ފޯކައިދޫ އިންޖީނުގެ އަޕާ ނޯތު ޔުޓިލިޓީސް ކުންފުންޏާ ހަވާލު ނުކޮށްގެން އެރަށުގެ ބަޔަކު ކޯޓު އަމުރަކަށް އެދި އިއްޔެ ހުށަހަޅައިފި އެވެ.
ފޯކައިދޫ ކޯޓުގެ މެޖިސްޓްރޭޓް އަލީ މޫސާ މިއަދު ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައި ވަނީ އިންޖީނުގެ މައްސަލައިގައި ނެގި ވޯޓުގައި، އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރުމަށް ވޯޓުގައި ބައިވެރިވި ގިނަ ބަޔަކު ތާއިދުކުރި ނަމަވެސް، ކައުންސިލުން އެގޮތަށް އަމަލުކުރުން ލަސްވާތީ ކަމަށެވެ.
"އެހެންވެ، އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރުމަށް ކައުންސިލްގެ މައްޗަށް އަމުރުކޮށް ދިނުމަށް މި ރަށުގެ ބަޔަކު ހުށަހެޅީ،" އަލީ މޫސާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ނުފެއްޓި އޮތީ އެކަމުގައި އޭނާގެ މަސްލަހަތު ފުށުއަރާތީ ކަމަށެވެ.
"އަޅުގަނޑުގެ ދަރިން ކައުންސިލްގައި ތިބީމަ މަސްލަހަތު އެބަ ފުށުއަރާ. އެހެންވެ، އެހެން މެޖިސްޓްރޭޓަކާ އެ މައްސަލަ ހަވާލުކޮށްދިނުމަށް އަތޮޅުގެ އިސް މެޖިސްޓްރޭޓަރަށް އަޅުގަނޑު ވާނީ ދަންނަވާފައި،" އަލީ މޫސާ ވިދާޅުވި އެވެ.
ފޯކައިދޫ އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރުމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު ނެގި ވޯޓުގައި ބައިވެރިވި 238 މީހުންގެ ތެރެއިން 227 މީހަކު ވަނީ އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރުމަށް ތާއީދުކޮށްފަ އެވެ. އެ ރަށުގެ އާބާދީއަކީ ގާތްގަނޑަކަށް 1،500 އެވެ.
އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރުން ލަސްވާތީ، އެ ރަށުގެ ބަޔަކު، 24 ގަޑިއިރަށް ވުރެ ގިނައިރު، ކައުންސިލްގެ އިދާރާ ހިސާރުކޮށް އެތަނުގައި ތިއްބެވެ.
ފޯކައިދޫ ކައުންސިލްގެ އިދާރާއިން ބުނެފައިވަނީ އިންޖީނުގެ ހަވާލުކުރުން ލަސްވަނީ، އިންޖީނުގެ އަށް ލިބެން ހުރި ފައިސާ ނުލިބި ހުރުމާއެކު، އިންޖީނު ޔުޓީލިޓީސް ކުންފުންޏާ ހަވާލުކުރުމާ މެދު ކައުންސިލްގެ މެމްބަރުންގެ ހިޔާލު ތަފާތުވުން ހުރެގެން ކަމަށެވެ.
ފޯކައިދޫ އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާ ހަވާލު ނުކޮށްގެން ކޯޓު އަމުރަކަށް އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ