމަކުރަމުން މި ދަނީ. ބޯޓު އޮތީ ފުރޭ ހާލަތުގައި،" ކެޕްޓަން ވިދާޅުވި އެވެ.
ކޮންޓެއިނަރުތަކެއް ހިފައިގެން އަލްޖީރިއާގެ ބާޓާ އަށް ދަތުރުކުރި 12،000 ޓަނުގެ މޯލްޑިވް އެންޓަޕްރައިސްގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަނޑުމައްޗަށް ހުއްޓުނީ އޮކްޓޯބަރު މަހުގެ ކުރީކޮޅު އެވެ. އަދި ކަނޑުމަތީގައި ހާލުގައިޖެހިގެން ދެ ހަފުތާއެއްހާ ދުވަސް ހޭދަކުރި ފަހުން ބާޓާ އަށް ގެންދިޔައީ ބޯޓު ޗާޓަރުކޮށްގެން އުޅުނު ހޮލެންޑްގެ ކުންފުނިން ފޮނުވި ޓަގެއް ޖަހައިގެންނެވެ.
ބާޓާގެ ބަނދަރުގައި އޮއްވައި އެ ބޯޓުން ކާބޯތަކެއްޗާއި ފެން ހުސްވެ ބައެއް ފަޅުވެރިންނަށް މެލޭރިޔާ ޖެހުނެވެ. އަދި މިކަން ހައްލުކުރުމަށް ކުންފުނިން އެކަށީގެންވާ ވަރަށް މަސައްކަތްކޮށްފައިނުވާ ކަމަށް ބުނެ ބޯޓުގައި ތިބި ބައެއް ފަޅުވެރިން ކުރިން ޝަކުވާކޮށްފައިވެ އެވެ. މި މައްސަލައާ ގުޅިގެން ރާއްޖެ އަންނަން ބޭނުންވި ބައެއް ފަޅުވެރިން ކުންފުނިން ވަނީ މާލެ ގެނެސްފަ އެވެ. ކުންފުނިން މިހާރު ބުނަނީ އެ މައްސަލަތައް ހައްލުވެއްޖެ ކަމަށެވެ.
ނަމަވެސް ރާއްޖެ އައިސް އުޅޭ އެ ބޯޓުގެ ފަޅުވެރިއެއް ކަމަށްވާ މއ. ތަބައްގޭ އަދުނާނު އަލީ ބުނީ ބޯޓުން އަނެއްކާ ވެސް ފެން ހުސްވެފައިވާ ކަމަށް ޚަބަރު ލިބިފައިވާ ކަމަށެވެ.
"ބޯޓުގައި ހުރި ކުއްޖަކު އަޅުގަނޑަށް އަންގާފައި އެބަ އޮތް ފެން ހުސްވެއްޖެ ކަމަށާއި އެ ކަމުގައި އެހީތެރިކަމެއް ހޯދައިދިނުމަށް،" އަދުނާނު ބުންޏެވެ.
އެމްއެންއެސްއެލްގެ ޗެއާމަން މުހައްމަދު ޝަރީފް (ސެންކޯ ޝަރީފް) މިދިޔަ ހަފުތާގައި ވިދާޅުވީ ބޯޓުގެ އިންޖީނަށް ދިވާވި މައްސަލަ ހައްލުކުރީ 000` 30 ޑޮލަރު ހޭދަކޮށްގެން ސިންގަޕޫރުގެ އިންޖިނޭރަކު ގެންގޮސްގެން ކަމަށެވެ. ބޯޓުގައި މިހާރު 24 ފަޅުވެރިން ތިބޭނެ ކަމަށާއި ފެނާއި ކާބޯތަކެތީގެ މައްސަލަ ވެސް ނުޅޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. ނަމަވެސް ބުރާސްފަތި ދުވަހު ބޯޓުގެ ކެޕްޓަން ވިދާޅުވީ ބޯޓުގައި ތިބީ 17 ފަޅުވެރިން ކަމަށެވެ.
"ބޯޓަށް އެންމެ މަދުން ބޭނުންވާ ވަރަށް ވުރެ އިތުރަށް ވެސް ފަޅުވެރިން އެބަތިބި. އެއްވެސް މައްސަލައެއް މިހާރަކު ނެތް،" ކެޕްޓަން ވިދާޅުވި އެވެ.
ގާތްގަނޑަކަށް 30 އަހަރުވެފައިވާ މި ބޯޓު ބާ ދަގަނޑުގެ ގޮތުގައި ވިއްކާލުމަށް އެމްއެންއެސްއެލް އިން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ