މަހެއްހާ ދުވަހު ބޭރުގައި އުޅުއްވުމަށްފަހު މައުމޫން މާލެ ވަޑައިގެންފި

ބަރާބަރު މަހެއްހާ ދުވަސް ވަންދެން ރާއްޖެއިން ބޭރުގައި ޗުއްޓީ ހޭދަކުރެއްވުމަށްފަހު ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ރޭ މާލެ ވަޑައިގެންފި އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު މިދިޔަ ނޮވެމްބަރު 30 ގައި ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަށް ފަހު ރައީސް މައުމޫން ރޭ ރާއްޖެ ވަޑައިގެންނެވިއިރު އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި ޑީއާރުޕީ އަށާއި އެ މަނިކުފާނަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ރަސްމީ ފާލަން ކައިރިއަށް އެއްވި އެވެ. އަދި ރައީސް މައުމޫން މާލެ ވަޑައިގަތުމާއެކު މަރުހަބާގެ ލަވަތައް ޖަހައި ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ.
ކްލިންޓަން ގްލޯބަލް އިނީޝިއޭޓިވް އިން ހޮންކޮންގްގައި ބޭއްވި ތިމާވެށީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައީސް މައުމޫން ރާއްޖެ މި ވަޑައިގެންނެވީ ސިއްހީ ބޭނުންފުޅަކަށް ސިންގަޕޫރުގައި ދުވަސްކޮޅެއް ވަންދެން މަޑުކޮށްލެއްވުމަށް ފަހު އެވެ. މިއަދަކީ އެމަނިކުފާނުގެ 71 ވަނަ އުފަން ދުވަސް ވެސް މެ އެވެ.
ރައީސް މައުމޫން ރޭ 30: 10 ހާއިރު މާލެ ވަޑައިގެންނެވިއިރު ރަސްމީ ފާލަން ސަރަހައްދުގެ ސަލާމަތީ ކަންތައްތައް އޮތީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. ސިފައިންނާއި ފުލުހުން އެ ސަރަހައްދު ބަލަހައްޓަމުން ގެންދިޔައިރު ހިނގާފާނެ ހަމަނުޖެހުމެއް ކޮންޓްރޯލްކުރުމަށްޓަކައި ރައިޓް ގިއަރާއެކު ފުލުހުންގެ ހާއްސަ ޓީމެއް ވެސް ހަރަކާތްތެރިވަމުން ގެންދިޔަ އެވެ. އަދި ރައީސް މައުމޫން ދިރިއުޅުއްވާ މ. އަލިވާގެ ސަރަހައްދު ވެސް ފުލުހުންނާއި ސިފައިން އެ ވަގުތު ވަރަށް ބޮޑަށް ބަލަހައްޓަމުން ގެންގޮސްފައި ވެ އެވެ. ގައުމީ ސަލާމަތީ ބާރުތަކުގެ އިތުރުން އަމިއްލަ ސިކިއުރިޓީންތަކެއް ވެސް ރައީސް މައުމޫނުގެ ހިމާޔަތުގައި ރޭ ހަރަކާތްތެރިވި މަންޒަރު ފެނިފައި ވެ އެވެ.
ގައުމީ ސަލާމަތީ ބާރުތަކުން ރޭ ރަސްމީ ފާލަން ކައިރި ސަރަހައްދު ބަލަހައްޓަމުން ގެންދިޔަ ނަމަވެސް އެ ސަރަހައްދުގައި ހަމަނުޖެހުން ހިންގަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުން ގެންދިޔަތަން ފެނިފައި ވެ އެވެ. އަދި މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ އެމްޑީޕީ އަށް ތާއީދުކުރާ މަދު ބަޔަކު ވެސް އެ ސަރަހައްދަށް އެއްވެ ކޮންމެ ވެސް ވަރަކަށް ހިތްހަމަނުޖެހިގެން އުޅުނުތަން ފެނުނެވެ. އެކަމަކު މާ ބޮޑު ހަމަނުޖެހުމެއް ނުހިނގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ދެ މީހަކު ރޭ ގެންދިޔައީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމުން ކަމަށާއި ފަހުން ނަސޭހަތްދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.
ރައީސް މައުމޫން މިދިޔަ ނޮވެމްބަރު 30 ގައި ރާއްޖެއިން ބޭރަށް ވަޑައިގެންނެވިއިރު އެ މަނިކުފާނު ދިރިއުޅުއްވާގެ އަލިވާގޭގައި ސިފައިން ފޯރިމަރަމުންދިޔަ ނަމަވެސް އެމަނިކުފާނު ރޭ މާލެ ވަޑައިގެންނެވިއިރު އެގޮތަށް އެގޭގެ ބޭރުގައި ސިފައިން ޑިއުޓީގައި ނުތިބެ އެވެ. އަދި މިއަދަކު ވެސް ނެތެވެ. ނަމަވެސް އެމްއެންޑީއެފްގެ މީޑިއާ ކޯޑިނޭޓަރު މޭޖަ އިބްރާހިމް އަފްޒަލް މިއަދު ވިދާޅުވީ ރައީސް މައުމޫނަށް ދައުލަތުން ފޯރުކޮށްދޭ ސިކިއުރިޓީގެ ހިދުމަތް ކަނޑާނުލާ ކަމަށެވެ. އެކަމަކު އަލިވާގޭގެ ބޭރުގައި ސިފައިން ނުތިބޭ ގޮތަށް ހަމަޖެއްސެވީ ކޮން އުސޫލެއްގެ ދަށުންތޯ ދެންނެވުމުން އަފްޒަލް ވިދާޅުވީ "ސިފައިން ސިކިއުރިޓީ ބަލަހައްޓާނެ ގޮތާ ބެހޭ ގޮތުން އެއްޗެއް ދަންނަވަން އަޅުގަނޑު ބޭނުމެއް ނޫން" ކަމަށެވެ.
"ސިކިއުރިޓީ އެބަދެން. އެކަމެއް ހުއްޓައެއްނުލަން،" އަފްޒަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ