ރައްޔިތުންގެ މަޖިލިހުން ވަޒީރުންނަށް ރުހުން ދިނުމުގައި މަޖިލީހުގެ ގަވާއިދުގެ 171 (ވ) އަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ ހުކުމް ކުރި ނަމަވެސް ޔަގީންވި އެއް ކަމެއް އޮތެވެ؛ އެއީ އެ ހުކުމް އެގޮތަށް އައި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށިތާ 10 މިނިޓް ތެރޭގައި ނިންމާލަން ޖެހުނީ ކުރިން ހީކުރި ގޮތާ ހިލާފަށް ރުހުން ދޭނީ ގަނޑުކޮށްތޯ ނުވަތަ ވަކިވަކިންތޯ ސާފު ނުވެގެނެއް ނޫނެވެ. ސަރުކާރު ހިންގާ އެމްޑީޕީގެ މެމްބަރުން ނަންގަވަން ފެއްޓެވި ނިޒާމީ މައްސަލަތަކާ ހެދި އެންމެ ފަހުން އިދިކޮޅު ފަރާތްތަކުން ވެސް ނިޒާމީ މައްސަލަތައް ފެންމަތިކޮށް ޖަލްސާ ހުއްޓާލަން ޖެހުނީ މަޖިލީހުގެ ގަވާއިދުގެ މައްސަލައަކާ ގުޅުވައިގެންނެވެ. އެމްޑީޕީން ނިޒާމީ މައްސަލަ ނަގަން ފެއްޓެވީ މަޖިލީހުގެ ރިޔާސަތުން އެޖެންޑާ ވެސް މުޅިން އިއުލާންކޮށް ނުނިމެނީހެވެ.
އެންމެ ފުރަތަމަ ނިޒާމީ މައްސަލަ ނެންގެވީ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ރައީސް ރީކޯ މޫސާ މަނިކެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާފައިވާ ގޮތަށް މަޖިލީހުން އިހުތިރާމްކުރާ ނަމަ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ކަންތައްތައް ކުރާނެ ގަވާއިދެއް މަޖިލީހުން އެކުލަވާލަންޖެހޭ ކަމަށެވެ. އަދި އެފަދަ ގަވާއިދެއް ނެތި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ފުރުސަތު ދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ގަބޫލުފުޅު ކުރައްވާފައިތޯ މި ވަނީ ބޭފުޅުންގެ [ވަޒީރުކަމަށް އައްޔަން ކުރައްވާފައިވާ ބޭފުޅުން] ޝަރުތު މިއޮތީ މިހާރު ހަމަވެފައި ކަމަށް. އެހެން ވެގެންތޯ އެޖެންޑާ ކުރެއްވީ. ކޮމެޓީއަކަށް ފޮނުއްވީމަ ކޮމެޓީގައި މައްސަލަ ހިނގާދިޔަ ގޮތް ރައީސަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. މަޖިލީހުގެ ފްލޯ އަށް އަންނަ ހުރިހާ ކަމެއް ވެސް ގެންނަނީ ކޮމެޓީތަކަށް ފޮނުވައި ކޮމެޓީތަކުން އެކަންކަމުގެ ޝަރުތު ހަމަވޭތޯ ބެލުމަށް ފަހުގައި. އެހެންވީމަ ގަވާއިދު އިސްލާހު ކުރުމަށް ފަހު ގަވާއިދަށް އެ މާއްދާ އެކުލަވައިގެން ނޫނިއްޔާ މަޖިލީހުގައި މިކަމާ ބެހޭ ގޮތުން އެއްވެސް މަސައްކަތެއް ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެން އެދޭ ކަމެއް ނޫން،" ރީކޯ މޫސަ ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވުމާއެކު އެމްޑީޕީގެ އެހެން މެމްބަރުން ވެސް ނިޒާމީ މައްސަލަ އަށް އެދިވަޑައިގެން އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ވެސް އަޑުގަދަ ކުރައްވަން ފެއްޓެވި އެވެ.
ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސާ ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމެޓީ މަރުހަލާގައި ނިންމަންޖެހޭކަން މަޖިލީހުގެ ގަވާއިދުން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެހެން ވަޒީރުންނަށް ރުހުން ދީފައިވާކަން ނުވަތަ ނޫންކަން މަޖިލީހުގެ ރައީސް އިދާރީ ގޮތުން ކަނޑައަޅުއްވަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނޫނީ ކޮމެޓީގައި ރުހުން ދީފައި ގެންނަން ޖެހޭނީ. އެ ނޫން ގޮތަކަށް މި ތަނުގައި، މަޖިލީހުގައި ރުހުން ދޭކަށް ނުގެނެވޭ. މި މަޖިލީހުގައި ކަންތައް ކޮށްފައިވާ ގޮތެއް ނޫން. ކޮމެޓީ މަރުހަލާ ނިންމާފައި މި ތަނަށް ގެންނަން ޖެހޭނީ،" އަހުމަދު އީސާ ވިދާޅުވި އެވެ.
އިދިކޮޅު މެމްބަރުންގެ ނިޒާމީ ނުކުތާގައި އެ ބޭފުޅުން ވިދާޅުވަމުން ގެންދެވީ އެމްޑީޕީން މަސައްކަތް ކުރަނީ ވަޒީރުންނަށް ރުހުން ދިނުމުގެ ކަންތައްތައް ލަސްކުރަން ކަމަށެވެ. އަދި އެކަން އެގޮތަށް އެމްޑީޕީން ކުރަން ބޭނުންވަނީ މަޖިލީހުގައި އެ ޕާޓީ ބޭނުންވާ ގޮތަށް ވޯޓު ދެއްވާނެ މެމްބަރުން ހަމަނުވެގެން ކަމަށް ޑީއާރުޕީން ތުހުމަތުކުރި އެވެ.
"މިހާރު ޖެހިގެން މިއުޅޭ މައްސަލައަކީ އެމްޑީޕީގެ މެމްބަރުންނަށް ވޯޓު ހަމަނުވެގެން، އަޅުގަނޑުމެންގެ ތެރެއިން ވޯޓު ނުލިބޭނެކަން ޔަގީންވާތީ މި ޖަލްސާ ހުއްޓާލަންވެގެން މަސައްކަތް ކުރަމުން އެ ދަނީ،" މާފަންނު ހުޅަނގު ދާއިރާގެ އަބްދުﷲ އަބްދުއް ރަހީމް ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް ޔަގީން މިތާނގައި އެންމެ ވަޒީރަކަށް ވެސް ލާހިކު ކުޅަދާނަ ކަމެއް ނޫން މި މަޖިލީހުން ރުހުން ލިބިގެން ދެން ދާކަށް."
ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ ވަޒީރުންނަށް ރުހުން ދީފައި ނޫނިއްޔާ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި އަދިވެސް އެމްޑީޕީން އުޅެނީ ވޯޓު ހަމަނުވެ، "ރިޝްވަތު ނުދެވިގެން" ކަމަށެވެ.
"ގަވާއިދެއް ނޫން މައްސަލައަކީ. މެމްބަރުން ނުގަނެވިގެން މި އުޅެނީ. ރިޝްވަތު ނުދެވިގެން މި އުޅެނީ. ރައްޔިތުންގެ ލޭ ނުބޮވިގެން އުޅެނީ. [ވަޒީރުންނަށް] ރުހުން ދޭން ހުރަސް އަޅަނީ މިހާރު އެމްޑީޕީއަށް މެމްބަރުން ނުގަނެވިގެން،" އަލީ ވަހީދު ވިދާޅުވި އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރިޔާސަތުން މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނީ ގާނޫނު އަސާސީގެ 129 (ރ) ގެ ދަށުންނެވެ. އަދި އެ މައްސަލަ އެޖެންޑާ ކޮށްފައި ވަނީ ކުރިއާ ހިލާފަށް ރިޔާސަތުން ހުށަހަޅާ މައްސަލައެއްގެ ގޮތުގަ އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކުރި ގާނޫނު އަސާސީގެ 129 (ރ) ގައި ވަނީ "ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހުންގެ ނަންތައް، އެ މީހުން އައްޔަން ކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެ އެވެ،" މިހެންނެވެ.
މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ ނިޒާމީ މައްސަލަ ނެންގެވި ރީކޯ މޫސަ އަށް ޖަވާބު ދެއްވަމުން ރިޔާސަތުން މަޖިލީހުގެ ރައީސް ޝާހިދު ވިދާޅުވީ ރިޔާސަތުން ހުށަހަޅަން އުޅުއްވީ ވަޒީރުންނަށް ރުހުން ދިނުމުގައި މަޖިލީހުގައި އަމަލުކުރަން ޖެހޭ ގޮތަކީ ކޮބައިތޯކަން ކަނޑައެޅުން ކަމަށެވެ. އެހެން ނަމަވެސް އެކަން ރިޔާސަތުން ހުށަހެޅުއްވުމުގެ ކުރިން އަދި އެކަމާ ގުޅޭ ގޮތުން ރިޔާސަތުން ވަކި އެއްޗެއް ވިދާޅުވުމުގެ ކުރިން ނިޒާމީ މައްސަލަތަކާ ހެދި މަޖިލިސް ހޫނުވެގެން ދިޔަކަން ފާހަގަ ކޮށްލެވެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން އިދިކޮޅު ޑީއާރުޕީގެ ލީޑަރު އަދި ކެންދޫ ދާއިރާގެ އަހުމަދު ތަސްމީން އަލީ މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަނީ "ކޮންމެވެސް ކަހަލަ އުކުޅެއް" ބޭނުންކޮށްގެން، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ލަސްކުރުމަށް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމަށް ދެން ކުރިއަށް ދާނެ ގޮތެއް ކަނޑައަޅަން ޖެހުމުން ދެން ވެސް އެމްޑީޕީން "ކޮންމެވެސް ބަހަނާއެއް" ދައްކަނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި ވެގެން މި އުޅޭ ގޮތަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން، މިހާރު އައްޔަން ކުރައްވާފައި ތިއްބެވި ވަޒީރުންނާ ދޭތެރޭ ދެކޭގޮތް އެ ބޭފުޅުންނަށް ތަހައްމަލު ކުރަން އުނދަގޫވެގެން އެކަން ނިންމިޔަ ނުދޭން ކުރާ މަސައްކަތެއް. އޭގެ އިތުރު ބޮޅެއް އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ،" މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވި އެވެ. "ހަގީގަތުގައި ޑިމޮކްރެސީ އަށް ވަރަށް ބޮޑަށް ތާއީދު ކުރައްވައި އެކަން ދަމަހައްޓަން މަސައްކަތް ކުރައްވާ ކަމަށް ދޭތެރެދޭތެރެއިން ވިދާޅުވާ ޕާޓީގެ ބޭފުޅުންނަށް ޑިމޮކްރެސީގެ އުސޫލުން ކަންކަން ނިންމާކަށް ޖާގަ ދޭކަށް ކެރިވަޑައިނުގަންނަވާ. އެއީ ރައްޔިތުންގެ މަޖިލީހުން ބައެއް ވަޒީރުންނަށް ރުހުން ނުދީފާނެ ކަމުގެ ބިރު އެ ބޭފުޅުންނަށް އޮންނާތީ އެކަން ލަސްކުރަން އެ މަސައްކަތް ކުރަނީ."
ތަސްމީން އަދި ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ ކަންތައްތައް ނިންމަންޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ކަމަށާއި ތަޅުމުން ނިމޭ ގޮތަކަށް ޑީއާރުޕީން ތާއީދުކުރާނެ ކަމަށެވެ. ތަސްމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު މަޖިލީހުގެ ގަވާއިދުގެ މައްސަލައެއް ފެންމަތިކޮށްގެން އެމްޑީޕީން ދައްކާ ވާހަކަތައް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
"ކުރިއަށްދާނެ ގޮތަކާ ބެހޭ ގޮތުން ވާހަކަ ނުދެއްކުން އެއީ ކޮންކަހަލަ އުސޫލެއް ކަމެއް އަޅުގަނޑަކަށް ދަންނަވާކަށެއް ނޭނގޭ. ކުރިއަށް ދާނެ ގޮތަކާ ބެހޭ ގޮތުން ވެސް މަޖިލީހުގައި ވޯޓެއް ނަގައިގެން ނިންމަން އަޅުގަނޑުމެން މިތިބީ ތައްޔާރަށް. ގިނަ މެމްބަރުންނަށް ފެންނަ ގޮތަކަށް ނިންމަންވީ. އެހެންވީމަ ވޯޓެއް ނަންގަވަން ވީ. އެ ބޭފުޅުން [އެމްޑީޕީ] އަށް އެދިވަޑައިގަންނަވާ ގޮތެއް ވެސް ހުށަހަޅުއްވަންވީ. ހުށަހަޅުއްވައިގެން އެއަށް ތާއީދު ލިބިއްޖިއްޔާ އަޅުގަނޑުމެން ތާއީދު ކުރާނަން،" ތަސްމީން ވިދާޅުވި އެވެ. "ހަމަ ހަގީގަތުގައި ވެސް މުޅި ބޭނުމަކީ ވަރަށް ސާފުކޮށް އިނގެން މިއޮތީ އަނެއްކާ ވެސް ދުވަސްތަކެއް ގެއްލުވާލަންވީ."
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ހައްލެއް ނުފެނި މިއަދުގެ ޖަލްސާ 10: 9 ހާއިރު ރިޔާސަތުން ނިންމާލެއްވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ގޮވާލައްވައިފަ އެވެ. އަދި ޖަލްސާ އަށް ފަހު އެ މަޝްވަރާތައް ވެސް ވަނީ މަޖިލީހުގައި ފަށައިފަ އެވެ. އެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންފައި ވަނީ އެމްޑީޕީގެ ފަރާތުން ރީކޯ މޫސަ އާއި ފޭދޫ ދާއިރާގެ އަލްހާން ފަހުމީ އާއި ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސޯލިހާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމް އަދި ޑީއާރުޕީން އަލީ ވަހީދާއި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފާއި ހަނިމާދޫ ދާއިރާގެ މުހައްމަދު މުޖުތާޒާއި ގެމަނަފުށީ ދާއިރާގެ އިލްހާމް އަހުމަދާއި ޕީއޭއިން ދިއްގަރު ދާއިރާގެ އަހުމަދު ނާޒިމް އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން މާމިގިލީ ދާއިރާގެ ގާސިމް އިބްރާހީމާއި ގައުމީ ޕާޓީން ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދެވެ.
އެ މަޝްވަރާގައި މާ ބޮޑު ހައްލެއް ނުފެންނަ ކަމަށް ވެ އެވެ. އަދި އެއްބަސްވުމަކަށް އާދެވުނީ އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕަށް ފެންނަ ހުށަހެޅުމެއް މަޝްވަރާ އަށް ހުށަހެޅުމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމާއެކު ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގޮތެއް ނުވެފައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ