މާފުށީ ޖަލުގައި ތިބި 100 އަށް ވުރެ ގިނަ ގައިދީން އެއްފަހަރާ މާލެ ގެނެސް އާއިލީ ބަންދަށް ދޫކޮށްލުމުން މާލެތެރޭގެ އަމާންކަން ވަރަށް ބޮޑަށް ގެއްލިގެންދާނެ ކަމަށާއި އެއީ އެއްގޮތަކަށް ވެސް ސަރުކާރުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އައިޑީޕީގެ ރައީސް އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ހަވީރަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ 2003 ވަނަ އަހަރު ޖަލުގައި އީވާން ނަސީމް މަރާލުމާ ގުޅިގެން މާލެތެރެއަށް އެތައް ކުށްވެރިންނެއް ދޫކޮށްލުމުން ކުށްކުރުން އިތުރުވި މިންވަރުގެ މަތިން އަދި ހަނދާން ނެތޭހާ ދުވަސް ނުވާ ކަމަށެވެ. އަދި އެ ފަހަރު ހިނގި ހަމަނުޖެހުންތަކުގައި ހަތަރު މީހަކު މަރުވެގެންދިޔަކަން ވެސް އުމަރު ފާހަގަ ކުރެއްވި އެވެ.
"މި ގޮތަށް އެތައް ބަޔަކު ދޫކޮށްލުން އަމާންކަން ވަރަށް ބޮޑަށް ދަށަށް ދާނެ. ހާއްސަކޮށް މާލޭގެ އަމާންކަން ގެއްލިގެންދާނެ. އަދި މާލެ އަކީ މީހުން އަންނަން ބިރު ގަންނަ ތަނަކަށް ވެގެންދާނެ. އެނގިވަޑައިގަންނަވާނެ 2005 ގައި ވެސް ބައެއް ބޭރު މީހުން ރާއްޖެ އަންނަން ޖެހިލުން ވެގެން އުޅުނު. އެއީ އޭރު ގިނަ ކުށްވެރިންތަކެއް ދޫކޮށްލައި މާލޭގެ އަމާންކަން ގެއްލިފައ އޮތުމުން. އަނެއްކާ އެ ޕްރޮސެސް އަށް ހިނގައިދާނެ ކަމާ މެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ،" ކުރީގެ ސަރުކާރަށް ވެސް އަދި އާ ސަރުކާރަށް ވެސް ފާޑު ވިދާޅުވަމުން ގެންދަވާ އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގިނަ ކުށްވެރިންތަކެއް އާއިލީ ބަންދަށް ދޫކޮށްލިއިރު އެންމެ ބޮޑު މައްސަލަ އަކީ ގާނޫނު އަސާސީ އާއި ޕެރޯލްގެ ގަވާއިދާ ހިލާފަށް ސަރުކާރުން އަމަލު ކުރުމެވެ. އެގޮތުން އާއިލީ ބަންދަށް އެ ގައިދީން ދޫކޮށްލިއިރު ޕެރޯލް ބޯޑަށް އޭގެ އެއްވެސް ކަމެއް އެނގިފައި ނެތުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް އުމަރު ވިދާޅުވި އެވެ.
"ޕެރޯލްގެ ގަވާއިދު އޮންނަ ގޮތުން ޕެރޯލް ބޯޑުން ގޮސް އިންޓަވިއުކޮށް ފާސްވާ ބަޔަކު މި ދޫކޮށްލަނީ. އެކަމަކު ސަރުކާރުން މި ހެދި ގޮތަކީ ވަކި ބަޔަކަށް ފެންނަ ބަޔަކު މާލެ ގެނެސް އާއިލާއާ ހަވާލުކޮށްފައި ދެން ޕެރޯލް ބޯޑަށް މި އަންގަނީ ކަލޭމެން ގޮސް އިންޓަވިއު ކުރާށޭ. މިއީ ކަންތައް ކުރާ ގޮތެއް ނޫން. ދުނިޔޭގެ ކޮން ގައުމެއްގައިތޯ 18 އަހަރު ވެފައި ތިބޭ މީހުން ގޮސް މައިންބަފައިންނާ ހަވާލުކުރަނީ؟ އެފަދަ ކުށްވެރިން ދޫކޮށްލާނީ ޕެރޯލްގެ ދަށުން. އެ މީހުން ބަލަހައްޓާނެ ނިޒާމްތަކެއް ރޭވިފައި އޮވޭ،" އުމަރު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އާ ސަރުކާރުން ގެންގުޅެނީ ލިބަރެލިޒަމްގެ ފިލޯސަފީ ކަމަށާއި އެ ސަރުކާރުން ހިމާޔަތް ކުރަން ބޭނުންވާނީ ކުށްވެރިންގެ ހައްގުތައް އެކަނި ކަމަށެވެ. އަދި ވިދާޅުވީ މާފުށީ ޖަލުގެ 300 އެއްހާ ކުށްވެރިން ފޭދޫފިނޮޅަށް ބަދަލު ކުރުމަކީ ވެސް އާންމުންގެ ލޮލުގައި ސަރުކާރުން އަޅުވާ "އަނދުނެއް" ކަމަށް އުމަރު ވިދާޅުވި އެވެ.
"އޭރުން ހަމައެކަނި ބަދަލަކީ މާލޭގެ ބަދަލުގައި އެހެން ތަނެއްގައި ތިބޭކަން. އެހެން ބައިތިއްބާފައި ދުވަސްކޮޅަކުން ދޫކޮށްލާނެ. ސިޔާސީ ގޮތުން ކުރިމަތިވެދާނެ ފިއްތުންތަކަކަށް މި ވަގުތު އެ އެންމެން މާލެ ގެންނަން ސަރުކާރުން ޖެހިލުންވާތީ ފޭދޫ ފިނޮޅަށް ގެންދަނީ،" އުމަރު ވިދާޅުވި އެވެ.
ގައިދީން އާއިލީ ބަންދަށް ދޫކޮށްލުން: ގިނަ ބަޔަކު ދޫކޮށްލުމުން މާލެތެރޭގެ އަމާންކަން ވަރަށް ބޮޑަށް ގެއްލިދާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ